Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤްތިސާދު

ކުރިން އަންދާޒާކުރި މިންވަރަށްވުރެ މި އަހަރު ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 2 ޕޮއިންޓުން ދަށްވާނެ: ވޯލްޑް ބޭންކު

ކުރިން އަންދާޒާކުރި މިންވަރަށްވުރެ މި އަހަރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 2 ޕޮއިންޓުން ދަށްވާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އިޤުތިޞާދަކީ މި އަހަރު މިސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރާނެ އިޤުތިޞާދެވެ. އެހެންނަމަވެސް ކުރިން 12.4 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރި ދިވެހި އިޤުތިޞާދު މި އަހަރު ކުރިއަރާނެކަމަށް މިހާރު އެ ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިންނެވެ.

އިޤުތިޞާދީ ކުރިއެރުން ހުންނާނެކަމަށް ކުރިން އަންދާޒާކުރި މިންވަރު ދަށްވާ މައިގަނޑު ސަބަބަކީ ކޮވިޑުގެ ފަހުން އިޤުތިޞާދު އަލުން އިއާދަވަމުން އައި ހަލުއިމިން މަޑުޖެހުމެވެ. ނަމަވެސް ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމާއި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަކީ މި ސަރަހައްދުގައި އެންމެ ބޮޑަށް ކުރިއަރާ އިޤުތިޞާދަށްވާނެކަމަށް އެ ބޭންކުން އަންދާޒާކުރެއެވެ.

އެހެންނަމަވެސް ޖުމްލަކޮށް މުޅި މި ސަރަހައްދުގެ އިޤުތިޞާދު ހީނަރުވުމަށް މެދުވެރިވެދާނެ ހިރާސްތައް ގިނަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ހިރާސްތަކުގެ ތެރޭގައި ޔޫކުރެއިން ހަނގުރާމައިގެ ނޭދެވޭ އަސަރުތަކާއި، ކޮވިޑުގެ ވަބާގެ އަސަރުތަކާއި، ސަރަހައްދީ އެކި އިޤުތިޞާދުތަކުގައި ހުރި ނާޒުކު ސިފަތައް ހިމެނެއެވެ.

ރާއްޖެއާއި ލަންކާއަށް ޚާއްޞަ ނާޒުކު ސިފައެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކުރީ އެމެރިކާއާއި ޔޫރަޕުގެ އިޤުތިޞާދީ ކުރިއެރުން މަޑުޖެހުމާއި ޗައިނާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ މަދުވުމުގެ ފުރުސަތު ބޮޑުވުމެވެ.

ބޮޑެތި އިޤުތިޞާދުތަކުގައި މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިފައި ހުރުން ދިގުލައިގެން ގޮސްފިނަމަ އެ ޤައުމުތަކުގެ ޕޮލިސީ އިންޓަރެސްޓު ރޭޓުތައް އިތުރަށް ބޮޑުކުރުމުން މާލީ ބާޒާރަށް ދަތިކަން ކުރިމަތިވެ ބޭރު ފައިސާގެ އެކްސްޗޭންޖުގެ ފިއްތުންތައް ބޮޑުވުމަކީ އޮތް ހިރާހެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ ފަރަގު ބޮޑުވުމާއި ކުރު މުއްދަތުގައި އަދާކުރަންޖެހޭ ދަރަނި ބޮޑުވުމަކީވެސް ރާއްޖެއަށް އޮތް ހިރާހެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކުރެއެވެ. އެހެންކަމުން މެނޭޖުކުރެވޭވަރުގެ އަގެއްގައި ދަރަންޏަށް ފައިސާ ނުލިބުމުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ވޯލްޑް ބޭންކުން ދެކެއެވެ.

އިންޓަރެސްޓު ރޭޓުތައް ބޮޑުވުމުގެ އިތުރަށް މިހާރު ނަގާފައިވާ ދަރަނީގެ އަގު އިންވެސްޓަރުން މަތިކުރުމަކީވެސް ވުމަށް ފުރުސަތު އޮތްކަމެއްކަމަށާއި، އެހެންވެއްޖެ ހާލަތެއްގައި މި ސަރަހައްދުގެ އިޤުތިޞާދުތަކުން ރައުސުލްމާލު ބޭރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ