ނީލަން ފިހާރައިގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށްދާ ފަރާތްތަކުން މާސްކު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް ކިޔާދީފައެވެ.
އެގޮތުން ދުމުގެ އަސަރުކޮށްފައިވާ ސަރައްހައްދަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުމާއި ގޭގެ ދޮރުތަކާއި ކުޑަދިރުތައް ދުމަށް ނުވަދެވޭގޮތަށް ބަންދުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ކުން ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށިގެންވާކަން ފާހަގަކޮށް ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުމާއި ގަދައަށް ބޯ އެނބުރުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެވްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މައުލޫމާތެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.