ބުރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯއަށް ތާއީދު ކުރާ މީހުން އެ ގައުމުގައި ބޭއްވުނު އެންމެ ފަހު ރިޔާސީ އިންތިހާބުން އެ މަނިކުފާނު ބަލިވުމުން، ސަރުކާރުގެ މައި އިމާރާތްތައް ކަމަށްވާ، ކޮންގްރެސް، ސުޕްރީމް ކޯޓު، އަދި ރިޔާސީ ގަނޑުވަރު ހިސާރުކޮށްފިއެވެ.
ސޯޝަލް މީޑޔާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ފެނިގެންދަނީ، ކަނާތުފިޔައިގެ ބޮލްސޮނާރޯގެ ސަޕޯޓަރުން ނޭޝަނަލް ކޮންގްރެސް އަދި ސުޕްރީމް ކޯޓުގެ ތެރެއަށް ގަދަކަމުން ވަދެގަނެ، އެ ތަންތަނުގެ ކުޑަދޮރުތަކާއި ފަރުނީޗަރުތައް ހަލާކުކޮށްލާ މަންޒަރެވެ. ބައެއް މީހުންވަނީ ކޮންގްރެސްގެ ފުރާޅަށް އަރާ "އިންޓެވެންޝަން" ލިޔެފައިވާ ފޮތި ގަނޑެއް ނިއުޅުވާލާފައެވެ.
ގައުމުގެ ދިދައިގެ ކުލަތައް، ރީނދުލާއި ފެހި ހެދުން ލައިގެން ބައެއް މީހުން ރިޔާސީ ގަނޑުވަރުތެރޭގައި އުޅޭ މަންޒަރު ޓީވީ ޗެނަލް ގްލޯބޯ ނިއުސްއިން ދައްކައިފައިވެއެވެ. ފަހަކަށް އައިސް ރީނދުލާއި ފެހި، ގައުމީ ކުލަތަކުގެ ބަދަލުގައި ވެފައިވަނީ ރައީސް ބޮލްސޮނާރޯގެ ސަރުކާރު ރަމްޒުކޮށްދޭ ކުލަތަކަށެވެ.
އެއް ވީޑިއޯގައި ދައްކައިދެނީ، އަހެއް މަތީގައި އިން ފުލުސް އޮފިސަރެއް އަހުން ވައްޓާލާ އިހާނެތިކޮށް އަނިޔާ ކުރާ މަންޒަރެވެ.
3000 އެއްހާ މުޒާހަރާވެރިން ފައްސާލާ، ސަރުކާރުގެ އިމާރާތްތައް ހިމާޔަތްކުރަން ސަލާމަތީ ބާރުތައްވަނީ ކަރުނަ ގޭސް ޖަހާފައެވެ.
މި ހާދިސާ ހިނގަންދިމާވި ސަބަބަކީ، މީގެ ހަފްތާއެއް ކުރިން އެ ގައުމުގެ ރިޔާސީ އިންތިހާބުގައި، ރައީސް ބޮލްސޮނާރޯއާއި ދެކޮޅަށް ކުރިމަތިލި މިހާރުގެ ރައީސް ލުއީސް އިނާޗިއޯ ލޫލާ ޑި ސިލްވާ އަތުން ބަލިވުމުންނެވެ.
3 ގަޑިއިރުވަންދެން ކުރިއަށް ދިޔަ މި ހަމަނުޖެހުމާއި ގުޅިގެން ރައީސް ލުއީސްވަނީ 1 މަސް ވަންދެން ދިގުދެމިގެންދާ ފެޑެރަލް ސެކިއުރިޓީ އިންޓެވެންޝަނެއް އިއުލާންކޮށްފައެވެ.
ސަރުކާރުގެ އިމާރާތްތައް ހިސާރުކުރުމުގެ އަޑީގައި އިންނެވީ ރައީސް ބޮލްސޮނާރޯ ކަމަށް، ޕްރެސް ކޮންފެރެންސެއްގައި ވާހަކަ ދައްކަމުން ރައީސް ލުއީޒް ތުހުމަތުކުރެއްވިއެވެ. އަދި އެފަދަ މުހިއްމު އިމާރާތްތަކުގައި ސެކިއުރިޓީން ހުރިވަރު މަދުވުމުން އެކަމުގެ ޝަކުވާކުރައްވާ، ކަމާ ބެހޭ ފަރާތްތަކުންވަނީ "ފޭސިސްޓުން" އަދި "މޮޔައިން" ތަކެއް ކެޕިޓަލް ހިސާރުކޮށް މުޅިތަން ސުންނާފަތި ކުރަން ދީފައިކަމަށް ވިދާޅުވެ ރައީސް ލުއީޒް ނުރުހުން ފާޅުކޮށްފާވެއެވެ.
"އަހަރުމެން ކިޔާ އެ މޮޔަ "ނާޒީސް"، އެ "ސްޓާލިނިސްޓުން"، "މޮޔަ ފޭސިސްޓުން" މި ގައުމުގައި ދުވަހަކުވެސް ނުކުރާ ވަރުގެ ނުބައި ކަމެށް އެ ކުރީ. މިކަން ކުރި އެންމެން ހޯދާ، ހައްގުވާ އަދަބު ދޭނަން"، ސައޯ ޕައުލޯ ސްޓޭޓުގައި ރިޔާސީ ދަތުރުފުޅެއްގައި ފުރައިގެން ގޮސް ހުންނެވި ރައީސް ލުއީޒް ވިދާޅުވިއެވެ.
"ސޯޝަލް މީޑިއާ ބޭނުން ކޮށްގެން އެ ގަތުލުއާންމު ހިންގި މީހާ (ރައީސް ބޮލްސޮނާރޯ) ހުރީ މިހުރިހާ ކަމަކަށް އެއްބާރުލުންދޭން. އެންމެނަށްވެސް އިނގޭ އޭނާގެ އެކިއެކި ވާހަކަތަކުން މިކަމަށް ތާއީދު ކުރާކަން"، ރައީސް ލޫލާ ވިދާޅުވިއެވެ.
މި ހިސާރުކުރުން ހިނގިތާ 6 ގަޑިއިރުފަހުން ރައީސް ބޮލްސޮނާރޯވަނީ ޓުވިޓާގައި، ރައީސް ލުއީޒް ކޮށްފައިވާ ތުހުމަތުތައް އިންކާރުކުރައްވާފައެވެ.
މޮނިކާ ފާހަގަކުރިގޮތުން، އެމީހުން އެތަންތަނުގެ ތެރެއަށް ވަދެގަންނަން ގަސްތުކުރީ ރައީސް ލޫލާ ރައީސް ކަމާއި ހަވާލްވެވަޑައިގެންނެވި ޖަނަވަރީ 1 އަށް ފަހު، ކަމާއި ބެހޭ ފަރާތްތަކުންވެސް އެކަހަލަ ބޮޑު ހާދިސާއެއް ހިނގާނެ ކަމަށް އެންމެ ހީނުކުރާ ވަގުތުގައިކަމަށެވެ. ނަމެވެސް، މުޒާހަރާކުރި މީހުނަށް އެހައި ފަސޭހަކަމާއިއެކު، ސެކިއުރިޓީންތަކުގެ ތެރެއިން ސަރުކާރު އިމާރާތްތަކުގެ ތެރެއަށް އެއްވެސް ހާލަތެއްގައި ވަދެވުމަކީ ބޮޑު ސުވާލުތަކެއް އުފެދޭ ކަމެށް ކަމަށް އޭނާ ބުންޏެވެ. މިކަންހިނގާ ދިޔައީ އެ ތިން އިމާރަތުގައި މަސައްކަތްކުރާ އޮފިޝަލުން ނެތް ވަގުތުގައިއެވެ.
ޔޫއެސް ރައީސް ޖޯ ބައިޑަންވަނީ މި ހާދިސާގައި ޝާމިލްވި މީހުންގެ އަމަލުތައް ކުށްވެރިކުރައްވާ، ރައީސް ލުއީޒާއި އެކީ މަސައްކަތް ކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.