އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކުރަންޖެހޭ އެންމެ މުހިއްމު ސަބަބުގެ ގޮތުގައި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ފާހަގަކުރެއްވި މައިގަނޑު ނުކުތާއަކީ ކޯލިޝަނެއް އެކުލަވައިލެއްވުމާއި ދެމެހެއްޓެވުމުގެ ޤާބިލުކަން އެމަނިކުފާނުގެ ކިބައިގައި އޮތުމެވެ. ކޯލިޝަނެއް ނެތި ވެރިކަމަށް އައުމަކީ ކުރެވިދާނެކަމެއް ކަމުގައި ރައީސް ދެކެވަޑައިނުގަންނަވައެވެ. މިހާރު ދެ ޕާޓީއަކުން އެމަނިކުފާނަށް ތާއީދުކޮށް އެމްޑީޕީއާއެކު ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް އޮތީ އެއްބަސްވެފައެވެ.
ކޯލިޝަނަކީ ކިހިނެއް ކޮން ގޮތަކަށް އެކުލަވައިލެވޭ އެއްޗެއްތޯ ސުވާލުކުރަންޖެހެއެވެ. އަދި ކޯލިޝަނެއްގެ މާނައަކީ ކޮބައިކަމާއި ކޯލިޝަން ސަރުކާރެއް ހިނގަނީ އަދި ދެމެހެއްޓެނީ ކިހިނެއްތޯ ބަލައި ވިސްނުމަކީ މުހިއްމު ކަމެކެވެ. މިދެންނެވި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު އަޅުގަނޑަށް ފާހަގަވާ ނުކުތާތަކެއް ދަންނަވައިލާނަމެވެ. އެއްބަސްވެވަޑައިނުގެންނެވުނު ނަމަވެސް މިކަންކަމަކީ އެކަންކަމާމެދު ފުންކޮށް ވިސްނައިލަން ރަނގަޅު ކަންކަމުގައި ދެކެމެވެ.
ކޯލިޝަނަކީ ސިޔާސީ ޕާޓީތައް އެކުވެގެން އިންތިޚާބެއްގައި ވާދަކުރަން ނިންމުމުން އެ އެކުލަވައިލެވޭ އިއްތިހާދެވެ. ނުވަތަ ޤަބޫލުކުރާ އުސޫލުތަކާއި ހަމަތައް އެއްގޮތްވުމުން ބަރުލަމާނުގެ ތެރޭގައާއި އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތްކުރަން ނިންމާ ނިންމުމެއްގެ ނަތީޖާއެއްގެ ގޮތުން އުފަންވާ އިއްތިހާދުތަކެވެ.
މިފަދަ އިއްތިހާދުތައް އާންމު ގޮތެއްގައި އެންމެ ގިނައިން ފެންނަނީ ބަރުލަމާނީ ނިޒާމު އޮންނަ ޤައުމުތަކުގައެވެ. ޚާއްޞަކޮށް ސަރުކާރު އެކުލަވައިލުމަށް ބޭނުންވާ އަދަދަށް ބަރުލަމާނުން އެންމެ ޕާޓީއަކަށް ގޮނޑި ނުލިބޭ ހާލަތުގައި ޕާޓީތައް އެކުވެ އިއްތިހާދުތައް އުފައްދައެވެ. އެ އިއްތިހާދުތައް އުފައްދަނީ ސިޔާސަތުތަކާމެދު މަޝްވަރާކުރެވި، ހުރިހާ ޕާޓީތަކަކުން އެއްބަސްވާ ސިޔާސަތުތަކެއް ހިންގުމަށެވެ. އެފަދަ އެއްބަސްވުމަކަށް ވާސިލުނުވެވޭ ހާލަތުގައި އަޣުލަބިއްޔަތު ގޮނޑި ކާމިޔާބުކުރާ ޕާޓީއަށް ސަރުކާރެއް ނުއެފެއްދި، މައިނޯރިޓީ ޕާޓީތަކުގެ އިއްތިހާދަކުން ސަރުކާރު އެކުލަވައިލާ ހާލަތުވެސް ކުރިމަތިވެއެވެ.
ރިޔާސީ ނިޒާމުގައިވެސް ސިޔާސީ ޕާޓީތައް ގުޅިގެން އިއްތިހާދުތައް އުފައްދައެވެ. ލެޓިން އެމެރިކާގެ އެކި ޤައުމުތަކުގައި މި ތަޖުރިބާކޮށްފައިވެއެވެ. ކޭމްބްރިޖް ޕްރެސްއިން 2018 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްކަމަށްވާ "ފޯމޭޝަން އޮފް ކެބިނެޓް ކޯލިޝަންސް އިން ޕްރެޒިޑެންޝަލް ސިސްޓަމްސް"ގައި ބަޔާންކުރާ ގޮތުން ރިޔާސީ ނިޒާމުގައި ގިނަ ކޯލިޝަންތައް ހެދެނީ އިންތިޚާބުގެ ކުރިން ޕާޓީތަކުގެ މެދުގައިވެވޭ އެއްބަސްވުންތަކެއްގެ މައްޗަށެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު، ކޮންމެ ރިޔާސީ އިންތިޚާބަކަށް ކޯލިޝަންތައް އުފެދެއެވެ. އަދި އެއިން ބައެއް ކޯލިޝަންތައް އިންތިޚާބުގެ ދެވަނަ ބުރަށް އިތުރަށް ފުޅާވެއެވެ.
2008 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނުކުތީ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޤައުމީ އިއްތިހާދު ޕާޓީއާއެކު ކޯލިޝަނެއް ހަދައިގެންނެވެ. ދެވަނަ ބުރުގައި އެހެން ޕާޓީތަކުން އެ ކޯލިޝަނާ ގުޅުނެވެ. 2013 ވަނަ އަހަރު ޕީޕީއެމުން ނުކުތީ އެމްޑީއޭއާ ކޯލިޝަނެއް ހަދައިގެންނެވެ. ދެވަނަ ބުރުގައި އެހެން ޕާޓީތައް އެ ކޯލިޝަނާ ގުޅުނެވެ. 2018 ވަނަ އަހަރު އެމްޑީޕީން ނުކުތީ ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނަކާއެކުއެވެ.
މިފަދައިން ހެދޭ ކޯލިޝަންތަކުގެ އެއް މައްސަލައިގެ ގޮތުގައި އިސްވެ ދެންނެވުނު ކަރުދާހުގައި ފާހަގަކުރަނީ ކޯލިޝަން އެކުލަވައިލާ އަސާސްތަކާއި، ޕާޓީތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ޝަރުތުތަކުގެ ހާމަކަން ކުޑަވުމެވެ. ނަތީޖާއެއްގެ ގޮތުން ކޯލިޝަން ހެދުމުގެ ބޭނުމަކީ ކޮބައިކަން ރައްޔިތުންނަށް ސާފުނުވެއެވެ.
ރިޔާސީ ނިޒާމެއްގައި އެކުލަވައިލާ ކޯލިޝަނުގެ ދެވަނަ ބާވަތަކީ ލެޖިސްލޭޓިވް އެޖެންޑާ ނުވަތަ ޤާނޫނީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އެކުލަވައިލާ ކޯލިޝަނެވެ. މިފަދަ ކޯލިޝަންތައް އެކުލަވައިލަނީ އާންމުކޮށް ރިޔާސީ އިންތިޚާބަށް ފަހުގައި، އާންމު އިންތިޚާބުގެ ކުރިން ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކަށަވަރުކުރުމަށެވެ. މިފަދަ ކޯލިޝަންތައް ހެދުމުގައި ބޮޑަށް މަޝްވަރާކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނުތައް ފާސްކޮށް ހިންގުމަށް މަގުފަހިވާނެ ގޮތަކަށް ބަރުލަމާނުން ފުރުސަތު ފަހިކުރާށެވެ. މިފަދަ ކޯލިޝަން އެކުލަވައިލާ ސަބަބުތައް ކޯލިޝަން އެއްބަސްވުން މުޅިން ނުފެނުނަސް ރައްޔިތުންނަށް ސާފުވާނެއެވެ.
ރާއްޖޭގައި އަބަދުވެސް ފުރަތަމަ ބުރުން ޕާޓީއެއްގެ ފުރަގަހަށް ވަދެ ކޯލިޝަނުގެ ހިޔަނިން ހިޔާވަހިކަން ހޯދަނީ ކުދި ޕާޓީތަކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ފަހަތަށް ޤައުމީ އިއްތިހާދު އަދި ޖުމްހޫރީ ޕާޓީގެ ހިޔަނީގެ ހިޔަލަށް އަދާލަތު ޕާޓީ ވަނެވެ. 2013 ވަނަ އަހަރުވެސް ޖުމްހޫރީ ޕާޓީގެ ފަހަތަށް އަދާލަތު ފުރަތަމަ ބުރުގައި ވަންއިރު އެމްޑީއޭ އޮތީ ޕީޕީއެމްގެ ފަހަތުގައެވެ. އެ ބޮޑެތި ޕާޓީތައް ދެވަނަ ބުރުގައި އެކުވާއިރު އެ ކުދި ޕާޓީތަކަށް ސަރުކާރުން ފުރުސަތުތައް ލިބެއެވެ.
ދެ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ފަހަތުގައި އޮތް އަދާލަތު އަދި 2013 ގައި ޕީޕީއެމްގެ ހިޔަނީގައި އޮތް އެމްޑީއޭ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޮތީ އެމްޑީޕީގެ ހިޔަނީގެ ތެރެއަށް ވަދެއެވެ. އުފެދޭ ސުވާލަކީ މި ޕާޓީތަކުން މިކުރަނީ ކީއްތޯއެވެ؟ ފުރަތަމަ ބުރުގައި ވާދަނުކޮށް ބޮޑު ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
މިކަމުގައި ދެ ކަމެއް ފާހަގަވެއެވެ. ފުރަތަމަ ކަމަކީ އިންތިޚާބުތަކުގައި ކުދި ޕާޓީތަކުން ވާދަނުކުރާ ނުކުރުމުގެ ސަބަބުން އެ ޕާޓީތަކުގެ ހަގީގީ ސިޔާސީ ބުރަދަން ވަޒަންކުރަން ދަތިވުމެވެ. ރިޔާސީ އިންތިޚާބު ފިޔަވައި ދެން އޮންނަ ކޮންމެ އިންތިޚާބެއްގައިވެސް ވޯޓު ދެނީ ހަމައެކަނި ޕާޓީއަށް ބިނާކޮށެއް ނޫނެވެ. އާއިލީ ގުޅުމާއި ނިސްބަތްވާ ރަށް ފަދަ ކަންކަމަކީ މަޖިލިސް އިންތިޚާބުތަކުގައި، އަދި ކައުންސިލު އިންތިޚާބުތަކުގައި ކާމިޔާބުވާ ފަރާތެއް ކަނޑައެޅުމުގައި މުހިއްމު ކަންކަމެވެ.
ޕާޓީއެއްގެ ހަގީގީ ބޮޑުމިނާއި، ތާއީދު އޮތް މިންވަރު ވަޒަންކުރެވޭ އިންތިޚާބަކީ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގައި ވޯޓު ދެނީ ކެނޑިޑޭޓަށް ނުވަތަ ޕާޓީއަށެވެ. ޤަބޫލުކުރާ ސިޔާސަތަށް ނުވަތަ ތާއީދުކުރާ ވިސްނުމަށާއި ފިކުރަށެވެ. އެހެންކަމުން މި އިންތިޚާބުގައި ކުދި ޕާޓީތަކުން ވާދަނުކުރުމުން އެ ޕާޓީތަކަށް ތާއީދު އޮތް މިންވަރެއް ނޭނގޭނެއެވެ. ޕާޓީތަކުގައި މެންބަރުން ތިބޭ އަދަދަކީވެސް ޕާޓީތަކަށް ތާއީދު އޮތް މިންވަރު އެނގޭ ކަމެއް ނޫނެވެ. ސަބަބަކީ އެކި ސަބަބުތަކާހުރެ ކުރިން ޕާޓީތަކަށް ވަދެފައި، ޕާޓީތަކުން ވަކުނުވެ ތިބޭ މީހުން ގިނަވުމާއި، އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ހަމަކުރަމުން ދިއުމެވެ.
ޕާޓީތަކަށް ތާއީދު އޮތް މިންވަރު ނާންގައި ކޯލިޝަން އެކުލަވައިލުމުގައި ކުދި ޕާޓީތަކަށް ފައިދާތަކެއް އޮވެއެވެ. ޕާޓީގެ ސައިޒަށްވުރެ ސަރުކާރުގައި އޮންނަ ހިއްސާ ބޮޑުކުރެވުމެވެެ. ބޮޑު ޕާޓީގެ ހިޔަލުގައި އެހެން އިންތިޚާބުތަކުން ކާމިޔާބުތަކެއް ހާސިލުކުރުމެވެ. ޖޭޕީއާއެކު ހެދި ކޯލިޝަނުގެ ހިޔަލުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީ ޕީޕީއެމް ކޯލިޝަނުގެ ތެރެއަށް ވަނުމުން 2014 ވަނަ އަހަރު އެ ޕާޓީއަށް މަޖިލީހުން ގޮނޑިއެއް ލިބުނެވެ. އެމްޑީޕީއާއެކު 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށްވެސް ކޯލިޝަނެއް ހަދައިގެން ގޮނޑިއެއް ލިބޭތޯ އަދާލަތުން އުޅުނެވެ. އެކަން ނާކާމިޔާބުވީއެވެ.
ހަމައެހެންމެ 2018 ވަނަ އަހަރު އެކުލަވައިލި ސަރުކާރުގައި 3،000 މެންބަރުން ހަމަނުވާ އެމްއާރުއެމްގެ ދެ ވަޒީރުން ކެބިނެޓުގައި އެބަ ތިއްބެވިއެވެ. ތާއީދު އޮތް މިންވަރު ކަށަވަރުނުވާ އަދާލަތަށް ސަރުކާރު ފެށުނުއިރު ކެބިނެޓުން 3 ޖާގަ ދިނެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 1،000 އަށްވުރެ މައްޗަށް ގޮސް އަހަރެެއްގެ މައްޗަށް އެމުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށްކުރާ ހޭދަ 400 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާއިރު، މި ޕާޓީތަކުގެ މެންބަރުންނަށް ދީފައިހުރީ ކިހައި މަޤާމެއްކަން މުޅިއަކުން ސާފުނުވެއެވެ. މިއީ މި ޕާޓީތަކުގެ ބުރަދަނާ އެއްވަރުގެ ބާރުތަކެއްކަން ނުވަތަ ނޫންކަންވެސް އެނގޭނެ ގޮތެއް ނެތެވެ. މަޖިލީހުގައި އެމްއާރުއެމް އަދި އަދާލަތުގެ ގޮނޑިއެއް ނެތެވެ. ކައުންސިލުތަކުން ދެ ޕާޓީއަށް ލިބުނީ މަދު ގޮނޑިތަކެކެވެ.
އެހެންކަމުން އެ ޕާޓީތަކުގެ ބުރަދަނާއި ބޮޑުމިނާއި ހަގީގީ ނުފޫޒާ ނުބައްދަލު ފައިދާ ހޯދަން އެންމެ ފަސޭހަ ގޮތަކީ ފުރަތަމަ ބުރުގައި އިންތިޚާބު ކާމިޔާބުކުރެވިދާނެކަމަށް ޤަބޫލުކުރެވޭ ޕާޓީއަކާ ކޯލިޝަން ހެދުމަކީ އެފަދަ އިއްތިހާދަކުން ހޯދަން ބޭނުންވާ މަންފާތައް ހާސިލުކުރަން އެ ޕާޓީތަކަށް އެންމެ ފަސޭހަ މަގެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށްފައި ދެވަނަ ބުރެއްގައި ކޯލިޝަން ހަދާނަމަ ސަރުކާރު ބަހައިލާއިރު ބައި އެޅޭނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބިނާކޮށެވެ. އެއިރު މިފަދަ ޕާޓީތަކަށް ލިބޭ މަންފާ ކުޑަވާނެއެވެ.
ސިޔާސީ ގޮތުން އަމިއްލަ ސައިޒު ކަށަވަރުވާ ޕާޓީތަކުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ނިކުންނާނެއެވެ. އެއީ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ އިންތިޚާބު ކާމިޔާބުކުރުމުގެ ހަގީގީ ފުރުސަތު އޮތުމެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގެ މެދުގައި އޮތީ ވަރަށް ކުޑަ ފަރަގެކެވެ. އެ އިންތިޚާބުގައި ދެވަނަ ބުރަށް ދިއުމުގެ ހަނި ނަމަވެސް ފުރުސަތެއް ޖޭޕީއަށް އޮތެވެ. ވޯޓު ބާތިލުކޮށްގެން އަލުން ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވަން ޖޭޕީން ސުޕްރީމް ކޯޓަށް ދިޔައީވެސް އެހެންވެއެވެ. ދެވަނަ ފަހަރަށް ވޯޓުލުމުން ފަރަގު ބޮޑުވެ ޕީޕީއެމަށް އިތުރު ވޯޓުތަކެއް ލިބުމަކީ އެހެން ކަމެކެވެ.
ދެވަނަ ސަބަބަކީ ލެވެރޭޖު ހޯދުމެވެ. އިންތިޚާބުގެ ފުރަތަމަ ބުރުން އެކަށީގެންވާ މިންވަރުގެ ކާމިޔާބެއް ލިބި، މުނާސަބު އަދަދެއްގެ ވޯޓުތަކެއް ހޯދުމަކީ އެ ޕާޓީއެއް ބޭނުންވާ ކަންކަމަށް އެދުމަށާއި ހޯދުމަށް އިތުރަށް ފަހިކޮށްދޭނެ ސަބަބެކެވެ. 35،000 ވޯޓު ހޯދި ޕާޓީއެއްގެ މުހިއްމުކަން ބޮޑު އެއްވެސް ޕާޓީއަކަށް ނޯޅޭނެއެވެ. އެފަދަ ޕާޓީއަކާއި ކެނޑިޑޭޓެއްގެ ތާއީދަކީ އޭގައި އިހުސާސްވަނިވި ބުރަދަނެއް ހުންނަ ތާއީދެކެވެ. އެއީ ޚިޔާލީ ހިސާބު އަދަދުތަކެއްގެ މައްޗަށް އޮންނަ ބުރަދަނެއް ނޫނެވެ.
އެފަދަ ހާލަތުގައި ކޯލިޝަން ހަދާއިރު ސަރުކާރުން ބައިއަޅާއިރު ބޮޑު ބައެއް ހޯދަން ޑިމާންޑުކޮށް ހޯދޭނެއެވެ. އަދި ރާއްޖޭގައި ނަމަ ބައެއް ފަހަރު ވިޔަފާރި މަސްލަހަތުތައް ހިޔާމަތްކުރަން ޑިމާންޑުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބޮޑު ފައިދާ ހޯދުމަށް އެދޭއިރު އެ ފައިދާ ނުދީފިނަމަ ގެއްލިދާނެ އެއްޗެއް ދެއްކޭނެއެވެ.
ކޯލިޝަނަކީ އެއިގެ އަގެއް އޮންނަ ކަމެކެވެ. ޤައުމީ ވިސްނުމަކުން ފުންކޮށް ވިސްނާއިރު ކޯލިޝަން ސަރުކާރުތަކަކީ ދެމެހެއްޓެނެވި ގޮތެއްގައި ޤައުމުގެ ހިންގުން ހެޔޮ މަގުގައި ދަމަހައްޓަން އޮންނަ ހުރަހެއްކަމަށް ބެލިދާނެއެވެ. ފާނަންޑޯ މެއިރެލެސް "ބްރެޒިލިއަން ޕޮލިޓިކަލް ސައެންސް ރިވީއު"ގައި 2016 ވަނަ އަހަރު ޝާއިއުކުރެއްވި ދިރާސީ ކަރުދާސް "އޯވާ ސައިޒްޑް ގަވާމެންޓް ކޯލިޝަންސް އިން ލެޓިން އެމެރިކާ"ގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ކޯލިޝަން ބޮޑުވި ވަރަކަށް ސަރުކާރު ބޮޑުވެ، ކޯޑިނޭޝަން މައްސަލަތައް ކުރިމަތިވެ އެއް އަމާޒަކަށް ސަރުކާރު ނުހިނގާ މައްސަލަ ފެންމަތިވެއެވެ.
ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކުގައި އެކުލަވައިލެވޭ ބޮޑެތި ފުޅާ ކޯލިޝަންތަކުގެ ފައިދާއަކީ ރައީސުންނަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުންކަމަށް މި ދިރާސާގައި މުއައްލިފު ފާހަގަކުރެއެވިއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ބިލުތައް ވީޓޯކުރުމުގެ ބާރު ރައީސަށް އޮވެފައި ވީޓޯކޮށްފި ބިލެއް ޤާނޫނަކަށްވުމުގެ ފުރުސަތު ހަނިވާ ގޮތަށް ނިޒާމު ތަރުތީބުވެފައި އޮންނަނަމަ ކޯލިޝަން ފުޅާވެ ސަރުކާރު ބޮޑުވުމުގެ މައްސަލަ ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމުގައި ކޯލިޝަންތައް ބިނާވަނީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްތަކަށް ނޫންކަން 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުތަކުގެ ނަތީޖާއިން ފެނެއެވެ. 2014 ވަނަ އަހަރުވެސް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނެވެ. 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ސުޕަ މެޖޯރިޓި ލިބުނެވެ.
ކޯލިޝަން ހެދެން ރާއްޖޭގައި ބިނާވެފައި އޮންނަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 50 އިންސައްތަ ވޯޓަށްވުރެ އިތުރު މިންވަރަކަށް ވޯޓު ހޯދުމުގެ ބޭނުމުގެ މައްޗަށެވެ. އެހެންކަމުން ކޯލިޝަންތައް ހަދަނީ ކޯލިޝަނުގެ ބައިވެރިން ރިޔާސީ އިންތިޚާބުގައި ހޯދައިދޭނެކަމަށް އަންދާޒާކުރާ ވޯޓުގެ އަދަދަށް ބަރޯސާކޮށެވެ. ނަމަވެސް ފުރަތަމަ ބުރުގައި ކޯލިޝަން ހަދާ ކުދި ޕާޓީތަކުން ހޯދައިދެނީ ކިހައި ވޯޓެއްކަން ޔަގީންކަމާއެކު އެނގޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ކުރެވޭ އަންދާޒާއެއް ފިޔަވައި އެފަދަ ކޯލިޝަނަކަށް ބުރަދަންދޭނެ އެއްޗެއް ނޯވެއެވެ.
ދެވަނަ ބުރުގައި ކޯލިޝަން އެކުލަވައިލާއިރު ޕާޓީތަކަށް ލިބުނު ވޯޓާއި ގެނެވިދާނެ ވޯޓުގެ އަދަދު އެނގެން އޮވެއެވެ. ނަމަވެސް ކަށަވަރުނުވަނީ އެ ޕާޓީތަކަށް ފުރަތަމަ ބުރުގައި ވޯޓުލި އެންމެން އެ ޕާޓީއަކުން ދެވަނަ ބުރުގައި ތާއީދުކުރާ ކެނޑިޑޭޓަކަށް ވޯޓު ދޭނެ ކަމެވެ. ނަމަވެސް އެ ހާލަތުގައި ބަލަނީ އެވޯޓުގެ ބޮޑު ބައެއް އެ ޕާޓީގެ ތާއީދާއެކު ދެވަނަ ބުރުގައިވެސް ކޯލިޝަން ހަދާ ޕާޓީއެއްގެ ކެނޑިޑޭޓަށް ލިބޭނެކަމަށެވެ.
މި ހާލަތުގައި ކޯލިޝަނަކާ ނުލައި އިންތިޚާބު ކާމިޔާބުނުވާނެކަމަށް ބުނާ ބުނުމަކީ މުޅިން ބުރަދަން ހުރި ވާހަކައެއް ނޫނެވެ. ދެވަނަ ބުރަށް ދާ ދެ ޕާޓީންވެސް ދެމެހެއްޓެނެވި ގޮތެއްގައި ސަރުކާރު އެކުލަވައިލަން ބޭނުންވާނަމަ، އަދި ކޯލިޝަނުގެ އަގަކީ ރައްޔިތުންގެ މުދަލާއި ޓެކުސް ފައިސާއިން ދައްކަންޖެހޭ އަގެއްކަމަށްވާތީ އެ އަގު ދައްކަން ދެކޮޅުހަދާނަމަ ކޯލިޝަން ހެދުމާ ނުލައި ދެވަނަ ބުރުގެ ވޯޓާ ހަމައަށް ދާންވީއެވެ.
ސުވާލަކީ ފުރަތަމަ ބުރުގައި ދެވަނަ ބުރަށް ދަތުރުނުކުރި ޕާޓީއަކަށް ތާއީދުކުރި އާންމުން އިންތިޚާބުގައި ބައިވެރިނުވެ ބޮއިކޮޓްކުރާނެތޯ އޮތް ސުވާލެވެ. ޖަވާބަކީ ތަޖުރިބާނުކުރާހާ ހިނދަކު އެކަމުގެ ޖަވާބު ނުލިބޭނެކަމަށެވެ. ނަމަވެސް އަޅުގަނޑަށް ބުރަވެވެނީ އެއިން ގިނަ ބަޔަކު ދެވަނަ ބުރުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ތާއީދުކުރާ ކެނޑިޑޭޓަކަށް ވޯޓު ދޭނެ ކަމަށެވެ.
މިފަދައިން ކޯލިޝަނެއް ނެތި އިންތިޚާބުގެ ދެވަނަ ބުރުން ނުވަތަ ފުރަތަމަ ބުރުން ސަރުކާރު އެކުލަވައިލެވިއްޖެނަމަ ދެތިން ކަމެއް ހާސިލުވާނެއެވެ. އެއްކަމަކީ ސަރުކާރުގެ ބޮޑުމިން ކުޑަވެ ޚަރަދުތައް ކުޑަވުމަށް ފުރުސަތު ލިބުމެވެ. ދެވަނަ ކަމަކީ ސަރުކާރުގެ އަމާޒުތައް އެއްގޮތްވެ ހިންގަން ބޭނުންވާ ސިޔާސަތުތައް ތަރުތީބުކޮށް ހިންގަން ފަސޭހަވުމެވެ. ތިންވަނަ ކަމަކަށް ސަރުކާރުގެ އެފިޝިއަންސީ ނުވަތަ ނަތީޖާ ނެރެވޭ މިންވަރު އިތުރުކުރުވުމެވެ. ނާޤާބިލު ވަޒީރުން ބަދަލުކޮށް، ނަތީޖާ ނުނެރެވޭ ސިޔާސީން މަދުކޮށް ސަރުކާރު ހިންގުން ހަރުދަނާކުރެވުމެވެ.
ދެން ކޯލިޝަނެއް އުފެދޭނަމަ އުފެދޭނީ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަށްފަހު، މަޖިލީހުގެ ގޮނޑިތައް ތަރުތީބުވާ ގޮތެއްގެ މައްޗަށް ސަރުކާރުގެ އަމާޒުތައް ހާސިލުކުރުން ފަސޭހަކުރުމަށް އެއްބަސްވެވޭ ތަރުތީބެެއްގެ ތެރެއިންނެވެ. އެއިރުން ހާމަކަން ބޮޑުވެފައި، ރައްޔިތުންނަށް ކޯލިޝަން އެކުލަވައިލެވޭ އަސާސްތައް މިހާރަށްވުރެ ސާފުވާނެއެވެ.
މިދެންނެވި ބަދަލަށް ބޭނުންވަނީ ސިޔާސީ ވެރިންގެ ހަރުދަނާ ވިސްނުމާއި އެކަމަށް ބޭނުންވުމެވެ. ނަމަވެސް އަދިވެސް އަދާކުރަންޖެހޭ ކޮންމެ އަގެއް އަދާކޮށް ކޮމްޕްރޮމައިޒްކުރަންޖެހޭ ކޮންމެ ކަމެއް ކޮމްޕްރޮމައިޒްކޮށްގެން ކޯލިޝަން އެކުލަވައިލާ ދެމެހެއްޓުމުގެ ވިސްނުމުގައި ބޮޑެތި ޕާޓީތައް ހަރަކާތްތެރިވާނަމަ، ކޯލިޝަން ނޫން މަގެއް ދުވަހަކުވެސް ނުފެންނާނެއެވެ.