Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރަންޓު

އިންޑިއާގެ ކަރަންޓަށް ބަރޯސާވުން: ހީކުރާވަރަށްވުރެ ނުރައްކާތެރިކަމެއް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކަރަންޓު ގްރިޑާއި އިންޑިއާގެ ކަރަންޓު ގްރިޑާއި ގުޅާލުމަށް ދިރާސާއެއް ހަދާފައިވާ ކަމަށް އިއްޔެ އިންޑިއާގެ ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ. މިކަމުގެ ތަފްސީލެއް އަދި މިހާތަނަށް ދިވެހި ސަރުކާރުން އާންމުކޮށްފައިނުވެއެވެ.

އެހެން ނަމަވެސް އިންޑިއާގެ ކަރަންޓު ގްރިޑާއި ރާއްޖޭގެ ކަރަންޓު ގްރިޑު ގުޅާލުމުގެ ބޭނުމަކީ އިންޑިއާއިން ރާއްޖެއަށް ކަރަންޓު ވިއްކުންކަން އެނގެއެވެ. މިއީ ހީކުރާވަރަށް ވުރެ ނުރައްކާތެރި ކަމެކެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ދިވެހިރާއްޖެ ޒަމާންތަކަކަށް އަޅުވެތިވެގެންދާނެ ފަދަކަމެކެވެ.

ކަރަންޓަށް ނޫނީ ހަކަތައަށް އެހެން ގައުމަކަށް ބަރޯސާވުމަކީ އޭގެ ގެއްލުން ނުހަނު ބޮޑުކަމެކެވެ. މިގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓު ލިބޭނެކަމުގެ ޔަގީންކަން ގެއްލިގެންދާއިރު، ހަކަތައިގެ އަގު ކަނޑައެޅުންވެސް އޮންނާނީ އެ ވިއްކާ ބައެއްގެ އަތް މަތީގައެވެ. އަދި އެނަރޖީ އިންޑިޕެންޑެންސް، އެހެން ނޫނީ މިނިވަންކަމާއި އެކު އެހެން ފަރާތަކަށް ބަރޯސާނުވެ ހަކަތަ ލިބިގަތުން ހުއްޓުމަކަށް އަންނާނެއެވެ.

ދިވެހި ސަރުކާރުން އިންޑިއާއިން ކަރަންޓު ގަންނަން އުޅުމަކީ އެހެން ޤައުމަކަށް ހަކަތައަށް ބަރޯސާވުމޭ ބުނުމުން، މިހާރުވެސް ރާއްޖެއިން ތެޔޮ ގަންނަނީ އެހެން ޤައުމުތަކުން ކަމަށާއި، އެއީވެސް އެހެން ޤައުމުތަކަށް ބަރޯސާވުން ކަމުގައި ހީވެދާނެއެވެ. އެކަމަކު މިއީ ވަރަށް ތަފާތު ދެ ކަމެކެވެ. މިހާރު ރާއްޖެއިން އަމަލުކުރަމުން އަންނަ ގޮތަކީ އެވަގުތަކަށް އެންމެ ރަނގަޅު އަގުގައި ތެޔޮ ލިބެން ހުރި ޤައުމަކުން ގެނެސް، އިންޖީނުގެތަކުގައި ބޭނުންކޮށް، ކަރަންޓު އުފައްދާ ރައްޔިތުންނަށް ކަރަންޓު ދެނީއެވެ. ތެޔޮ އުފައްދަނީ އެންމެ ޤައުމަކުން ކަމަށް ނުވާތީ، އެއް ޤައުމެއްގެ ތެޔޮ އަގު ބޮޑު ކުރިޔަސް، ނޫނީ އެއް ޤައުމަކާއި ދިވެހިރާއްޖެއާއި މެދު ގުޅުން ގޯސް ވިޔަސް، ތެޔޮ ގަނެވޭނެ އެހެން ޤައުމުތައް އެބަހުއްޓެވެ.

މިއާއި ހިލާފަށް އިންޑިއާގެ ކަރަންޓު ގްރިޑާއި ގުޅާލައިގެން އެ ޤައުމުން ކަރަންޓު ހޯދަން ފަށައިފިނަމަ ހަމައެކަނި ބަރޯސާއެ ވެވެނީ އިންޑިއާއަށެވެ. އަގަށް ބަލާއިރު އިންޑިއާއިން ކަރަންޓު ހޯދުން އަގުހެޔޮ ވެދާނެއެވެ. ސަބަބަކީ އެ ޤައުމަކީ ބޮޑު ޤައުމަކަށްވެފައި، ކުޑަ އަގެއްގައި ކަރަންޓު ފޯރުކޮށްދިނަސް އެ ޤައުމަށް ގެއްލުމެއް ނުވާނެތީއެވެ. އެހެން ނަމަވެސް އިންޑިއާއަށް ނުވަތަ އެހެންވެސް ޤައުމަކަށް ހަކަތައަށް ބަރޯސާވުމުން ލިބޭނެ ގެއްލުން ފައިސާއިން އަގު ނުކުރެވޭނެއެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން ގެއްލޭނެ

އެހެން ޤައުމުތަކުން ހަކަތަ އިމްޕޯޓު ކުރުމަކީ ބައެއް ޤައުމުތަކުން ކުރާކަމެކެވެ. އެކަމަކު އޭގެ އެންމެ ބޮޑު އެއް ގެއްލުމަކީ ޔަގީންކަމާއި އެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަން ނެތިގެން ދިޔުމެވެ. ރާއްޖެއިން މިހާރުވެސް ގަންނަ ގޮތަށް ބޭރު ޤައުމުތަކުން ތެޔޮ ގަނެގެން ކަރަންޓު އުފައްދާނަމަ އަބަދުވެސް އެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އިންޑިއާއަށް ބަރޯސާވާން ޖެހިއްޖެނަމަ ރާއްޖެއަށް ކަރަންޓު ދިނުމާއި ނުދިނުމުގެ ބާރު އޮންނާނީ އިންޑިއާއަށެވެ. ގަސްތުގައި ކަރަންޓަށް ބުރޫއެރުވުމުގެ އިތުރަށް، ދިމާވާ ޓެކްނިކަލް ކަމަކުންވެސް މުޅި ޤައުމަށް ކަރަންޓު ލިބުން ހުއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަރަންޓު ފޯރުކޮށްދިނުން ހުއްޓާލުމަކީ ދުނިޔޭގައި މިހާރުވެސް ހިނގާކަމެކެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ ރަޝިޔާއެވެ. ޔޫރަޕުގެ ވަރަށް ގިނަ ޤައުމުތަކަށް ގޭސް އެތެރެކުރަނީ ރަޝިޔާއިންނެވެ. 2006 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް ގޭސް ފޮނުވުން ހުއްޓިއެވެ. މިއާއި އެކު ޔޫކްރެއިން މެދުވެރިކޮށް، ގޭސް އިމްޕޯޓުކުރާ ޔޫރަޕުގެ ޤައުމުތަށް ގޭހަށް ޖެހި ހަކަތައިގެ އަގު އެތައް ގުނައަކަށް މައްޗަށް ދިޔައެވެ. އަދި މިހާރު ކުރަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައިވެސް ރަޝިޔާއިން ގޭހުގެ ސަޕްލައި ބޭނުން ކުރަނީ އިޤްތިސާދީ ހަތިޔާރެއްގެ ގޮތުގައެވެ.

ހަނގުރާމައިގެ ތެރޭގައި ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލުކޮށް ޔޫރަޕުގެ ޤައުމުތަކުން މިހާރު ދަނީ އެ ޤައުމުތަކުން ގޭސް އިމްޕޯޓުކުރުމުގައި ރަޝިޔާއަށް ބަރޯސާވުން ހުއްޓާލުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އަގު ބޮޑު ވިނަމަވެސް އެހެން ބައެއް ޤައުމުތަކުން ގޭސް ގެނައުމަށް މިހާރުވެސް ބައެއް ޔޫރަޕުގެ ޤައުމުތަކުން ވަނީ އެއްބަސްވުން ހަދާފައެވެ.

ރަޝިޔާގެ އިތުރުން، އިންޑިއާއަކީ ވެސް ސިޔާސީ ނުތަނަވަސްކަން އަންނަ އިރަށް އަސާސީތަކެތިން އަވަށްޓެރި ޤައުމުތައް މަހުރޫމްކުރުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމެކެވެ. މީގެ އެންމެ ފުރިހަމަ މިސާލަކީ 2015 ވަނަ އަހަރު ނޭޕާލުގެ ޤާނޫނު އަސާސީއަށް ގެންނަން އުޅުނު ބަދަލަކާއި ގުޅިގެން އިންޑިއާއިން ނޭޕާލަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ނޭޕާލަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށް ނުވުމުން، އެ ޤައުމުން އެތެރެކުރާ ހުރިހާ ތެލެއް އެތެރެކުރަމުން އައީ އެއްގަމު މަގުން އިންޑިއާއިންނެވެ.

ނޭޕާލުގެ ޤާނޫނު އަސާސީއަށް ގެންނަން ނިންމި ބަދަލާއި މެދު އިންޑިއާ ނުރުހުމުން، އެ ޤައުމުން ވަނީ ނޭޕާލަށް އަސާސީ ތަކެއްޗާއި ތެޔޮ އެތެރެކުރުމުގައި ހުރަސް އަޅާފައެވެ. މިގޮތުން ދުވާލަކު 300 ޓްރަކުގެ ތެޔޮ ނޭޕާލަށް އެތެރެވަމުން ދިޔައިރު އިންޑިއާއިން އެޅި ފިޔަވަޅުތަކާއި އެކު އެ އަދަދު 10 އަކަށްތިރިވިއެވެ. ނަތީޖާއެއްގެ ގޮތުން ނޭޕާލު ކަރަންޓާއި ބޯފެނަށް ޖެހުނެވެ. އަދި ބޮޑު އިޤްތިސާދީ ކާރިސާއަކާއި ކުރިމަތިލާން ޖެހުނެވެ.

އިންޑިއާގެ އިޤްތިސާދަށް އަރާ ލޮޅުމުގެ ގެއްލުން ރާއްޖެއަށް ކުރާނެ

އިޤްތިސާދެއްގައި ކަރަންޓު ނޫނީ ހަކަތަކައަކީ ވަރަށް ބޮޑު ދައުރެއް ކުޅޭ އެއްޗެކެވެ. އިޤްތިސާދު އޭގެ މައްޗަށް ބިނާވެގެންވާ ހުރިހާ ސިނާއަތެއް ހިންގަން ހަކަތަ ބޭނުންވެއެވެ. އިންޑިއާގެ ކަރަންޓު ގްރިޑާއި ރާއްޖޭގެ ގްރިޑު ގުޅާލުމުން، އިންޑިއާއަށް ކުރިމަތިވާ އިޤްތިސާދީ ކޮންމެ ލޮޅުމެއްގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެއެވެ. އިންޑިއާގެ އިޤްތިސާދީ ހާލަތު ގޯސްވެ ހަކަތައިގެ އަގު އުފުލިއްޖެނަމަ ދިވެހިންވެސް އެކަން ތަހައްމަލުކުރަން ޖެހޭނެއެވެ.

ނޭޕާލުން ތެޔޮ އެތެރެކުރަން ހަމައެކަނި އިންޑިއާއަށް ބަރޯސާވުމުން، ހަމަ މި މައްސަލަތަކާއި ކުރިމަތިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ކަރަންޓަށް ބަރޯސާވާން ފެށުމުން ދިވެހިރާއްޖޭގެ އެނަރޖީ އިންޑިޕެންޑެންސް ގެއްލޭނެއެވެ. މިއާއި އެކު ހަކަތައާއި ގުޅޭ ސިޔާސަތުތައް ހެދުމާއި، ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އަލަށް ހުޅުވޭ ފަހިފުރުސަތުތައް ބޭނުން ކުރުމުގެ ދޮރުވެސް ބަންދުވާނެއެވެ.

އަގު ހެޔޮވެދާނެ އެކަމަކު އަޅުވެތިވާނެ

އިންޑިއާއިން ރާއްޖެއަށް ހަކަތަ އެތެރެކުރުމަކީ އަގުހެޔޮ ކަމަކަށްވެދާނެއެވެ. އެހެން ނަމަވެސް ސްޓްރެޓެޖިކްކޮށް ބަލާއިރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހަކަތަ، ފެން، ކާބޯތަކެތި ފަދަ ޒަރޫރީ އެއްވެސް ބާވަތަކަށް އެންމެ ޤައުމަކަށް ބަރޯސާވުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް އަސަރުކުރާނެ ކަމެކެވެ. ގުދުރަތީ ގޭހަށް ޔޫރަޕުން ރަޝިއާއަށް ބަރޯސާވުމާއި، ކަރަންޓަށް ނޭޕާލުން އިންޑިއާއަށް ބަރޯސާވުމުގެ މިސާލުތަކުން ދޭހަވަނީ ކަރަންޓަށް އެހެން ގައުމަކަށް ބަރޯސާވުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކެވެ.

މީގެއިތުރުން މީގެކުރިން އިންޑިއާއިން ރާއްޖެއާއިމެދު އަމަލުކޮށްފައިހުރި ގޮތަށް ބަލާލުމުންވެސް މިކަމުގެ ނުރައްކާތެރިކަން ވަޒަން ކުރެވޭނެއެވެ. އިންޑިއާ ނުރުހިއްޖެނަމަ އަލުވި، ފިޔާ، ބިހަށް ތާށިކޮށްލައެވެ. ބަލިމީހުންނަށް ވިސާ ދިނުން ހުއްޓާލައެވެ. ލޯނެއް ދީފައި އޮތިއްޔާ އެއްފަހަރާ އެ ލޯނު ދައްކަން އަންގައެވެ.

މިކަހަލަ ކަންތައްތައް ކުރުމުގެ މާޒީއެއް އޮތް ޤައުމަކަށް ކަރަންޓަށް ބަރޯސާވާން ފަށައިފިނަމަ އިންޑިއާ ސަރުކާރު ނުރުހިއްޖެނަމަ މުޅި ރާއްޖެ އޮންނާނީ ކަނު އަނދިރީގައެވެ.

މި ލިއުމާއި ގުޅޭ