Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ގެމެންދޫ އާއި ރަށްފަތި: އައިލެންޑް ހޮޕިން ޕިކްނިކަކަށް ސަޅި ޕޮއިންޓެއް!

ދިރިއުޅުމުގެ ބިޒީ ދުވަސްތައް ވޭތުކުރަމުން ގޮސް ސިކުނޑި ހަމަ ޖައްސައިލުމަށް ބިޒީ ދުވަސްތަކުން ކުޑަ ބްރޭކެއް ނަގާ އެންމެންވެސް ބޭނުންވާނީ އެ ދުވަސްތައް ތިމާ އެންމެ ހިތްހަމަ ޖެހޭގޮތަށް ހޭދަކޮށްލުމަށެވެ. އެގޮތުން ނަގާ ބްރޭކްތަކުގައި ރައްޓެހިންނާއި އާއިލާއާއެކު މަޖާ ކުރަން ޕިކްނިކްތައްވެސް ރާވައެވެ. މިގޮތަށް ޕިކްނިކަކަށް ދާއިރު ކޮންމެ މީހަކުވެސް ބޭނުން ވާނީ ވަރަށް "ހެޕެނިން ޕިކްނިކް"އަކަށް ދިއުމަށެވެ. ކުރިއަށް އޮތީ މިޑް-ސެމިސްޓަރ ބްރޭކް ކަމުން ޕިކްނިކް ދާނެ ތަނެއް ހޯދުމަށް ނުވަތަ ޗުއްޓީ ހޭދަކޮށްލަން ދާނެ ތަނެއް ފައިނަލް ކުރުމަށް ވިސްނާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕިކްނިކް ދާކަހަލަ ރީތި ރަށްތަކެއް ކުރީބައިން ހޯދާފައި އޮތުމަކީ ބުއްދިވެރިކަމެކެވެ. ދ. އަތޮޅުގައި މީގެ ކުރިން މީހުން ދިރިއުޅުނު ނަމަވެސް މިހާރު ފަޅުރަށެއްކަމަށްވާ އެ އަތޮޅު ގެމެންދޫއާއި އެރަށާއި އެއް ބަރިއެއްގައި އޮންނަ ފަޅު ރަށްތަކަކީ މަޖާ "ހެޕެނިން" ޕިކްނިކަކަށް ދާން ވަރަށް ސަޅި ތަނަކެވެ.

ގެމެންދޫއަކީ ކޮބާ؟

ގެމެންދޫއަކީ މީގެ ކުރިން މީހުން ދިރިއުޅެމުން އައި ދ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ ރަށެކެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ގެމެންދޫ އޮތީ މުޅިން ދޫކޮށްލާފައެވެ. އެރަށުގެ އާބާދީގެ ބޮޑު ބައެއް ބަދަލުވީ އަތޮޅުގެ ވެރިރަށް ކުޑަހުވަދޫއަށެވެ.

ގެމެންދޫގެ ގެތަކާއި އެހެނިހެން ތަންތަން މުޅިންހެން މިހާރު ވީރާނެވެފައިވާއިރު ބައެއް ގެތަކުގެ ފާރުތައް އަދިވެސް އެބަ ހުއްޓެވެ. އަދި މިސްކިތުގެ ތަނބުތައްވެސް ކުލަލީގޮތަށް ސާފުކޮށް އަދިވެސް ހުރި އިރު ސުނާމީގައި ފެންނަ ފެނުމުގައި މިސްކިތަށް މާބޮޑު ގެއްލުމެއް ވެފައެއް ނެތެވެ. 500 އެއްހާ އާބާދީއެއް އޮތް ގެމެންދޫގައި ސުނާމީގެ ފަހުން އެއްވެސް މީހަކު ދިރި ނޫޅޭއިރު މިހާރު އެރަށަކީ މީހުން ޕިކްނިކް ދިއުމަށް ހާއްސަ ރަށެކެވެ.

ގެމެންދޫ ވަށައިގެން މީހުން ދިރިނޫޅޭ 11 ރަށެއްގެ ދިގު ސަފުތަކެއް ހުރިއިރު ގިނަ ރަށް ރަށުގައި އެއް ރަށް އަނެއްރަށާއި ދެމެދު އޮންނަނީ ދެތިން ފޫޓުގެ ދުރުމިނެވެ. އޮއި ގަދަ ފަޅެއް ދެރަށް ދޭތެރޭގައި އޮތް އިރު ކުޑަ ތަންކޮޅަކަށް ފަތާލާފައި ޖެހިގެން އޮތް ރަށަށް ދެވޭނެއެވެ. މި ނޫނަސް އެއްފަޅެއްގައި އޮތް މި ރަށްފަތިން އެއް ރަށް އަނެއް ރަށަށް ފަސޭހައިން ދެވޭނެއެވެ.

ރަށް ފަތީގައި ހިމެނޭ ފިނޮޅަކީ ވަރަށް ހިތް ގައިމު ފިނޮޅެކެވެ. އެ ސަރަހައްދުގައި އަބަދުވެސް ހުދުކުލައިގެ ދޫނިތަކެއް އުޅޭއިރު ރީތި ފޮޓޯ ނަގައިލާ މޫދަށް އެރިލަން މިތަންވެސް ވަރަށް ސަޅިއެވެ. ދ. އަތޮޅުގެ މި ސަރަހައްދަކީ ރިސޯޓުތަކެއްވެސް ހުންނަ ހިސާބަކަށް ވުމުން މި ފިނޮޅަކީ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދ. އަތޮޅުގެ ރަށްތަކުގެ ޒުވާނުންގެ މެދުގައި މަގުބޫލު ރަށް ފައްޗަކީ ޒުވާނުން އޮފް ދުވަސްތަކުގައި މަޖާ ކޮށްލާ ހިތްހަމަ ޖައްސާލުމަށް އަބަދުވެސް ދާ ތަނެކެވެ. އެގޮތުން ބަންދު ދުވަސްތަކުގައި ހަމަ އެކަނި މަޖާ ކޮށްލާ ކާލަންވެސް އެ ރަށް ފައްޗަށް ޒުވާނުން ދާއިރު ކުޑަ ހަރަދަކުން އެ ރަށްތަކަށް ފިކްނިކް ގޮސްލެވޭނެއެވެ.

ފިކްނިކް ގޮސް ކުޅެވިދާނެ ކުޅިވަރުތައް:

1. ކޮރުގެ

2. ބީޗް ވޮލީ

3. ފައިގަތަޅާ

4. ފުޓްބޯޅަ/ ފުޓްސަލް

5. އަކުންބަކުން

ރަށް ފައްޗަށް ޕިކްނިކް ދާމީހުން މިފަދަ ކުޅި ވަރުތައް ރަށްތަކުގެ އަތިރިމަތީގައި ކުޅެއެވެ. މިފަދަ މަޖާ ކުޅިވަރުތައް ކުޅުމަކީ އެއްބަޔަކު އަނެއްބަޔެއްގެ ދެމެދުގައި އެކުވެރިކަން އާލާވާ ކަމަކަށްވާއިރު ދާ ޕިކްނިކަށް ފުރިހަމަ ކަމެއް ގެނެސްދޭނެކަމަކަށްވެސް ވާނެއެވެ.

މީގެއިތުރުން މޫދުން މަސް ބާނައި މަސްފިހެ ގޮނޑުދަށުގައި ކައްކައިގެން ކެއުމަކީ އެރަށްފައްޗަށް ޕިކްނިކްދާ މީހުން ކުރާކަމެކެވެ. މިފަދައިން އެތަނުގައި ކައްކައިގެން ކެއުމުން ހަގީގީ ޕިކްނިކްގެ ރަހަ ލާނެއެވެ.

ޕިކްނިކް ދިއުމުގެ އިތުރުން ރަށްފަތިވަނީ ޓިކްޓޮކް ސްޓާރުންގެ މެދުގައިވެސް މަގްބޫލުތަނަކަށް ވެފައެވެ. އެގޮތުން ކުރު ފިލްމު އަދި ލަވަތައް ޝޫޓްކުރުމަށްވެސް އެ ސަރަހައްދުގެ ރަށްތައް ބޭނުންކުރަމުންދާކަމަށް ދ. އަތޮޅުގެ ބައެއް ޒުވާނުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރަށްފަތީގެ ރީތި ތުނޑި ސަރަހައްދަކީ ބައެއް މީހުން ވެޑިން ފޮޓޯ ޝޫޓްތަކަށްވެސް ދާތަނެކެވެ. އެ އަތޮޅުގެ ޒުވާނުން ބުނާގޮތުގައި އެފަދަ ރީތި ރަށްތަކެއް ލިބިފައި ވުމަކީ އެމީހުންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ.

ދެން ލިބޭ ބްރޭކެއްގައި ދ. އަތޮޅުގެ ރަށް ފައްޗަށް ޕިކްނިކް ދާން ރާވާށެވެ. ފޫހި ނުވެ މަޖާ ހެޕެނިން ޕިކްނިކަކަށް ރަށްފަތިވަރެއް ނެތެވެ.

މި ލިއުމާއި ގުޅޭ