އެންޒީ ފިހާރަކުން 10 ދަޅު މަސް ކޭސް ގަތުމަށްފަހު އެ ތަކެއްޗަށް ދައްކަންޖެހޭ ފައިސާ ޓްރާންސްފާކުރިކަން ދެއްކުމަށް އަސްލުނޫން ސުލިޕުތަކެއް ފޮނުވި މީހަކު 1 އަހަރު ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2021 ވަނަ އަހަރުގެ މާޗު މަހުގެ ފަނަރަވަނަ ދުވަހުގައި އެ މީހާވަނީ އެންޒީ 1 ފިހާރައިން 2 މަސްކޭސް ގަތުމަށްފަހު އެ މުދަލަށްވާ 1110 ރުފިޔާ ދެއްކުމުގެ ގޮތުން ޞައްޙަ ނޫން ސްލިޕެއް ބޭނުންކުރުމަށްފަހު އޮޅުވާލައިގެން މުދާ ގެންދިޔަކަމަށް ދައުލަތުން މުއްތަހަމަށް ތުހުމަތުކުރެއެވެ.
ހަމަ މާޗު މަހުގެ 23 ވަނަ ދުވަހު އިތުރު 8 ދަޅު މަސް އެންޒީގެ އެހެން ފިހާރައަކުން ނެގުމަށްފަހު އޭނާ އެ މުދަލުގެ އަގަށްވާ 4400 ރުފިޔާ ފޮނުވިކަން ދެއްކުމަށް އަސްލުނޫން ސުލިޕެއް ފޮނުވުމަށްފަހު އެ މުދާ ގެންދިޔަކަމަށް ދައުލަތުން ބުނެފައިވެއެވެ.
މި މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި އެންޒީގެ އެންޒީ ފިހާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުހުންގެ ތަހުގީގަށް ވީޑިއޯ އެނަލައިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރު އަދި މޯބައިލް ފޮރެންސިކް އެނަލައިސިސް ތައްޔާރުކުރި އޮފިސަރު ހުށަހެޅިއެވެ. އަދި އިތުރު ކިތާބީ ހެކިތައްވެސް ހުށަހަޅާފައިވެއެވެ.
އެ މައްސަލާގައި މުއްތަހަމުވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް މައްސަލަ ބެއްލެވި ޤާޟީ ޞަފްވަތު ޙަބީބު ނިންމަވާފައިވަނީ ހުށަހަޅާފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.
މި މައްސަލާގައި މުއްތަހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. ކުށް ސާބިތުވުމުން މުއްތަހަމު އެދުނީ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށެވެ. ދައުލަތުން އެދުނީ ޖަލު އަދަބު ކަނޑައަޅައިދިނުމަށެވެ.
މި ކުށުގެ އަސާސީ މިންގަނޑަކީ 9 މަހާއި 18 ދުވަހެވެ. އޭނާގެ މައްޗަށް ފާއިތުވި 2 އަހަރުގެ ތެރޭގައި ޖުނަޙުގެ ކުށެއް ސާބިތުވެފައިވާކަން ކުށުގެ ރެކޯޑުން އެނގޭތީ ޤާޟީ ނިންމެވީ ކުށުގެ އަދަބު އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކޮށް 1 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާށެވެ.