Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

އޭޓީއާރްގެ ދެ ފްލައިޓް މޯލްޑިވިއަން އިން ގެނެސްފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭޓީއާރު-72 ގެ ދެ ފްލައިޓް މިއަދު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަން އިން ބުނީ ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ ދެ ފްލައިޓް ކަމަށާއި، މިއިން ކޮންމެ ބޯޓަކުން ވެސް 72 މީހުން އެއްފަހަރާ އުފުލޭނެކަމަށެވެ. އަދި މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރްގެ އެންމެ ފަހުގެ އިންޖީނުތަކެއް ކަމަށް ވުމުން، ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ ކަމަށެވެ. އަދި ތެޔޮ ބޭނުން ކުރާ މިންވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ވިއްސަކަށް އަހަރުވެފައިވާ އިރު، އޭގެ ސަބަބުން މެއިންޓަނެންސް ގިނަ މައްސަލަތަކެއް ދިމާވާ ކަމަށެވެ.

އަދި އޭގެ ސަބަބުން ފްލައިޓުތަކުގެ ޝެޑިއުލް އަށް ވެސް ބުރޫ އަރަމުން ދިޔަ ނަމަވެސް، އާ ބޯޓުތަކާ އެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓު ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ޖެނިފާ ވިދާޅުވި އެވެ.

"މި ބޯޓުތަކުގެ ގޮނޑިތައް ތަންކޮޅެއް ގިނަ ވާނެ. އަޅުގަނޑުމެންނަށް މީހުންނަށް ދެވޭ ސީޓުތައް ވެސް އިތުރުވާނެ. މި ބޯޓުތައް ގެނައިމަ އަޅުގަނޑުމެންގެ ރިލަޔަބިލިޓީ 100 ޕަސެންޓު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖެނިފާ ވިދާޅުވީ އަލަށް ގެނައި ދެ ބޯޓުގެ އިތުރުން އޭޓީއާރްގެ 42 ޖާގައިގެ ބޯޓެއް ވެސް މި މަހު ތެރޭ މޯލްޑިވިއަން އަށް ލިބޭނެ ކަމަށެވެ. އެ ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް އިތުރުވާނެ ކަމަށް ވެސް ޖެނިފާ ވިދާޅުވިއެވެ. އަދި އާ ބޯޓުތައް ލިބޭ ވަރަކުން ޑޭޝް މަރުކާރުގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލަމުންދާނެ ކަމަށާއި، މި އަހަރު ތެރޭ ވެސް އޭޓީއާރްގެ އާ ބޯޓުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

އާ ބޯޓުތަކާ އެކު މޯލްޑިވިއަންގެ ބޯޓުތަކުގެ އިން-ފްލައިޓް ހިދުމަތްތައް ވެސް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށާއި، ޑޭޝް މަރުކާރުގެ ބޯޓުތައް އާ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ