ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ހައްޖަށް ދެވޭ ހައްޖުވެރިންގެ އަދަދު ތިން އަހަރު ހިފަހެއްޓުމަށްފަހު، މި އަހަރު ހައްޖަށް ދެވޭ ހައްޖާޖީންގެ އަދަދު ނުހިފަހައްޓާނެކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.
ސައުދީގެ ޙައްޖާއި އުމްރާއާ ބެހޭ ވަޒީރު ތައުފީޤު އައްރާބިޢާ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ކޮވިޑުގެ ކުރިން ޙައްޖުވެރިންގެ އަދަދުތައް ހުރި މިންވަރަށް މި އަހަރު ރުޖޫއަކުރާނެކަމަށާއި، ހައްޖަށް ދެވޭނީ ވަކި އުމުރެއްގެ ބަޔަކަށް ކަމަށް ކުރިން ކަނޑައަޅާފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނާނެ ކަމަށެވެ.
އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ އަދި އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހުން އުމުރުން އެއް ފަހަރު ކުރުން ލާޒިމު ޙައްޖުގެ އަޅުކަން މި އަހަރު އޮންނާނީ ޖޫން މަހުގެ ތެރޭގައެވެ.
ކޮވިޑުގެ ކުރިން އެންމެ ފަހުން އޮތް ޙައްޖު މޫސުންކަމަށްވާ 2019 ވަނަ އަހަރުގެ ޙައްޖަށް 2.5 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާޒިރުވިއެވެ. ޖެހިގެން އައި ދެ އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ މީހުންގެ އަދަދު އޮތީ ވަރަށް ބޮޑަށް ހިފަހައްޓާފައެވެ.
2022 ވަނަ އަހަރު 900،000 މީހުން ޙައްޖުގެ އަޅުކަން އަދާކުރިއިރު، އެއިން 780،000 އެއްހައި މީހުންނަކީ ސަޢުދީ ޢަރަބިއްޔާ ނޫން ޤައުމުތަކުން އެ މަތިވެރިކަމުގެ އަޅުކަން އަދާކުރުމަށް އެ ޤައުމަށް ދަތުރުކުރި މީހުންނެވެ.
އެހެންނަމަވެސް 2022 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ދެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށްކަމުގައި އެއިރު ސަޢުދީ ސަރުކާރުން ކަނޑައެޅިއެވެ. އަދި ކޮވިޑް-19 ވެކްސިން ޖެހުމާއެކު ކޮވިޑަށް ފައްސިކަން އެނގޭނެ ޓެސްޓު ނަތީޖާއެއްވެސް ޙައްޖާޖީންގެ އަތުގައި އޮތުން ލާޒިމުކުރިއެވެ.