Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ދިވެހިރާއްޖެއާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅައިލުމާ ބެހޭ ދިރާސާއެއް ހަދައިފި

ދިވެހިރާއްޖޭގެ ކަރަންޓު ގްރިޑާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅުވައިލުމާ ބެހޭ ދިރާސާއެއް ހަދައި ނިންމައިފިކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ހަކަތައާ ބެހޭ ވުޒާރާއިން އަންގާރަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ފަންނީ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅުވައިލުމާ ބެހޭ ދިރާސާއެއް ހަދައި ނިންމާފައިވާ ކަމަށެވެ.

މި ދިރާސާއަކީ އިންޑިއާގެ އިސްނެގުމަށް އެ ޤައުމުން ފަށާފައިވާ "ވަން ސަން، ވަން ވޯލްޑް، ވަން ގްރިޑް" (އޯއެސްއޯޑަބްލިއުއޯޖީ) ޕްރޮގުރާމުގެ ދަށުން ހެދި ދިރާސާއެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ޕްރޮގުރާމުގެ ޗާޓަރުގެ މަސައްކަތް ނިންމައި، އެ ޕްރޮގުރާމު ކުރިއަށްގެންދާނެ ސްޓިއަރިން ކޮމިޓީއެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޯއެސްއޯޑަބްލިއުއޯޖީގައި ބައިވެރިވެ ދިވެހިރާއްޖޭގެ ކަރަންޓު ގުރިޑު އިންޑިއާއާ ގުޅުވައިލުމާ ގުޅޭ ގޮތުން ދިވެހިރާއްޖެއާ އެ ޤައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ ނިމުނު އަހަރުގެ އޭޕްރީލް މަހުގައި ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވިކަމަށް އިންޑިއާގެ މީޑިއާއިން ބުނަނީ އެންވިރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ހަކަތައާ ބެހޭ ވަޒީރު ރާޖް ކުމާރު ސިންހާއެވެ.

އޯއެސްއޯޑަބްލިއުއޯޖީގެ ދަށުން ސަރަހައްދީ ކަރަންޓު ގުރިޑުތައް ގުޅައިލުމާ ބެހޭ އިޤުތިޞާދީ އަދި ފަންނީ ފީސަބިލިޓީ ދިރާސާ މިހާރު ހަދައި ނިންމާފައިވާކަމަށް އިންޑިއާގެ ޕަވާ މިނިސްޓްރީން ބުނެއެވެ. އެ ޕްރޮގުރާމުގެ ދަށުން ދެކުނު އޭޝިއާއާއި އެފުރިކާއާއި ޔޫރަޕާއި މެދުއިރުމަތީގެ ކަރަންޓު ގުރިޑުތައް ގުޅުވައިލުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ނަމަވެސް އެ ޕްރޮގުރާމުގެ ދަށުން ފުރަތަމަ އިންޑިއާގެ ކަރަންޓު ގުރިޑާ ގުޅައިލާނީ ދިވެހިރާއްޖެއާއި ލަންކާ އަދި މިޔަންމާގެ ކަރަންޓު ގުރިޑުތައްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީން ދެ ޤައުމުގެ ކަރަންޓު ގުރިޑު ގުޅައިލުމުގެ މަސައްކަތް ކުރަމުންދާކަން އިއުލާނުކޮށްފައިވާއިރު، މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް ދިވެހި ސަރުކާރުން ހާމަނުކުރެއެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރިކަންވެސް ހާމަކޮށްފައިނުވެއެވެ.

މި ލިއުމާއި ގުޅޭ