Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ބޮޑު މެޗުތަކަށް ތައްޔާރުވާން ތިއްބައި ލީގު ކަޕުން ސިޓީ ކަޓައިފި

އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ސައުތެމްޓަންއާ ވާދަކުރި މެޗުން 0-2 އިން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ސިޓީ މުބާރާތުން ކެޓިއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ދެން އެޓީމަށް އޮތީ އުނދަގޫ ދެ މެޗެވެ. އެހެންވެ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިން ނުހިމަނަ އެވެ. އޭގެތެރޭގައި ސިޓީގެ ގޯލްކީޕަރު އެޑަސަން އާއި ކެވިން ޑި ބްރޭނާގެ އިތުރުން އާލިން ބްރައުޓް ހާލަންޑް ހިމެނެ އެވެ. އެކަމަކު ދެވަނަ ހާފުގައި ޑި ބްރޭނާ އާއި ހާލަންޑް ވަނީ ކުޅެން އަރައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އޮތީ އެއްވަނައިގައި އޮތް އާސެނަލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ސިޓީ ރަށުން ބޭރުގައި ނުކުންނާނީ މިހާރު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އޭގެފަހުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކުރާނެ އެވެ. އެ ދެމެޗުން މޮޅުވެގެން ނޫނީ މި ސީޒަނުގެ ލީގު ހޯދަން ސިޓީ އަށް އުނދަގޫވާނެ އެވެ. ލީގު ކަޕް މެޗުގެ ކުރިން ވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލީގުގައި ކުރިއަށް ހުރި މެޗުތައް ކާމިޔާބުކުރުން މުހިއްމު ކަމަށް ބުނެފަ އެވެ.

ޕްރިމިއާ ލީގުގެ ފުލުގައި އޮތް ސައުތެމްޓަނުން ރޭގެ މެޗުގެ ދެގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެކޫ މާރާ އެވެ. އޭގެ ފަސް މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ މޫސާ ޖެނެޕޯ އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުން ރޭ ނޮޓިންހަމް ފޮރެސްޓް ވެސް ވަނީ ޖާގަ ހޯދާފަ އެވެ. އެޓީމު އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ފޮރެސްޓް ކުރި ހޯދީ 3-4 އިންނެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ހަތަރު ޓީމަކީ ސައުތެމްޓާއި ފޮރެސްޓުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑެވެ. ސެމީ ފައިނަލުގައި ސައުތެމްޓަން ނިއުކާސަލް ޔުނައިޓެޑާ ވާދަކުރާއިރު މެންޗެސްޓާ ޔުނައިޓެޑް ކުޅޭނީ ފޮރެސްޓާ އެވެ. ސެމީ ފައިނަލުގައި ދެ ލެގު ކުޅޭނެ އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހު ހަފްތާގަ އެވެ.

މި ލިއުމާއި ގުޅޭ