ރޭ ފެނިގެންދިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ކަމަށާއި ރައީސް ސޯލިހް އަކީ ކެތްތެރިކަމުގެ ނަމޫނާއެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވުމާއި ގުޅިގެން އެކަމަނާ އަށް ވަރުގަދަ ރައްދެއް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ދެއްވައިފިއެވެ.
ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހާކެތްތެރި ރައީސެއް، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން އަދި ގާނޫނުތަކުން ލިބިދީފައިނުވާ ބާރެއް ބޭނުންކުރައްވައިގެން ގަރާރެއް ނެރުމުން އެތައް ސުވާލެއް އުފެދޭ ކަމަށެވެ. އަދި އެހާ ކެތްތެރި ރައީސެއްނަމަ ކެތްކޮށްލެވުނީސް ނޫންތޯ ޣައްސާން ވަނީ ސުވާލު ކުރައްވައިފައެވެ.
ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީ ހަރުގެއާ ދިމާ، އާޓިފިޝަލް ބީޗުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްވެސް ކުރިއަށް ދިޔައެވެ.
ރޭގެ ޖަލްސާތަކާ ގުޅިގެން ފަސްޓް ލޭޑީ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ" ކަމަށެވެ.
ނަމަވެސް އިދކޮޅު ޖަލްސާ ބާއްވަން ފެށުމުން ފުލުހުން ވަނީ އެ ޖަލްސާއަށް ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ. އިދިކޮޅުން ވަނީ ދޫ ނުދީ އެޖަލްސާ ކުރިއަށްގެންގޮސްފައެވެ.