ފާޑުކިޔުމުގެ މިނިވަންކަން ދީފައި އޮތަސް، އެކަން ކުރަމުންގޮސް ޕާޓީގެ އުސޫލުތައް މުގުރާލާ ހިސާބަށް ދިޔުން ބަލައިނުގަނެވޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި މީކާއީލް ރޭ އޮތް ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ މީކާއިލް ވިދާޅުވީ 2019 ގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ސަރުކާރުގެ ކެންޑިޑޭޓެއް ކަމަށާއި އަދި ސަރުކާރަށް ވާގިވެރިވާނެ ބޭފުޅެއް ކަމަށް ބޭފުޅަކު ވިދާޅުވި ކަމަށެވެ.
"އެކަން ރައްޔިތުންނަށް ވިއްކައިގެން އެކަން ރައްޔިތުން ގަބޫލުކޮށް އެމްޑީޕީއަށް 65 ގޮނޑި ހިބަކޮށް ދިން. ނަމަވެސް އެ ވަގުތު އަދި މިހާރުވެސް ހަރުދަނާ އޮޕަޒިޝަނެއް ނެތުމާއެކު އަޅުގަނޑުމެންގެ ތެރެއިން ވެސް ބަޔަކު ބުނަމުން އައީ އަޅުގަނޑުމެން ވާގިވެރިވުމާއެކު ފާރަވެރި ވާނަމޭ. ސަރުކާރު ކެންޑިޑޭޓެއް ނަމަ ސަރުކާރަށް ވާގިވެރިވާން ޖެހޭނެ އަދި ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހޮވިފައި ހުންނަ ނަމަ ސަރުކާރަށް ފާރަވެރިވެސް ވާން ޖެހޭނެ" މީކާއިލް ވިދާޅުވި އެވެ.
ސަރުކާރަށް ފާރަވެރިވުމާއި އަދި ފާޑުކިއުމުގެ ޖާގަ އެމްޑީޕީގައި އިންތިހާއަށް އެބައޮތް ކަމަށާއި އެ ފުރުސަތު ރައީސް ސޯލިހު ވަރަށް ބޮޑު ފަހިކޮށްދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައީސް ސޯލިހު ސިޔާސީ ގޮތުން އައްޔަނުކޮށްފައި ތިއްބެވި ބޭފުޅުން ވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވަމުން ގެންދަވާ މަންޒަރެވެ. ނަމަވެސް ފާޑު ކިޔުމުގެ ނަމުގައި އަމިއްލައަށް ހަދާފައިވާ ޕާޓީގެ އަސާސްތަކާއި އުސޫލުތައް މުގުރުން ބަލައިނުގަނެވޭނެ ކަމަށް އެނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފާޑު ކިޔަންވާނެ ކިތަންމެ ވަރަކަށް ވެސް ފާޑު ކިޔެންވާނެ. ނަމަވެސް ފާޑު ކީކީނުން އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭނޭ މިންވަރަށް، ފާޑުކީކީނުން މި ޕާޓީގެ އަސާސީ ގަވައިދުގައި އަޅުގަނޑުމެން އަމިއްލައަށް ލިޔެފައިވާ އުސޫލުތައް މުގުރާ ހިސާބަށް ދިޔައިމާ އެއީކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އެއީ އަޅުގަނޑު ގަބޫލުކުރާ ފާޑުކިއުމުގެ ހައްދެއްވެސް ނޫން. " މީކާއީލް ވިދާޅުވި އެވެ.