ތުރުކީގެ ދެކުނު ހުޅަނގުގައި އޮންނަ ޤަދީމީ ޝަހަރެއް އިއާދަކުރުމަށް ހިންގި ބޮޑު މަޝްރޫޢަކާއެކު އެ ޝަހަރުގައި ހުރި 2،000 އެތައް އަހަރެއްވީ ބިޔަ ފެންއަރުވާ ވަޑާމަކުން ފެން ދައުރުވާން ފަށައިފިއެވެ.
ޤަދީމީ ޝަހަރެއްކަމަށްވާ ކިބައިރާގައި ހުންނަ މި ފައުންޓެއިން އަލުން އިއާދަކުރުމަށް ހަތަރު މަސްދުވަހު ތުރުކީގެ އާކިއޮލޮޖިސްޓުންގެ ޓީމަކުން މަސައްކަތްކޮށްފައިވެއެވެ. މީގެ ދުވަސްތަކެއް ކުރިން މިފަދަ އެހެން މަޝްރޫޢެއްގެ ތެރެއިން ސަގަލާސޯސް ނަމަކަށް ކިޔާ ޤަދީމީ ޝަހަރުގައި ހުރި މި ބާވަތުގެ ފެންއަރުވާ ވަޑާމަކަށް "ދިރުން" ގެނުވާފައިވެއެވެ.
މި ފެންއަރުވާމާ ވަޑާމާއި އިތުރު ދެ ފަތާ ފެންގަނޑު އަލުން އޭގެ ހާލަތަށް އިއާދަކޮށްފައިވަނީ އެ ޝަހަރުގެ ތެރެއިން ފެނިފައިވާ އެ ތަންތަނަށް ނިސްބަތްވާ 150 އެތިކޮޅާއި އަސްލާ އެއްގޮތަށް އުފައްދާފައިވާ 24 ބުލޮކް ބޭނުންކޮށްގެންނެވެ. އަސްލާ އެއްގޮތަށް އުފެއްދި 24 ގަލަކީ ފެންއަރުވާ ވަޑާން ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންކުރި ހިލައިން ހަދާފައިވާ ގައުތަކެވެ.
މި މަސައްކަތްކޮށްފައިވަނީ މި ޝަހަރު އޮންނަ ބުރްދޫރް ގަވަނާޝިޕްގެ އެހީތެރިކަމާއެކު 17 މީހުންގެ މައްޗަށް އެކުލެވޭ މާހިރުންގެ ޓީމަކުންނެވެ. އެ ޓީމުގައި އާކިއޮލޮޖިސްޓުންނާއި އާސާރީ ތަކެތި އިއާދަކުރުމުގެ ތަޖުރިބާކާރުންނާއި އާކިޓެކްޓުން ހިމެނެއެވެ.
"ގްލޭޑިއޭޓަރުންގެ ޝަހަރު"ގެ ގޮތުގައި ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ކިބައިރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލައިން ހަދާފައިވާ މަގަކުން މައްޗަށް ހިނގާފައި ގޮސް މި ފެންއަރުވާ ވަޑާމާ ހަމައަށް ދެވޭނެއެވެ.
މި ބޮޑު ފެންއަރުވާ ވަޑާމަކީ އީސާގެފާނުގެ މީލާދުގެ 23 އަހަރުކުރިން ބިނާކޮށްފައިވާ 15 މީޓަރުގެ ފުޅާމިން ހުންނަ 8 މީޓަރުގެ ދިގުމަން ހުންނަ ފެންއަރުވާ ވަޑާމެކެވެ. އެތަނަކީ ކައިބީރާގައި 600 އަހަރާއި 700 ދެމެދުގެ މުއްދަތަކަށް ބޭނުންކުރި ތަނެއްކަމަށް އެ ތަން އިއާދަކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އާކިއޮލޮޖިސްޓު ސުކްރޫ އޮޒުޑޮގްރޫ ވިދާޅުވިއެވެ.