މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސައްލަތައް ތަހުގީގުކުރާ ކޮމިޝަނަށް ސީނިއާ ފައިނޭންޝަލް އޮފިސަރެއް ހޯދަން އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށްފައިވާ އިއުލާންގައި ވާގޮތުން އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކަކީ މަރު ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅޭގޮތުން ދިރާސާ ކުރަން ބޭނުންވާ ފައިސާގެ މުއާމަލާތްތަކާ ގުޅޭ މަސައްކަތްތައް ކުރުމެވެ.
ސީނިއާ ފައިނޭންޝަލް އޮފިސަރުގެ އަސާސީ މުސާރައަކީ މަހަކު 6،295ރ. އެވެ. އޭގެ އިތުރުން ސާވިސް އެލަވެންސްގެ ގޮތުގައި 2،000ރ. އާއި، ހާއްސަ އެލަވެންސްގެ ގޮތުގައި 2،832ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ.
މަގާމުގެ ޝަރުތެއްގެ ގޮތުން ބުނެފައިވަނީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ގާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން މަރު ކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދުމަށެވެ.
ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ މިނެއްގައި ކުރިއަށް ނުދާކަމަށް ބުނެ މީގެ ކުރިންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.