ރާއްޖޭގައި ލޮލު ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި މި ބައްޔަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ރޯގާއެވެ.
ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލީގެ އަލާމަތްތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބާރުއަޅާފައެވެ.
އެގޮތުން އެ ބަލިން ރައްކާތެރިވުމަށް، ގިނައިން ސައިބޯނިލައިގެން އަތް ދޮވުމާއި، އާންމުކޮށް އަތްލާ ތަކެއްޗާއި، ތަންތަން ސާފު ކުރުމާއި، ލޮލުގައި އަތްލުމާއި، ނުވަތަ އުނގުޅުމުން ދުރުހެލިވުމާއި، ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެ އެޖެންސީން ވަނީ ނަސޭހަތްތެރިވެފައެވެ.
އޭގެއިތުރަށް ލޮލުރޯގާ ޖެހިފައިވާ މީހާ ބޭނުން ކުރާ ލޮލަށް އަޅާ ބޭސް، ބަލި ނެތް މީހުން ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.