ފާޅުކަންބޮޑު ގޮތެއްގައި ހަށިވިއްކުން އާންމުކޮށް އިޝްތިހާރުކޮށްގެން އެކަން ކުރި ދުވަސްވަރެއް މި ނޫނީ ރާއްޖެ ނުދެކޭ ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
މި ވެރިކަން އައި ފަހުން މަސާޖު ޕާލާތަށް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މަސާޖު ޕާލާގެ ނަމުގައި މިހާރު ގިނައިން ހިންގަމުން އަންނަނީ ހަށިވިއްކާ ތަންތަންކަން ފާހަގަކޮށްލެވެ އެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެފަދަ ތަންތަން ހާމަކަންބޮޑު ގޮތެއްގައި އިޝްތިހާރުވެސް ކުރަމުންދާއިރު، ފިޔަވަޅެއް ނާޅަ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އަލީ ރަމީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބިރެއް ޖެހިލުމެއް ނެތި މިހާ ފަޅުކަން ބޮޑުކޮށް މަސާޖު ޕާލާގެ ނަމުގައި ހަށިވިއްކުމާއި ފާހިޝް ކަންކަން އިއުލާނުކޮށް އިޝްތިހާރު ކޮށްގެން ކުރިއަށް ގެންދިޔަ ދުވަސްވަރެއް މި ނޫނީ ރާއްޖެ ދެކެފައި ނުވާ ކަމަށެވެ.
މިހާރު މާލޭ ސަރަހައްދުގައި މިސްކިތްތަކަށްވުރެ މަސާޖު ޕާލާތައް ގިނަ އެވެ. "ދިޔަރެސް" އިން ހޯދައި އެއްކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މާލޭގައި އެކަނިވެސް މިވަގުތު 55 ސެލޫން/ މަސާޖު ޕާލާ ހިންގަ އެވެ. އެކަމަކު މާލޭ ސަރަހަދަށް ބަލާއިރު ޖުމްލަ ހުރީ 48 މިސްކިތެވެ. އެއީ މާލޭގައި 30 މިސްކިތް، ހުޅުމާލޭގައި 15 މިސްކިތް އަދި ވިލިމާލޭގައި ތިން މިސްކިތެވެ.
މިދިޔަ ނޮވެމްބަރު މަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާލޭގައި މަސާޖު ޕާލާތަކުގެ ނަމުގައި ހިންގާ ހަށި ވިއްކާ ތަންތަން އާންމުވީ ކޮވިޑު-19 ގައި މުޅި ދުނިޔެ ބަންދުކޮށްފައި އޮތް އިރު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި އޮތުމުން ކަމަށެވެ.
އަދި ސޯޝަލް މީޑިއާގެ ދައުރު ފުޅާވެ ކާކުކަން ނޭނގޭ ގޮތަށް އެކައުންޓު ހެދުމުގެ ފުރުސަތު ލިބުމުގެ ސަބަބުން ހަށިވިއްކުމުގެ ފުރުސަތު ބޮޑުވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަކު ޓިކްޓޮކާއި، ފޭސްބުކް އަދި ވައިބާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް އެފަދަ މަސާޖުޕާލާތައް އިޝްތިހާރުކޮށްފައި ހުންނަނީ ނަންބަރާއި ފޮޓޯއާވެސް އެކު އެވެ.