Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ފާއިތުވި އަހަރު 4 ބިލިއަން ރުފިޔާ ޗާޕުކުރި

ފާއިތުވި އަހަރު މުޅި ޖުމްލަ 4 ބިލިއަން ދިވެހި ރުފިޔާ ޗާޕުކޮށްފައިވާކަން އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ހާމަވެއްޖެއެވެ.

ކޮވިޑް-19ގެ އިޤުތިޞާދީ ކާރިސާގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލުމާއެކު އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވާޑުރޯކުރަން ހުއްދަ ދިނެވެ.

2020 ވަނަ އަހަރުގައި އަދި 2021 ވަނަ އަހަރުގައިވެސް ސަރުކާރުން ފައިސާ ޗާޕުކުރީ ކޮވިޑުގެ އިޤުތިޞާދީ ދަތިކަމުގެ ސަބަބުންކަމަށް ބުނެއެވެ. ނަމަވެސް 2022 ވަނަ އަހަރު ސަރުކާރުންވަނީ ޗާޕުކުރުމަށްޓަކައި ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން ސަސްޕެންޑުކުރި މާއްދާތަކުގެ ސަސްޕެންޝަން 2023 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ސަރުކާރުން ބުނަމުން އަންނަނީ ރާއްޖޭގެ އިޤުތިޞާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް ރުޖޫއަވެފައިވާ ކަމަށެވެ. އަދި ހަލުއިކޮށް ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާކަމަށްވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ކަމަށް ބުނެ ފައިސާ ޗާޕުކުރެވޭ ގޮތަށް ޤާނޫނުގެ މާއްދާތަކަށް އަމަލުކުރުން މެދުކަނޑައިލުމަށްފަހު، ނިމުނު 2022 ވަނަ އަހަރުގައި ސަރުކާރުން 3.9 ބިލިއަން ރުފިޔާ ޗާޕުކުރިކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ.

އަދި އެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައި އެކަނި ސަރުކާރުންވަނީ 2.1 ބިލިއަން ރުފިޔާ ޗާޕުކޮށްފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއި އިތުރު މާލީ އިދާރާތަކުންވެސް އަންނަނީ ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް ފައިސާ ޗާޕުނުކުރުމަށް ސަރުކާރަށް އިރުޝާދުދެމުންނެވެ.

ދުނިޔޭގެ އިންފުލޭޝަން މަތިވަމުންދާ ވަގުތެއްގައި ފައިސާ ޗާޕުކޮށް އިޤުތިޞާދަށް ނެރުމަކީ ބޭރުން އަންނަ އިންފުލޭޝަނުގެ ތެރެއަށް އެތެރެއިން އުފައްދާ އިންފުލޭޝަން އެއްވުމުގެ ސަބަބުން ރައްޔިތުން ތަހައްމަލުކުރަންޖެހޭ ބުރަ ބޮޑުވާނެކަމެއް ކަމުގައި މާހިރުން ވިދާޅުވެއެވެ.

މި ލިއުމާއި ގުޅޭ