Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަނެއް ބުރު ޔަގީންކޮށް އާސެނަލުން ސިޓީއާ ވާދަކުރަން ތައްޔާރުވެއްޖެ

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން އާސެނަލް ޖާގަ ހޯދައިފި އެވެ. އެޓީމު އަނެއް ބުރުން ފުރުސަތު ހޯދީ ރޭ ރަށުން ބޭރުގައި އޮކްސްފޯޑް ޔުނައިޓެޑާ ވާދަކުރި މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ.

ހަތަރު ވަނަ ބުރުގައި އާސެނަލް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗު ސިޓީގެ ދަނޑުގައި ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެފްއޭ ކަޕްގެ އިތުރުން އާސެނަލުން ޕްރިމިއާ ލީގުގައި ވެސް ސިޓީއާ ވާދަކުރާ ދެ މެޗު އަދި އޮންނާނެ އެވެ. ލީގުގައި މި ދެޓީމު ވާދަކުރާ ފުރަތަމަ މެޗު ފެބްރުއަރީ މަހު ކުޅޭއިރު ދެވަނަ މެޗު ކުޅޭނީ އޭޕްރީލް ފަހުކޮޅު އެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދަން ރީޕްލޭ ކުޅެންޖެހޭ ހަތް މެޗު އަދި އެބައޮތެވެ. އަނެއް ބުރުގެ މެޗުތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ރެޑިންއާ ދެކޮޅަށެވެ. ވުލްވްސް އާއި ލިވަޕޫލް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ޓޮޓެންހަމް ރަށުން ބޭރުގައި ވާދަކުރަން ޖެހެނީ ޕްރެސްޓަން ނޯތު އެންޑާ އެވެ.

ބަދަލުތަކަކާ އެކު ނުކުތް އާސެނަލް ރޭ މޮޅުވީ ދެވަނަ ހާފުގައި ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ހާފުގައި އާސެނަލް ހިފެހެއްޓުމުގައި އޮކްސްފޯޑް ވަނީ ރޭވުންތެރި ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު އާސެނަލްގެ ވަރުގަދަ އެޓޭކްތައް ދެވަނަ ހާފުގައި އެޓީމަށް ނުހުއްޓުވުނެވެ. އާސެނަލްގެ ފުރަތަމަ ގޯލު 63 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އެލްނެނީ އެވެ.

އާސެނަލްގެ ފަހު ދެ ގޯލު ޖެހީ މިހާރު ރަނގަޅު ފޯމެއްގައި ހުރި އެޑީ އެންކެޓިއޭ އެވެ. އެންކެޓިއޭ ފުރަތަމަ ގޯލު ޖެހީ 70 ވަނަ މިނެޓުގަ އެވެ. އޭގެ ހަ މިނެޓު ފަހުން އެންކެޓިއޭ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ޖަހައިފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ހަ މެޗުގައި އެންކެޓިއޭ ޖެހި ފަސް ވަނަ ގޯލެވެ.

އެންކެޓިއޭ އަށް އާސެނަލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެންފެށީ ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ތަމްސީލުކުރި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސުސް އަށް އަނިޔާވުމުންނެވެ. ޖީސުސް ނެތްތައް ފޫބައްދަން އެންކެޓިއޭ އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ އެންކެޓިއޭ އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ވަމުން ކަމަށާއި، އެކަމާ އޭނާ ވަރަށް އުފާކުރާ ކަމަށެވެ.


މި ލިއުމާއި ގުޅޭ