މާލޭގައި ސިލްސިލާކޮށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާތަކުން މިހާރަކަށް އައިސް އާދަޔާޚިލާފަށް ގިނަ އަދަދެއްގެ އަންހެނުން ހައްޔަރު ކުރަމުން ދަނީ ނުބައި ކޮންރޭވުމެއްގެ ތެރެއިންތޯ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ރޭ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް, ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށްގެންދާ މުޒާހަރާތަކުން ގިނަ އަދަދެއްގެ ކަނބަލުން ހައްޔަރު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން ރޭގެ މުޒާހަރާއިން 12 މީހުން ހައްޔަރު ކުރިއިރު އޭގެތެރެއިން 7 މީހުންނަކީ ކަނބަލުން ކަމަށެވެ. ޝިޔާމް ވަނީ ހައްޔަރު ކުރި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާ ލައްވައިފައެވެ.
އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މުޒާހަރާއިން ކޮންމެ ރެއަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެއެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެންބަރުންނާއި ސެނެޓްގެ މެންބަރުންގެ އިތުރުން އާންމު މެންބަރުން ހިމެނެއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެބައޮތް ކަމަށް ސަރުކާރުން ބުނަމުންދާއިރު އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ ސުލްހަވެރި ކަމާއެކު ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އެގޮތުން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އިދިކޮޅުގެ އެއްވުންތައް ރޫޅާލައި މުޒާހަރާގެ ބައިވެރިންނަށް ބޮޑެތި އަނިޔާތަކެއް ދެމުން ގެންދާ ކަމަށެވެ.