Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤްތިސާދު

ޤައުމުތައް ފެއިލްވުމާއި ކާމިޔާބުވުމުގެ ސިއްރު، މުއައްސަސާތަކުގެ ދައުރު

ވަސީލަތްތަކާއި ޤުދުރަތީ ޠަބީޢަތުގެ ގޮތުން ވަރަށް އެއްގޮތް، އެހައިމެ ކައިރިކައިރީ އޮންނަ ދެ ޤައުމެއްގެ އިޤުތިޞާދީ އުފެއްދުންތެރިކަމާއި ފުދުންތެރިކަމާއި ތަނަވަސްކަމުގެ ފަރަޤު އިންތިހާއަށް ބޮޑުވުމަކީ ދުނިޔެއިން ފެންނަ ޙަޤީޤަތްތަކެވެ. ދެކުނު ކޮރެއާއާއި އުތުރު ކޮރެއާއާއި މެކްސިކޯއާއި އެމެރިކާއާއި ބޮޓްސްވާނާއާއި ޒިމްބާބުވޭ ފަދަ ޤައުމުތަކަކީ މި ދެންނެވި ތަފާތުގެ ދެ މިސާލެވެ. ސުވާލަކީ މިހާ އެއްގޮތް ޤައުމުތަކުގެ ތަނަވަސްކަމުގައި އެހާ ބޮޑު ތަފާތެއް ހުންނަނީ ކީއްވެތޯއެވެ.

ޑެރަން އަސަމޯގްލޫއާއި ޖޭމްސް އޭ ރޮބިންސަން އެ ދެ ބޭފުޅުންގެ "ޤައުމުތައް ފެއިލްވަނީ ކީއްވެ؟" މި ފޮތުގައި ޖަވާބުދެއްވަން މަސައްކަތްކުރައްވާފައިވަނީ މި ސުވާލަށެވެ.

ވަރަށް ކައިރި ނަމަވެސް ތަފާތު ބޮޑު

މި ފޮތަކީ އެތައް ބަޔަކަށް ބަހާލެވިފައިވާ ތަފުސީލު ފޮތެކެވެ. ފޮތް ފަށަނީ ދެ ޤައުމެއްގެ ތަފާތުންނެވެ. ފޮތުގެ ފުރަތަމަ ބާބުގައި އަލިއަޅުވާލާފައިވަނީ ނޮގާލެސްއަށެވެ. އެ ސަރަހައްދުގެ އެއްބައި އޮންނަނީ އެމެރިކާގެ އެރިޒޯނާގައެވެ. އަނެއް ބައި އޮންނަނީ މެކްސިކޯގައެވެ.

އެރިޒޯނާގައި އޮންނަ ފަޅީގައި ދިރިއުޅޭ މީހުންގެ އެވެރެޖު އާމްދަނީއަކީ 30،000 އެމެރިކާ ޑޮލަރެވެ. ގިނަ މީހުންނަކީ މަތީ ސާނަވީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. މަގުތައް ހުންނަނީ ތާރުއަޅައި ރީތިކޮށް ހަދައިފައެވެ. އެ ސަރަހައްދުގައި ޤާނޫނުގެ އަމުރު މައުރޫފު ހިނގައެވެ. ގިނަ މީހުން އުމުރުން 65 އަހަރު ވަންދެން ދުނިޔޭގައި އުޅެއެވެ.

މެކްސިކޯގައި އޮންނަ ދެކުނު ފަޅީގެ ހާލަތު މުޅިން ތަފާތެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އެވެރެޖު އާމްދަނީ ތިން ގުނަ މަދެވެ. ގިނަ މީހުންނަކީ ސާނަވީ ތައުލީމު ހާސިލުނުކުރާ މީހުންނެވެ. މަގުތަކުގެ ފެންވަރު ދަށެވެ.

މިފޮތުގެ މުސައްނިފުން ދެކެވަޑައިގަންނަވާ ގޮތުގައި ނޮގާލެސްގެ ދެފަޅީގެ ތަފާތަކީ އެ ދެފަޅީގެ ތަބީއަތާއި އެ ތަނުގައި ދިރިއުޅޭ މީހުންގެ ސަގާފަތުން ތަފުސީރުކުރެވޭ ތަފާތެއް ނޫނެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ތަފާތަކީ ސިޔާސަތުތަކާއި އިޤުތިޞާދީ ފުރުސަތުތައް ވުޖޫދުކުރާ ތަފާތެވެ.

އެ ތަފާތުތައް އުފެދުނު ސަބަބުތައް ވިދާޅުވެދެއްވުމަށް އެ ބޭފުޅުންގެ ނަޒަރު ހިންގަވަނީ ދެ ޤައުމުގެ މާޒީއަށެވެ. 16 ވަނަ ޤަރުނާއި 17 ވަނަ ޤަރުނުގެ އިސްތިއުމާރީ ތާރީޚުގެ ފެށުމަށް ރުޖޫއަވެވަޑައިގެން އެ ތަފާތުގެ އަސާސްތައް ފެންނަކަމަށް މުސައްނިފުން ދެކެވަޑައިގަންނަވައެވެ. އެގޮތުން މެކްސިކޯއަކީ އެންމެ ފުރަތަމަ އިސްތިއުމާރުކުރެވުނު އެއް ޤައުމުކަމާއި، ސްޕެއިނުގެ އިސްތިއުމާރުގެ ދަށުގައި އެ ޤައުމުގައި ކުރިން އޮތް އަޅުވެތިކަމުގެ ނިޒާމުގެ ބޭނުންކޮށް، އެ ޤައުމުގައި ހުރި ޤުދުރަތީ ވަސީލަތްތައް ނަގައި ފޭރިފައިވެއެވެ.

އެއާ ޚިލާފަށް އުތުރު އެމެރިކާގައި ސްޕެއިނުގެ އިސްތިއުމާރުގެ 100 އަހަރު ފަހުން ފުރަތަމަ ވަޒަންވެރިވީ އިނގިރޭސިންނެވެ. އެ ސަރަހައްދުގައި ކުރިއްސުރެ އަޅުވެތިކުރުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން އެ ބިމުގެ އަސްލު ވަޒަންވެރިންގެ މައްޗަށް އަޅުވެތިކަމުގެ ނިޒާމެއް ހިންގުމަކީ ކާމިޔާބުކަމާއެކު ކުރެވޭނެ ކަމެއް ނޫންކަން އައު ވަޒަންވެރިންނަށް އެނގުނެވެ. ނަތީޖާއަކަށްވީ ވިއްސަކަށް އަހަރު އެ ނިޒާމު ހިންގޭތޯ މަސައްކަތްކުރުމަށްފަހު ދޫ ދިނުމެވެ. އެއަށްފަހު މަޑުމަޑުން ވަޒަންވެރިންނަށް ބިން މިލްކުކުރުމުގެ ހައްގު ދިނެވެ. ނަތީޖާއަކަށްވީ މިނިވަން ޑިމޮކްރެޓިކް ވިސްނުމާއި އެ މައްޗަށް ބިނާވެފައިވާ މުއައްސަސާތަކާއި، ޤާނޫނީ އޮނިގަނޑުތައް ވުޖޫދުވާނެ މާހައުލެއް އުފެދުމެވެ.

އެ ހިސާބުން ފެށިގެންވެސް ދެ ޤައުމުގެ މެދުގައި ހުރި ތަފާތުތަކަށް ނިމުމެއް ނާދެއެވެ. އޭގެ ފަހުން ފާއިތުވި 300 އަހަރުގައި އެމެރިކާގައި ސިޔާސީ އިސްތިޤުރާރު (ޕޮލިޓިކަލް ސްޓެބިލިޓީ) އޮތުމާއެކު، އެ އިސްތިޤުރާރުގެ ނަތީޖާއެއްގެ ގޮތުން އިޤުތިޞާދީ މުއައްސަސާތަކުގެ މައްޗަށް ސިޔާސީ މުއައްސަސާތަކުގެ ބާރުވެރިކަން އޮތެވެ. އެއާ ޚިލާފަށް 1990 ވަނަ އަހަރާ ހަމައަށް ދެކުނު އެމެރިކާގެ ގިނަ ޤައުމުތަކުގައި އޮތީ ސިޔާސީ ހަމަނުޖެހުމެވެ. ބައިބައިވުމެވެ.

އެމެރިކާގައި އޮތް އިސްތިޤުރާރާއި ސިޔާސީ ހަމަޖެހުމުން އުފަންވީ ޕެޓެންޓު ނިޒާމާއި ކްރެޑިޓު ނިޒާމާއި ތައުލީމީ ފުރުސަތެވެ. އެއިން އުފަންވީ މުއްސަނދިވުމަށް ފަހި މަގުުތަކާއި އެ މުއްސަނދިކަމުގެ ލައްޒަތު އިހުސާސްކުރެވޭނެ ވެއްޓެވެ. ލެޓިން އެމެރިކާގައި އޮތް ހަމަނުޖެހުމުގެ ނަތީޖާއަކީ ބާރު އެއް ބައެއް ނުވަތަ އެކެއްގެ އަތުގައި ޖަމާވުމެވެ. އެކަމުގެ ސަބަބުން ތަނަވަސްކަން ހޯދުމަށް މީހުންނަށް ހިތްވަރުދޭ ސަބަބުތައް ނެތުމެވެ. މީހަކު ގަދައަޅައި ކުރި މަސައްކަތުން ޖަމާކުރާ ތަނަވަސްކަން ދެން އަންނަ ޚުދުމުޚުތާރު ވެރިޔާ ޖަހައިގަންނަނަމަ، ތަނަވަސްކަން ހޯދުމުގެ ބޭނުމެއް، ތަނަވަސްކަން ދެމި އޮންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނާނެއެވެ.

އެހެންކަމުން ޤައުމުތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ އެ ޤައުމެއްގެ މާޒީއާއި ވާރުތައިން ލިބޭ ވެރިކަމުގެ ނިޒާމާކަމަށް މި ފޮތުގެ މުއައްލިފުން ދެކެވަޑައިގަންނަވައެވެ. ނަމަވެސް ސުވާލަކީ ފަޤީރު ޤައުމުތައް ތަނަވަސްކަމަށް ވަސިލުވާނީ ކިހިނެއްހެއްޔެވެ؟

ފަޤީރުކަމާއި ތަނަވަސްކަން އުފެދުން

ފަޤީރުކަމާއި ތަނަވަސްކަން އުފެދޭ ގޮތުގެ މިސާލެއްގެ ގޮތުގައި މުސައްނިފުން ފާހަގަކުރައްވަނީ ދެ ކޮރެއާއެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން ދެބައިކުރެވުނު ކޮރެއާގެ ދެފަޅިއަކީ 1940ގެ އަހަރުތަކުގައި ތަރައްޤީއާއި ތަނަވަސްކަމުގައި އެއް ހަމައެއްގައި އޮތް ދެ ޤައުމެވެ. ނަމަވެސް މިއަދު ދެ ޤައުމުގެ އިޤުތިޞާދީ ކުރިއެރުމާއި ތަނަވަސްކަމުގެ ފަރަޤުވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އުތުރު ކޮރެއާގައި ދިރިއުޅުމުގެ ހާލަތު ހުރީ ސަބް ސަހަރަން އެފުރިކާގެ ޤައުމުތަކާ އެއް ހަމައެއްގައެވެ. ދެކުނު ކޮރެއާގައި ދިރިއުޅުމުގެ ހާލަތު އުތުރު ކޮރެއާއަށްވުރެ ދިހަ ގުނަ ރަނގަޅެވެ. ދެ ޤައުމުގެ ސަގާފަތުގެ އެއްގޮތްކަމާއި ވަސީލަތްތަކާއި ތަބީއީ ސިފަތަކުގެ ތަފާތުތަކެއް ނެތުމުން، ދެ ޤައުމުގެ ތަނަވަސްކަމުގެ ފަރަޤަކީ މުއައްސަސާތަކުން އެކަނި ތަފުސީރުކުރެވޭ ތަފާތެއްކަމަށް ފޮތުގެ މުސައްނިފުން ދެކެވަޑައިގަންނަވައެވެ.

ދެކުނު ކޮރެއާގައި ފުރަތަމަ ވެރިކަން ކުރެއްވީ ޚުދުމުޚުތާރު ވެރިންކަމަށްވީ ނަމަވެސް އެ ބޭފުޅުން ތަންފީޒުކުރެއްވީ އަމިއްލަ މުދާ މިލްކުވުމާއި، މިނިވަން ބާޒާރުގެ ސިޔާސަތުތަކެކެވެ. ނަތީޖާއެއްގެ ގޮތުން އިންވެސްޓުމެންޓުތަކަށް ފަހި، އިޤުތިޞާދީ ކުރިއެރުމަށް މަގު ކޮށައިދޭ މާހައުލެއް އުފަންވިއެވެ. ސަރުކާރުން ތައުލީމަށް ހޭދަކޮށް އުފެދުނު ތައުލީމީ ޖީލުތަކުގެ އެހީގައި މުޅިން އައު ސިނާއަތްތައް ޤާއިމުކޮށް ފުޅާކުރިއެވެ.

އެއާ ޚިލާފަށް އުތުރު ކޮރެއާގައި އަމިއްލަ މުދާ މިލްކުކުރުމާއި މިނިވަން ބާޒާރުތައް އޮތީ މަނާވެފައެވެ. އިޤުތިޞާދަކީ މަރުކަޒީ ސަރުކާރުން އިންތިޒާމުކޮށް ރާވާ ކަމެއް ކަމުގައި ހަމަޖެއްސިއެވެ. ނަތީޖާއަކީ އިޤުތިޞާދު މަޑުޖެހި ކުރިނޭރުމެވެ.

ދެކުނު ކޮރެއާއިން ހާސިލުކުރި ތަނަވަސްކަމުގެ ސިއްރަކީ މުއައްސަސާތަކެވެ. އުތުރު ކޮރެއާގެ ފަޤީރުކަމުގެ ސިއްރަކީވެސް މުއައްސަސާތަކެވެ. ޝާމިލު މުއައްސަސާތަކާއި ބަންދު މުއައްސަސާތަކެވެ. މުސައްނިފުން މުއައްސަސާތައްކަމަށް މާނަކުރައްވަނީ އިޤުތިޞާދެއް ހިނގާ ގޮތުގެ ޤަވާއިދުތަކާއި މީހުންގެ އަމަލުތައް ބައްޓަންކުރުވަނިވި ސަބަބުތަކެވެ.

ޝާމިލު Inclusive އިޤުތިޞާދެއް ހިނގާ ދެކުނު ކޮރެއާގައި މީހުން އިޤުތިޞާދީ ހަރަކާތުގައި ބައިވެރިވުމަށް ހިތްވަރު ލިބެއެވެ. އިންވެސްޓުކޮށް އުފެއްދުންތެރި އީޖާދީ ބަޔަކަށްވާން ހިތްވަރު ދޭ އެއްވެސް ސަބަބެއް އުތުރު ކޮރެއާގެ އިޤުތިޞާދުގައި ނެތެވެ.

ތަނަވަސްކަމުގެ އިންޖީނުތައް

ފަންނިއްޔާތު (ޓެކްނޮލޮޖީ)ގެ ރޮނގުން ކުރިއަރަމުންދާ ދުނިޔެއެއްގައި، އުފެއްދުންތެރިކަމަށް އާންމުންނަށް ތައުލީމު ލިބުމަކީ މުހިއްމު ކަމެވެ. މިއީ ތަރައްޤީވެފައިވާ ހުރިހާ ޤައުމަކުން ފެންނަ ސިފައެވެ. ތަރައްޤީގެ ސަފުން ބާކީވަމުންދާ ޤައުމުތަކުން އުނިވާ ސިފައެވެ. ތައުލީމަށް އެކަށީގެންވާ މިންވަރަށް ޚަރަދުކުރެވުމާއެކު، ދަރިންނަށް ތައުލީމު ދިނުމަށް ބެލެނިވެރިންނަށް ބާރުއަޅުވަނިވި ސަބަބުތައް އެ ޤައުމެއްގައި ހުރުން ލާޒިމެވެ.

ދައުލަތެއްގެ އިޤުތިޞާދު ކުރިއެރުމަށް އެ ދައުލަތަކީވެސް ޝާމިލު ދައުލަތެއްކަމަށްވާންޖެހެއެވެ. މާނައަކީ އެ ދައުލަތަކީ ރައްޔިތުން އިޚުތިޔާރުކޮށް ބާރުދީގެން މަރުކަޒީ ގޮތެއްގައި ކުޝޫނަތު (ވައަލެންސް) ހަންމަތަކޮށް އެ މައްޗަށް ބާރުފޯރުވާ ދައުލަތެއްކަމަށް ވާންވާނެއެވެ.

ބައެއް ފަހަރު މި ބަދަލުތައް ގެނައުމަކީ އިހުއްސުރެ، ޤައުމެއްގެ ވަސީލަތްތަކާއި ތަނަވަސްކަމުގެ މައްޗަށް ނަހަމަ ބާރު ފޯރުވަމުންދާ ނުޚުބާ (އިލައިޓްސް)ގެ މަސްލަހަތާ ފުށުއަރާ ކަމެއްކަމަށްވާތީ އެކަން ވިޔަނުދީ ހުއްޓުވައެވެ.

ކޮންގޯގެ ދިގުލައިގެން ގޮސްފައިވާ އުދާސް

މިނިވަންކަމަށްފަހު ޤުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ލިބިފައިވާ ކޮންގޯގައި ރައްޔިތުންގެ ބައިވެރިވުން އޮންނަ ޝާމިލު ދައުލަތެއް ޤާއިމުނުކުރެވި އޮތީ ބާރުވެރިކަން އޮންނަ ފަރާތްތަކުގެ މަސްލަހަތުގައި އެފަދަ ދައުލަތެއް ޤާއިމުކުރުން ނުހިމެނުމުންނެވެ.

ކޮންގޯއަށް މިނިވަންކަން ލިބުނު ފަހުން ޖޯސެފް މޮބޫޓޫގެ ވެރިކަމުގެ ދަށުގައި 1965 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ ދެމެދުގައި ކޮންގޯގެ އިޤުތިޞާދު ހީނަރުވަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. މޮބޫޓޫވަނީ އޭނާގެ ވެރިކަމުގައި ކޮންގޯގެ ވަސީލަތްތަކުން އޭނާއަށާއި އޭނާއަށް ވަފާދާރު މީހުންނަށް ނެރެވެން އޮތް އެންމެ ބޮޑު ފައިދާއަކާއި މަންފާއެއް ނެރެވޭނެ ފަދައިން މުއައްސަސާތަކެއް ތަރުތީބުކޮށްފައެވެ.

ނަތީޖާއަކަށްވީ ކޮންގޯގެ ރައްޔިތުންގެ ފަޤީރުކަން އިތުރުވަމުންދިޔައިރު މޮބޫޓޫއާއި އޭނާގެ އަރިސް މީހުންގެ ތަނަވަސްކަން ބޮޑުތަނުން އިތުރުވުމެވެ. އޭނާގެ އުފަން ރަށުގައި ގަނޑުވަރެއް ބިނާކޮށް ސުޕާސޮނިކް ކޮންކޯޑު ޖެޓަށް ޖެއްސޭ މިންވަރުގެ އެއާޕޯޓެއް ބިނާކޮށް އެއާ ފްރާންސްއިން ކޮންކޯޑު މަތިންދާބޯޓު ކުއްޔަށް ނަގައިގެން ޔޫރަޕަށް ދަތުރުކުރިއެވެ. ޔޫރަޕުގައި އޭނާގެ އަމިއްލަ ގަނޑުވަރު ހުއްޓެވެ.

ކޮންގޯގައި އުފެދުނު މުއައްސަސާތަކަކީ ޝާމިލު މުއައްސަސާތަކަކަށްވިނަމަ މޮބޫޓޫއަށް މިފަދަ ބޮޑު ތަނަވަސްކަމެއް ނުލިބުނީސްކަން ކަށަވަރެވެ.

ހައްލު ހޯދި ބައެއް ޤައުމުތައް

މިފަދަ މުއައްސަސަސީ މައްސަލަތަކަށް ބައެއް ޤައުމުތަކުން ކާމިޔާބުކަމާއެކު ހައްލުތަކެއް ހޯދާފައިވާކަން މުއައްލިފުން ފާހަގަކުރައްވައެވެ. ޗައިނާއާއި ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކާއި ބޮޓްސްވާނާއަކީ މިފަދަ ބައެއް މިސާލުތަކެވެ.

1960 ވަނަ އަހަރު ބޮޓްސްވާނާގައި ގުރެޖުއޭޓު ފެންވަރަށް ތައުލީމު ހާސިލުކުރި މީހުންގެ އަދަދު 100 އަށްވުރެ މަދެވެ. އެއިރު އެ ޤައުމަކީ ސަބްސަހަރަން އެފުރިކާގެ ފަޤީރު ޤައުމެކެވެ. ނަމަވެސް މިއަދު އިރުމަތީ ޔޫރަޕުގެ ގިނަ ޤައުމުތަކާ އެއް މިންވަރުގެ ތަނަވަސްކަމެއް އެ ޤައުމުތަކުންވަނީ ހާސިލުކޮށްފައެވެ.

ޗައިނާއިން ހޯދާފައިވާ އިޤުތިޞާދީ ހަލުއި ކުރިއެރުމަކީ އެންމެނަށް އެނގޭ ކަންކަމެވެ. މިހުރިހާ ޤައުމެއްގައިވެސް މިފަދަ މުހިއްމު ބަދަލުތައް ފެށިގެން އައީ މުހިއްމު ވަގުތުގައި ޤައުމުތަކުގެ ލީޑަރުން ނިންމަވަންޖެހޭ ނިންމެވުންތައް ހަރުދަނާ ގޮތެއްގައި ނިންމެވުމުންނެވެ.

މި ލިއުމާއި ގުޅޭ