Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މަސްވެރިންނަށް އަޅުއްވައިދެއްވަން ވައުދުވީ ޕްލެޓްފޯމުތައް އަޅަން ބުންޏަސް ނާޅުއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކަންނެލީގެ މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަނޑުގައި އަޅުއްވައިދެއްވަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންނެވި އޮފްޝޯ ޕްލެޓުފޯމުތައް އަޅަން ބުންޏަސް އަޅުއްވައިނުދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކަންނެލި ޖަގަހަތަކުގެ ނަމުގައި އަޅައިދިނުމަށް ރައީސް ޞާލިޙު 2018 ވަނަ އަހަރުގައި ވައުދުވެވަޑައިގެންނެވި ޖަގަހަތަކަކީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ތަންފީޒުކުރަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ މެނިފެސްޓީގައި ބުނެފައިވަނީ ކަންނެލީގެ އަގު ބޮޑުކުރުމަށް ރާއްޖޭގެ ރަށްތަކަށް ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތައް ފާހަގަކޮށް ހެދޭ އޮފްޝޯ ފިޝަރީޒް ޕްލެޓްފޯމުތައް ޤާއިމުކުރާނެ ކަމަށެވެ. އަދި އެ އޮފްޝޯ ޕްލެޓްފޯމުތަކުން އައިސްއާއި ތެލާއި މަސްދޯނިފަހަރަށް ބޭނުންވާ ސާމާނު ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

ސައިހޮޓަލާއި މަސްވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް އެ ޕްލެޓްފޯމުތަކުން ލިބޭނެ ކަމަށާއި މަސްވެރިން ކުރާ ދަތުރު ދެކޮޅުޖެހި ލިބޭ ނަފާ އިތުރުވާނެ އިންތިޒާމުތަކެއް ޤާއިމުކުރެވޭނެކަމަށްވެސް އެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ނިމުނު ހަފުތާގެ ބުރާސްފަތިދުވަހު ރައީސް ޞާލިޙުގެ ރިޔާސީ ޕްރައިމަރީ ފެށުމަށް އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އިންޑިއާ ކަނޑުގައި ކަނދުފަތި އަޅައި އެތަންތަނުން އައިސް ލިބޭނެ ގޮތް ހަދަން ބުންޏަސް އެކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަމެއް ނުވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި އިންޑިއާ ކަނޑުގެ މެދުގައި ކަނދުފައްޗެއް އަޅާފައި މަސް ކިރާށޭ، އައިސް ދޭށޭ، ފެން ދޭށޭ ބުނީމައި އެކަމެއް ނުކުރާނަން. އެއީ ކުރެވޭނެ ކަމެއް ނޫން. އަޑުއެހިޔަސް ނޭހިޔަސް އެއީކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމަކަށްވުމުގެ އިތުރަށް 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ސަރުކާރުން ހާސިލުކުރަން ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތައް އެކުލެވޭ "ސްޓްރެޓެޖިކް އެކްޝަން ޕްލޭނު"ގައިވެސް އާންމުކޮށް މަސްވެރިކަން ކުރާ ސަރަހައްދުތައް ދެނެގަނެ އެތަންތަނުގައި އައިސް ޕްލާންޓުތައް ޤާއިމުކުރުން ހިމެނެއެވެ.

މި ޕުލެޓުފޯމުތައް ނާޅުއްވާނެކަން ރައީސް ހާމަކުރައްވާފައިވާއިރު ފާއިތުވި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕްލެޓުފޯމުތަކުގެ މަސައްކަތް ކުރިއަށްދޭތޯ ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެ ދުވަހު ވިދާޅުވެފައިވަނީ އެއީ ސަރުކާރުގެ މަޝްރޫޢެއްކަމަށާއި، މަޝްރޫޢުގެ މައުލޫމާތު ހޯއްދެވުމަށްފަހު ހާމަކުރައްވާނެ ކަމަށެވެ.

މަސްވެރިންނަށް ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތަކުގެ ތެރޭގައި ގޭދޮށު މަސް ފެކްޓަރީ ޤާއިމުކުރުމާއި އޮފްޝޯ ކަންނެލި ޖަގަހަތައް ޤާއިމުކުރުމާއި، ކިރާ މަހަށް ހަމައަގު ހޯދައިދިނުން ހިމެނެއެވެ. ސަރުކާރަށް 4 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު ސަރުކާރުން އަންނަނީ މި ވައުދުތައް ފުއްދުމަށް ތަފާތު މުހުލަތުތައް ދެމުންނެވެ.

މި ލިއުމާއި ގުޅޭ