އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުން ލަސްވަނީ ސަރުކާރާއި ޖުޑިޝަރީން އެކަމަށް ހުރަސްއަޅާތީ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީންގެ ހުކުމް އިސްތިއުނާފް ކުރުން ލަސްވަނީ އެކަމަށް ސަރުކާރާއި ޖުޑިޝަރީން ޖެއްސުންކޮށް ހުރަސް އަޅާތީ، ލިޔުންތައް ދޫނުކޮށްގެން. އިސްތިއުނާފު ކުރުން އެބަ ލަސްވޭ. ރިޔާސީ އިންތިހާބަކަށް ވަގުތެއް ނެތް. މިކަމަށް ވެސް އިހްތިޖާޖްނުކޮށް ލިޔުންތައް ލިބޭނެކަމަކަށް ނުވިސްނޭ." ކަމަށެވެ.
މިދިޔަ ޑިސެމްބަރު 25ގައި ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ރިޕޯޓް ނުލިބޭ ކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.