އިންޑިއާގެ ކުންފުންޏަކަށް ރާއްޖޭގެ އެންމެ ބިން ބޮޑު އެއް ރަށްކަމަށްވާ ލ.ގަމުން ބޮޑު ބިމެއް ދިނުމަށް، އެކަމުން ލިބޭނެ ފައިދާއާއި ގެއްލުމުގެ ތަފުސީލު ހާމަނުކޮށް ސަރުކާރުން އެ ރަށު ކައުންސިލުގައި އެދިއްޖެއެވެ.
ބޮޑު ބިމެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގަމު ކައުންސިލުގައި އެދިފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ މަހާސްކަތީ ބައޯނާރކޮން ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. މި ކުންފުންޏަކީ އައްޑޫގައި ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރިން ހުށަހެޅި ކުންފުންޏެކެވެ.
އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން އައްޑޫގައި ބައޯ ގޭސް ޕްލާންޓުތައް ތަރައްޤީކުރުމަށް އެ ކުންފުނިން ހުށަހެޅިއެވެ. ފުރަތަމަ ފިޔަވަހީގައި ދުވާލަކު ފަސް މެގަވޯޓުގެ ކަރަންޓާއި، 60 ޓަނުގެ ގަސްކާނާއާއި 20 ޓަނުގެ ބޯފެން އުފައްދާ ބައޯގޭސް ޕްލާންޓެއް ޤާއިމުކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި 4 ޓަނު ގޭސް ދުވާލެއްގެ މައްޗަށް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއް ޤާއިމުކުރަން އެ ކުންފުނިން ހުށަހެޅިއެވެ.
އެއިރު އެ ކުންފުނިންވަނީ އެ މަސައްކަތުގެ ބަދަލެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ސަރުކާރުން ކުރުމަށް ހުށަހަޅާފައެވެ. އެކަންކަމުގެ ތެރޭގައި އައްޑޫން 4 ހެކްޓަރުގެ ބޮޑު ބިމެއް ދިނުމާއި، މަހާސްކަތީން ހަކަތަ ގަތުމަށް އެއްބަސްވުމެއް ހެދުން ހިމެނެއެވެ.
ހިނގަމުންދާ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ ލ.ގަމު ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާގައި، މަހަސަކްތީ ބަޔޯ އިނަކޯންއިން ބަޔޯ ގޭސް ޕްލާންޓެއް އެޅުމަށް 4 ހެކްޓަރުގެ ބިމަކަށް ބޭނުންވާތީ، ބިން ދެވެން އޮތްތަނަކާއި ބިމުގެ މިންތައް އެނގޭނެ ގޮތުގެ ޗާޓެއް ހޯދަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން އެޖެންޑާކޮށްފައިވެއެވެ.
މިކަމާ ގުޅިގެން ގަމު ކައުންސިލުގެ ނައިބުރައީސް އިބްރާހީމް ރަޝީދު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބިން ދިނުމާމެދު ގޮތެއް ނިންމާފައިނުވާ ކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ އެ ބިން ދޫކުރުމުން ރަށަށާއި ކައުންސިލަށް ލިބެންހުރި ފައިދާތަކާއި ގެއްލުންތަކުގެ ތަފުސީލު ލިބިފައިނުވުމެވެ.
"އޭގެ މާބޮޑު ޑީޓެއިލްސް އެ ފަރާތުން [އިކޮނޮމިކް މިނިސްޓްރީން] ނުދެއްވާ. ރަށަށް ލިބޭނެ ފައިދާއާއި ކައުންސިލަށް ލިބޭނެ ފައިދާތަކާއި ލިބިދާނެ ގެއްލުންތަކަކީ ކޮބައިތޯ ބަލަން ސިޓީއެއް ފޮނުވައިފައިވާނެ. އަދި ޖަވާބެއް ނުލިބޭ،" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
އިބްރާހީމް ރަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެ މަޝްރޫޢު ހިންގާނީ ކިހިނެއްކަމެއް އަދި އެ މަޝްރޫޢު ހިންގުމަށް ބިން ދޭނެ އަގުތަކާ ގުޅޭ އެއްވެސް ތަފުސީލެއް މިނިސްޓްރީން ދީފައިނުވާ ކަމަށެވެ. ނަމަވެސް ލޭންޑް ސާވޭ އޮތޯރިޓީން ގަމު ބިމުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 90 ލާރިކަމަށާއި، އެ އަގަކީ ކައުންސިލުން ނިންމައިގެން ބޮޑުކުރެވިދާނެ އަގެއްކަމަށް އޭނާ ވިދާޅުވިއެވެ.