Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

އަހަރު ނިމުނުއިރު އަންދާޒާކުރި ވަރަށްވުރެ ބަޖެޓު ދަރަނި ބޮޑުވެ، 12.2 ބިލިއަންގެ ދަރަނި

ފާއިތުވި 2022 ވަނަ އަހަރު ނިންމައިލިއިރު އެ އަހަރުގެ ބަޖެޓު ދަރަނި (ޑެފިސިޓް) 12.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ޖަނަވަރީން ފެށިގެން ޑިސެންބަރު 29 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 39.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަކީ 27.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް 12.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އިތުރަށް ޚަރަދުކުރި ފައިސާއަކީ ދައުލަތުން އެކި ގޮތްގޮތުން ދަރަންޏަށް ހޯދި ފައިސާއެވެ. 2021 ވަނަ އަހަރު ބަޖެޓު ހުށަހެޅިއިރު ފިނޭންސް މިނިސްޓްރީން އަންދާޒާކުރި ގޮތުގައި 2022 ވަނަ އަހަރު ބަޖެޓު ޑެފިސިޓުވާނީ 9.7 ބިލިއަން ރުފިޔާއިންނެވެ. އެހެންކަމުން ފާއިތުވި އަހަރުގެ ބަޖެޓު ޑެފިސިޓުވަނީ އަންދާޒާކުރި ވަރަށްވުރެ 2.5 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.

އެ މުއްދަތުގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓު ޚަރަދުތަކަށެވެ. މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 11 ބިލިއަން ރުފިޔާ އަދި އިދާރީ ކަންކަމަށާއި ހިންގުމުގެ ޚަރަދުތަކަށް 16.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކަށް ޖުމްލަ 27.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެހެންކަމުން ނިމުނު އަހަރުވެސް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުގެ ހިންގުމުގެ ޚަރަދުތައްވަނީ ބޮޑުވެފައެވެ. އެގޮތުން ރިކަރަންޓު ޚަރަދަށް ލިބުނު އާމްދަނީގެ ބޭރުން 339 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ނިމުނު އަހަރު ބަޖެޓު ފުރަތަމަ ފާސްކޮށްފައިވަނީ 34 ބިލިއަން ރުފިޔާ ޚަރަދުކުރާށެވެ. ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓާއެކު ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައި ޚަރަދުތައް ޖުމްލަ 39 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ފަހުން އަންދާޒާކުރިއެވެ.

ސަރުކާރުގެ ޚަރަދުތައް ކޮންޓުރޯލުނުކުރެވި ބަޖެޓުގެ ދަރަނި ބޮޑުވަމުންދާތީ ސަރުކާރުންވަނީ އާންމުން އަތުން ނަގާ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް މި އަހަރު ފެށުމާއެކު ބޮޑުކޮށްފައެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ކުރިން ނެގި %6 މިހާރުވަނީ %8 އަށް ބޮޑުކޮށްފައެވެ.

ޖީއެސްޓީ ބޮޑުކުރި ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކުޑަނުކުރެވޭނަމަ ދަރަނި އިތުރުވާނެކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ސަރުކާރަށް އަންނަނީ ލަފާދެމުންނެވެ.

މި ލިއުމާއި ގުޅޭ