ވަޒީރުން އިތުރު އަނބިންނާއި ފިރިން ގެންގުޅެން އެމީހުންނަށް ވަޒީފާ ދިނުމަކީ މީހުން މެނޭޖު ކުރުން ނޫންކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲއަށް ރައްދު ދެއްވައިފިއެވެ.
ދިޔާނާ މިފަދައިން ވިދާޅުވެފައި މިވަނީ މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
އިމްރާންގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖުކުރެވޭ މީހަކަށް ކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއް ކަމަށެވެ.
މިނިސްޓަރު އިމްރާނަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ވެރިކަމަކީ އެ ވެރިކަމުން ރައްޔިތުންނަށް މަންފާ ފޯރުވައިދޭ ވެރިކަމެއް ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ދިޔާނާ ފާހަގަކުރައްވާފައިވަނީ އާސަންދަ އާއި، އިސްރަށްވެހިންގެ އިނާޔަތާއި، އެކަނިވެރި މަންމައިންނަށް ދޭ އިނާޔަތާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތުގެ އިތުރުން ރަށު ބަންދުން ވީއްލުވައިދިން ދަތުރުފަތުރުގެ ނިޒާމެވެ.
ދިޔާނާ ފާހަގަކުރައްވާފައިވާ މި ކަންކަމަކީ އެމްޑީޕީގެ ކުރީގެ ވެރިކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮށްފައިވާކަންކަމެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަޒީރުން އިތުރު އަނބިންނާއި ފިރިން ގެންގުޅެ ފަހިކުރަން އެ އަނބިންނާއި ފިރިންނަށް ދައުލަތުގެ މާލިއްޔަތުގެ ބިޑު މުސާރައާއި އިނާޔަތް ލިބޭ ވަޒީފާޔާއި "ޕްރޮޖެކްޓް" ދިނުމަކީ މީހުންމެނޭޖު ކުރުން ނޫންކަމަށާއި އެއީ ކޮރަޕްޝަންކަމަށެވެ.
ދިޔާނާ މިފަދައިން ވިދާޅުވެފައިވާއިރު މިނިސްޓަރު އިމްރާންގެ އަނބިކަނބަލުން ފާޠިމަތު ޔުމްނާ ޕީއެޗްޑީއަށް ކިޔަވާވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަތުމުން އޭނާގެ ދިރިއުޅުމުގެ ޚަރަދުތައް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ "ހަގު އަނބިކަނބަލުން"ކަމަށް ބުނާ ޒިފްލީނާ ޙަސަން ވަނީ މިނިސްޓްރީ އޮފް ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކޮށްފައެވެ.
ޒިފްލީން އެ މަގާމަށް އައްޔަނުކޮށްފައިވާއިރު ދާދިފަހުން ވަނީ އޭނާ ފޭކް ޕީއެޗްޑީއެއް ގެންގުޅޭ މައްސަލަވެސް ފެންމަތިވެފައެވެ.