އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ މިދިޔަ އަހަރު ފެނުނު އެރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވެފައި ނުވާނެ ކަމަށް އެ މައްސަލާގައި މީގެ ކުރިން ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ބުނެފިއެވެ.
އެ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި ސާލިމް ވަނީ ދައުވާތަކަށް އިއުތިރާފުވެފައެވެ. އަދި ކްރިމިނަލް ކޯޓުން އޭނާ މަރަން ހުކުމް ކުރިއެވެ.
މަރަށް ހުކުމް ކުރާ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން އިސްތިއުނާފު ނުކުރިއަސް ކްރިމިނަލް ކޯޓުން ކުރާ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން އިސްތިއުނާފުކުރެއެވެ. މިގޮތުން މި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑު އެހުމުގައި ވަހާކަ ދައްކަމުން ސާލިމް ވަނީ އޭނާގެ އިއުތިރާފުން ރުޖޫއަވާން ބޭނުން ކަމަށް ބުނެފައެވެ.
އަދި ކްރިމިނަލް ކޯޓުގައި އިއުތިރާފް ވެފައިވަނީ އޭނާގެ ވަކީލާއި ތަރުޖަމާނު އެގޮތަށް އޭނާ ކައިރީ އެދުމުން ކަމަށާއި، އޭރު އެގޮތަށް އެކަންކޮށްފިނަމަ އޭނާ ޑީޕޯޓުކުރުމަށް އެއްބަސްވި ކަމަށްވެސް ބުންޏެވެ.
ސާލިމް އޭނާގެ އިއުތިރާފު އަނބުރާ ގެންނަން ނިންމާފައިވާތީ މައްސަލަ ބަލާ ފަނޑިޔާރުން ވަނީ އޭނާ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފައެވެ.
މަހުމޫދު މަރާލާފައިވަނީ ވަޅިންނާއި ތޫނު ދަގަނޑުން ހަމަލާ ދީގެންނެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު އޮތީ އެރަށު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައެވެ.