ޗެނަލް-13ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އެ ޗެނަލުގެ ނޫސްވެރިޔާ މުޙައްމަދު ސަމާޙު މުޒާހަރާއެއް ކަވަރުކުރަން އުޅުމުގެ ތެރެއިން ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު 12 ގަޑިއިރު ގޭބަންދުކޮށްފައިވާއިރު، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދޭންޖެހޭ މުއައްސަސާތަކާއި ނޫސްވެރިންވެސް އެކަމުގައި ބަހެއް ނުބުނެއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް މުޒާހަރާތަކުގެ ތެރެއިން ގެނައުމަށްފަހު ދޫކޮށްލި ނަމަވެސް އެފަދައިން ހައްޔަރުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް ބުނެ ރާއްޖޭގެ ގިނަ ނޫސްވެރިންތަކެއްވަނީ އަގަމަތީގައި މަލަން އަޅައިގެން 27 ވަނަ މާއްދާގެ ދިފާއުގައިކަމަށް ބުނެ މަގުމައްޗަށް ނިކުމެ އެއިރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކޮށްފައެވެ.
އެހެންނަމަވެސް އެ ވެރިކަން ބަދަލުވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ފާޑުކިޔާ ބައެއް ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރުމަށް ތަހުގީގުތައް ފަށައި، ފުލުހަށް ނޫސްވެރިން ހާޒިރުކުރާއިރުވެސް އެއިރު ނޫސްވެރިކަމުގެ ދިފާއުގައިކަމަށް ބުނެ މަގުމައްޗަށް ނިކުތް ގިނަ ނޫސްވެރިން ބަހެއް ނުބުނެއެވެ.
ހަމައެހެންމެ ނޫސްވެރިންގެ ބަލަދުވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް މި ސަރުކާރުގައި ނޫސްވެރިންނަށް ކުރިމަތިވާ ދަތިތަކާ ގުޅިގެން ނޫސްވެރިންގެ ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ސަމާޙަކީ ބްރޮޑްކާސްޓިން މީޑިއާއެއްގެ އިސްވެރިއެއްކަމަށްވާއިރު އޭނާ ހައްޔަރުކޮށް މަސައްކަތްވެސް ނުކުރެވޭ ގޮތަށް ގޭބަންދުކޮށްފައިވާއިރު އެކަމާ ގުޅިގެން ބްރޮޑްކާސްޓިން ކޮމިޝަން އޮފް ދި މޯލްޑިވްސް (ބްރޯޑްކޮމް)އިންވެސް މިހާތަނަށް އެއްވެސް ބަހެއް ނުބުނެއެވެ.
ފާއިތުވި ހޮނިހިރުދުވަހުގައި އޮތް މުޒާހަރާއިން ސަމާހު ފުލުހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނެއެވެ. ނަމަވެސް ކޯޓުގައި ސަމާހު ބުނެފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި އޭނާއަކީ ޗެނަލް-13ގެ ނޫސްވެރިއެއްކަންވެސް ސަމާހު ފާހަގަކުރިއެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމެވި ކުރިމިނަލް ކޯޓުގެ ޤާޟީ މުޙައްމަދު މިސްބާހު ނިންމަވާފައިވަނީ 30 ދުވަހުގެ މުއްދަތަކަށް ކޮންމެ ދުވަހަކު އިރުއޮއްސި 6:00އިން ފެށިގެން ފަތިހު 6:00އާ ހަމައަށް ގޭބަންދުކުރުމަށެވެ.
މީގެ ކުރިން ޕީޕީއެމްގެ މުޒާހަރާއެއްގެ ތެރެއިން ސަމާހަށް ފުލުހުން ހަމަލާދީ އޭނާގެ ބޯވެސް ފަޅައިލިއެވެ. އަދި ޗެނަލް-13ގެ އަންހެން ނޫސްވެރިޔަކު ބިންމައްޗަށް ވައްޓާލައި އޭނާއަށް އަނިޔާކުރިކަމުގެ މައްސަލައެއް ކުރިން ފެންމަތިވިއެވެ.
އެ ނިންމުމާ ގުޅިގެން މަދު ނޫސްވެރިޔަކު ނޫނީ ކަންބޮޑުވުން ފާޅުކޮށްފައިނުވާއިރު ނޫސްވެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާތަކުންވެސް އެކަމުގައި ބަހެއް ނުބުނެއެވެ. އަދި ނޫސްވެރިކަމުގެ ބަލަދުވެރި އިދާރާތަކުންވެސް މިހާތަނަށް އެއްވެސް ބަހެއް އެކަމުގައި ބުނެފައިނުވެއެވެ.