ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމުގެ ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ އުޅަނދެއްގައި ބަނގުރާ އުފުލި މައްސަލަ ބައްލަވައި އެ މައްސަލައާ ގުޅޭ ތަފުސީލު ހިމެނޭ ބަޔާނެއް މިއަދުގެ ފަހު ވަގުތެއްގައި ނެރުއްވާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ހުޅުމާލެއިން އާރުސީސީގެ އުޅަނދެއް ހިފަހައްޓައި ފުލުހުން ފާސްކޮށް ބެލިއިރު އެ އުުޅަނދުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިފައިވެއެވެ. އެ ބަނގުރާ ފުޅިތައް އެ ވޭނުން ނެރުނު މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ މީސްމީޑިއާގައި ދައުރުވެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ޝައްކުކުރެވިގެން ހުޅުމާލެއިން ވޭނެއް ހުއްޓުވައި ބެލިއިރު އެ އުޅަނދުން ބަނގުރާ ފެނުމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ނާޒިމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަނގުރާ އުފުލުމަކީ ބަލައިގަންނަވާނެ ކަމެއް ނޫންކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެކަމަަށެވެ. އަދި އާރްސީސީން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަދި އެ ކުންފުނީގެ މުވައްޒަފުން ނުވަތަ އެހެންވެސް މީހަކު ޤާނޫނާ ޚިލާފު އަމަލެއް ހިންގުމަކީ އާރުސީސީގެ މެނޭޖުމެންޓުން އެކަމަށް ފުރުސަތުދޭނެ ކަމެއް ނޫންކަމަށްވެސް ނާޒިމުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އަދި އެކަން ހިނގި ގޮތް ބަލައި އެކަމުގެ ތަފުސީލުތައް ހިމެނޭ ބަޔާނެއް މިއަދުގެ ފަހުގެ ވަގުތެއްގައި ނެރުއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.