ރާއްޖޭގެ އިޤުތިޞާދު ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ރުޖޫއަވެފައިވާކަމަށް ސަރުކާރުން ބުނާއިރު، ޑޮލަރު ތާށިވެ ބޭރުގައި ކިޔަވާ ބައެއް ދަރިވަރުންނަށް ބޭންކުތަކުން ޑޮލަރު ދޫކުރުން ހުއްޓައިލި ސަބަބަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރެން ސުވާލުކުރައްވައިފިއެވެ.
ޝިޔާމު މިފަދައިން ވިދާޅުވެފައިވަނީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކުތަކަށް ދޫކުރާ ޑޮލަރު މަދުކުރުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްއަށްވުރެ ދަށް މަރުހަލާތަކުގައި ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރުން ޤައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްއިން ހުއްޓައިލުމާ ގުޅިގެންނެވެ.
ފައިސާގެ ބާޒާރަށް ކުރިމަތިވާ ތާށިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން އަބަދުވެސް ބޭންކުތަކަށް ޑޮލަރު ދޫކުރެއެވެ. ބޭންކުތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރަނީ އެ ފައިސާއިންނެވެ. ދަރިވަރުންނަށް ފައިސާ ދޫކުރާ ހަމައެކަނި ބޭންކަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.
އޭލެވެލްއިން ދަށު މަރުހަލާތަކުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ހުއްޓައިލުމާ ގުޅޭގޮތުން މަރުކަޒީ ބޭންކުން މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ. އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެ ބަދަލު ގެނައިކަން ޔަގީންކޮށްދީފައެވެ.
މިކަމަށް އިޝާރާތްކުރައްވައި ޝިޔާމު ވިދާޅުވީ އެ މަންޒަރު ފެނިގެން އެ ވާހަކަދެއްކުމަށް އިދިކޮޅުން އެމްއެމްއޭއާއި ބީއެމްއެލްއަށް ދިޔަ ކަމަށެވެ. އަދި މިހާރު ފެންނަ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމުވެސް ހުންނެވީ ނަރަކަށް ބާރުކޮށްލާފައިހެން ހީފުޅުވާ ކަމަށެވެ. އަދި ކަންއޮތްގޮތް ހާމަކުރައްވަން އޭނާ ޖެހިލުންނެވެވަޑައިގެން ހުންނެވިކަމަށް ޝިޔާމު ވިދާޅުވިއެވެ.
މިފަދައިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރު ދޫކުރުން ހުއްޓައިލުމަކީ އެތައް ސަތޭކަ ދިވެހި ދަރިވަރުންނަށް ދެވޭ އަނިޔާއެއްކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އަމީރު ޓެގުކުރައްވައި ޝިޔާމުވަނީ ރާއްޖޭގެ އިޤުތިޞާދު 2019 ގައި އޮތް މިންވަރަށް އިއާދަވެފައިވާނަމަ ޑޮލަރުގެ ތާށިކަން މިހާ ބޮޑުވެގެން އުޅެނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އަދި ސަރުކާރުން ފައިސާ ޗާޕުކޮށް އިޤުތިޞާދުގައި ދައުރުކުރުމުގެ ހުރިހާ ބުރައެއް އައީ ރައްޔިތުންގެ ޖީބުތަކަށް ކަމަށާއި، މި ދަނޑިވަޅުގައި ޖީއެސްޓީ ބޮޑުކުރުމާއެކު ދިރިއުޅުމުގެ އަގުތައް އެތައް ގުނައެއް މަތިވެފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި މިފަދަ ދަތިކަން ރައްޔިތުންނަށް ކުރިމަތިވުމުންވެސް މި ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަމަށް ބުނަންވީތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
އަމީރު އެންމެ ފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤުތިޞާދު ބާރަށް ކުރިއަރަމުން އަންނަކަމަށާއި، މިހާރު އިޤުތިޞާދު އޮތީ 2019 ވަނަ އަހަރުގައި އިޤުތިޞާދު އޮތް ހާލަތަށް ރުޖޫއަވެފައި ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑުގެ އާލަމީ ވަބާ ކުރިމަތިވުމުން ޑޮލަރުގެ ތާށިކަން ބޮޑުވެ ޑޮލަރުން މުއާމަލާތްކޮށް ބޭރުން ވިޔަފާރިކުރުމުގައި ބޭންކުތަކުން ހިފަހެއްޓި ހިފަހެއްޓުންތައް އެގޮތަށް އަދިވެސް ދަމަހައްޓަމުންދެއެވެ.
އެގޮތުން ކުރިން ދުވާލެއްގެ މައްޗަށް 400 ޑޮލަރު ބޭރުގައި އުޅޭ މީހުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ނެގުނު ނަމަވެސް މިހާރު އެ އަދަދުވަނީ މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި އެދިގެން ޚާއްޞަ ހުއްދައެއްގެ ދަށުން މަހެއްގެ މައްޗަށް 700 ޑޮލަރު ނެގޭނެ އިންތިޒާމު ދަރިވަރުންނާއި ބޭރުގައި އުޅޭ ފަރާތްތަކަށް ހަމަޖައްސާފައިވެއެވެ.
ހަމައެހެންމެ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކޮށް މުދަލާއި ޚިދުމަތަށް އަގު ދެއްކުމުގައި ބޭންކުތަކުން އެއިރު ހިފަހެއްޓި ހިފަހެއްޓުންތައް އަދިއަދަށްވެސް އެގޮތުގައި ބޭންކުތަކުން ދަމަހައްޓާފައިވެއެވެ.