ރަޝިޔާ އަދި ޔޫކްރެއިން މެދުގައި ހިނގަމުންއަންނަ ހަނގުރާމައިގާ ބޭނުންކުރުމަށް ޔޫކްރެއިންއިން އަސްކަރީ އެހީއަށް އެދުމުން، ހުޅަނގުގެ ގައުމުތަކުން އަސްކަރީ އުޅަނދުތައް ފޮނުވުމަށް އެއްބަސްވެއްޖެއެވެ. ނަމަވެސް އެހީގެ ގަތުގައި ފޮނުވަން ހަމަޖެހުނީ ޔޫކްރެއިނުން އެދުނު ޓޭންކެއްނޫނެވެ.
ފުރާންސްގެ އޮފިޝަލެއް ބޭރުގެ މީޑިޔާއަށް މައުލޫމާތުދިން ގޮތުގައި، އޭއެމްއެކްސް 10 އާރު ސީ ކޮމްބެޓް އުޅަނދުތަކެއް ޔޫކްރެއިނަށް ފޮނުވުމަށް ފުރާންސްގެ ރައީސް ވަނީ ނިންމަވާފައެވެ. މިހެން ނިންމަވާފައިވަނީ މިދިޔަ ބުދަ ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރު ޒެލެނެސްކީއާއި އެކު ގުޅުއްވައި ބޭއްވެވި މަޝްވަރާތަކަށްފަހުގައެވެ.
"ހުޅަނގުން ހަދައިފައިވާ އަސްކަރީ އުޅަނދުތަށް ޔޫކްރެއިނަށް އެހީއެއްގެ ގޮތުގައި ލިބޭ މިއީ ފުރުތަމަ ފަހަރު"، ފުރާންސްގެ އޮފިޝަލް ބުނެފައިވެއެވެ.ފޮނުވާ އުޅަނދުތަކުގެ އަދަދެއް ނޫނީ ފޮނުވާނެ ތާރީހެއްގެ ތަފްސީލެއް އާންމު ނުކުރިޔަސް، މުސްތަގުބަލުގައިވެސް ފްރާންސްގެ އަސްކަރީ އެހީ ފޮނުވުމުގެ މަޝްވަރާ ކުރިއަށް ދާނޭކަމަށް އޮފިޝަލް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ "ބުރެޑްލީ ފައިޓިންގް ވެހިކަލްސް" ފޮނުވާނެކަމަށް ބުނެފައެވެ.
އެމެރިކާއިން ފޮނުވަން އެއްބަސްވި މީޑިއަމް އާމާޑް އުޅަނދުތަކަކީ ސިފައިން ގެންދިއުމަށް ފަރުމާކޮށްފައިވާ ޓޭންކުތަކެކެވެ. ޓޭންކެއްގައި ހުންނަ ފަދައިން އޭގައިވެސް ފުރޮޅުގެ ބަދަލުގައި ހުންނަނީ ޓުރެކެވެ. ނަމަވެސް ޓޭންކަކަށްވުރެން މި އުޅަނދުތަށް މާ ހަލުވިކޮށް ދުއްވެއެވެ. 10 ވަރަކް މީހުން އެރުވޭ ޖާގަ އޮންނައިރު، އުޅަނދު އެތެރޭގެ ބައިބައި ބަދަލު ކޮށްލާ ވަޒަނާއި ހަތިޔާރު އެރުވޭގޮތަށްވެސް ބުރެޑްލީތައް ހަފާލެވެއެވެ.
ޕެންޓަގަނުންވަނީ މިހާތަނަށް 2000 އަށްވުރެން ގިނަ އަސްކަރީ އުޅަނދާއި، 1200 ހަމްވީ އާއި އަދި، ބިމުގައި ފޮރުވާފަ ހުންނަ ބޮންތަކުން ނޫނީ ލޭންޑް މައިންތަކުންވެސް ގެއްލުން ނުވާ އަދި ދުޝްމަނުން ކުއްލިއަކަށް ދޭ ހަމަލާއަކުންވެސް ރައްކާތެރިކޮށްދޭނެ 477 އުޅަނދެއް ޔޫކްރެއިނަށް އެހީގެ ގޮތުގައި ދީފައެވެ.
"މިކަމަކީ އެހެން ގައުމުތަކަށްވެސް ފޮނުވޭ ސާފު އިޝާރާތެއް. ހުޅަނގުގެ ޓޭންކުތަކެއް ޔޫކްރެއިންއަށް ފޯރުކޮށްދެވިފައިނުވުމުގެ އެއްވެސް ސަބަބެއް ނުފެނޭ"، ޒެލެންސްކީ ވިދާޅުވިއެވެ.
ރައީސް މެކްރޯނަށް ރައީސް ޒެލެންސްކީ ވަނީ ޓުވިޓާގައި ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. އަދި އެދެއްވާ އެހީއަކީ ރަޝިޔާގެ މައްޗަށް ކާމިޔާބުވުމުގެ މަގުފަހިވެގެންދާނެކަމެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރަޝިޔާގެ ލަޝްކަރުގެ މީހުންގެ އަދަދު އިންތިހާއަށް ދަށްވި ނަމަވެސް، އެ ގައުމުން ދެމުން އަންނަ ހަމަލާތަކައް ހުއްޓުމެއްނާނެކަމަށް ޔޫކްރެއިން ޑިފެންސް މިނިސްޓުރީގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ އޮފިޝަލެއްކަމަށްވާ އޭންޑުރޫ ޗޭރުނިއަކް ބުނެފައިވެއެވެ.
ރަޝިޔާގެ ރައީސް ޕޫޓިންވަނީ މި ހަނގުރާމައިން ފަސް ނުޖެހޭނެކަމުގެ އިޝާރާތެއްގެ ގޮތުން، މިދިޔަ ބުދަ ދުވަހު، އާ-ޖީލުގެ ހައިޕާސޮނިކް މިސައިލް އަޅުވާފައިވާ "ފްރައިގޭޓް" މަނަވަރެއް އެޓްލާންޓިކް ކަނޑަށް ފޮނުވާފައެވެ. އޭގެ މިސައިލެއް އަޑު ދަތުރުކުރާ ވަރަށްވުރެން ފަސް ގުނަ އަވަހަށް އުދުހެއެވެ.