Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވައި ތަޣައްޔަރުވުން

ވައި ތަޣައްޔަރުވުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހޭގޮތް ސައިންޓިސްޓުން ހޯދައިފި

ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންގެ ފުއްޕާމޭގައި، ވައި ތަޣައްޔަރުވުމުގެ ސަބަބުން ކެންސަރު އުފެދޭގޮތް ސައިންޓިސްޓުން ހޯދައިފިއެވެ.

މޫސުމީ ބަދަލުތަކާއި، ދުނިޔެއަށް އައި ސިނާއީ އިންގިލާބުތަކާއިއެކު ދުނިޔެވަނީ އިތުރަށް ހޫނުވެ، ނުރައްކާތެރިވާ ވަރަށް ވައިގެ ތެރޭގައި ވިހަ ގޭސްތައް އުފެދިފައެވެ. ސައިންޓިސްޓުން މިފަހުން ކުރި ދިރާސާގައި އަލިއަޅުވާލައިފައިވަނީ ތެޔޮ އަންދައިގެން ޖައްވަށް ދޫވާ ވިހަ މާއްދާތަކުން ކުރާ އަސަރަށެވެ.

ޔޫކޭގެ މެޑިކަލް އޮންކޯލޮޖީ އިންސްޓިޓިއުޓްގެ ޗާލްސް ސުވަންޓަން ބުނާ ގޮތުން، މި ދިރާސާއިން ކެންސަރު ނައްތާލުމުގެ އައު ގޮތްތަކެއް ހޯދުމަށް މަގުފަހިވާނެއެވެ. ވައި ތަޣައްޔަރުވުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތަކަށްވެސް ފުއްޕާމޭގެ ކެންސަރު ޖެހޭކަން މީގެ ކުރިންވެސް އެނގެއެވެ. އެކަމަކު އެކަން ވަނީ ކިހިނެއްކަން މީގެ ކުރިން ހޯދިފައިނުވެއެވެ.


ފުއްޕާމޭގައި ކެންސަރު އުފެދޭގޮތާއި މެދު ގެންގުޅުނު ވިސްނުމަކީ "ކާސިނޮޖެންސް"އިން ޑީއެންއޭ ބަދަލުކޮށް، މި ބަދަލުވުމުގެ ތެރެއިން ކެންސަރު އުފެދެނީކަމަށެވެ. ސިގިރޭޓް އަދި ވައިގެ ތެރޭގައި ހުންނަ ވިހައިގެ ތެރޭގައި ކާސިނޮޖެންސް ހިމެނެއެވެ.

ކުރީގެ ދިރާސާތަކުން ދައްކަނީ ޑީ އެން އޭ ބަދަލުވުމަކީ ކޮންމެހެން ކެންސަރުގެ އަލާމާތެއްނޫންކަމަށެވެ. އަދި، ތިމާވެށީގައިވާ ކާސިނޮޖެންސްތަކުން ޑީއެން އޭއަށް ބަދަލު ނުގެންނަ ކަމަށް ކުރިން ގަބޫލްކުރެވިފައިވެއެވެ.

ސުވަންޓަންގެ ދިރާސާއިން ދައްކައިދެނީ މިއީ އަދި މިކަން ހިނގަމުންދާ ގޮތް ނޫން ކަމަށެވެ.


ފްރޭންސިސް ކްރިކް އިންސްޓިއުޓް އަދި ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ދިރާސާ ޓީމްތަކުން 460،000 މީހުންގެ ފުއްޕާމޭގެ ޓީޝޫގެ ޑޭޓާ އެނަލައިޒް ކުރުމުން ފެނުނީ، ވައި ތަޣައްޔަރުވުމަށް މެދުވެރިވާ ޕީއެމް 2.5 ޕާޓިކްލްސްތައް މެއަށް ވާސިލުވުމުން، އެޕިޑާމަލް ގްރޯތު ފެކްޓާ ރިސެޕްޓަރއަށް ބަދަލުއައުމުގެ ފުރުސަތު ބޮޑުވެގެން ދާކަމަށެވެ. ލެބެއްގައި މީދަލެއް މި ޕާޓިކަލްސްތަކަށް ހުށަހެޅުމުން ކީސްޓެން ރެޓް ސާކޯމަ ވައިރަސް ޖީންއަށްވެސް ބަދަލުތަކެއްއައެވެ. އީ ޖީ އެފް އާރު ޖީން އަދި ކޭއާރުއޭއެސް ޖީނަކީ ފުއްޕާމޭގެ ކެންސަރާއި ގުޅިފައިވާ ދެ ޖީންކަން ކުރިން އޮތީ ދެނެގަނެވިފައެވެ.

ސިގިރޭޓު އަދި ވައިގެ ޕޮލިއުޝަންގައި ހިމެނޭ ކާސިނޮޖެންސް ގެ އެއްވެސް އަސަރެއް ނުކުރާ 250 ސާމްޕަލް އެނެލައިޒް ކުރިއިރު ފެނުނީ އީޖީއެއްއާރު ޖީންގެ ޑީއެންއޭއަށް 18 އިންސައްތައިގެ، އަދި ކޭ އާރުއޭއެސްޖީނަށް 33 އިންސައްތައިގެ ބަދަލެއް އައިސްފައިވާކަމަށެވެ. އެނެލައިޒް ކުރި ލަންގް ޓީޝޫއަކީ ހުސް ދުޅަހެޔޮ ސިއްހަތުގެ ފުއްޕާމެއިން ނެގި ސާމްޕަލެވެ.

ފްރާންސްގެ ގުސްޓާވް ރުސީ އިންސްޓިއުޓްގެ ކެންސަރު އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ސުޒެޓް ޑެލަލޯޖް ވިދާޅުވާ ގޮތުން ސުވަންޓަންގެ ދިރާސާއަކީ އިންގިލާބީ ދިރާސާއެކެވެ. އެއީ ވައި ތަޣައްޔަރުވުމުން ކެންސަރު އުފެދޭ ގޮތް ކުރިން ދެނެގަނެވިފައިނުވާތީއެވެ.

އެހެން ދިރާސާތަކުން ދައްކާގޮތުން ޕީ އެމް 2.5ގެ ސަބަބުން އަހަރަކު 250،000 މީހުން މަރުވާކަމަށް ޝައްކުކުރެވެއެވެ.

"އަހަރުމެނަށް އޮވޭ ސިގިރޭޓު ބޯނީތޯ ނުބޯނީތޯ ހިޔާރު ކުރެވެން، އެކަމަކު ނޭވާލުމައް ހިޔާރުކުރުމެއް ނޯއްނާނެ. ނޭވާލާންޖެހެނީ ވަށައިގެން މިވާ ތިމާވެށީގައިވާ ވައި. ސިގިރޭޓުގެ ވިހައަށްވުރެ ވައިގެ ޕޮލިއުޝަނަށް 5ގުނަ އިތުރަށް މީހުން ހުށަހެޅޭތީވެ މިކަމަކީ އެންމެންވެސް މިކަމާމެދު އިތުރަށް ފިކުރު ހިންގަން ޖެހޭ ކަމެއް. މިކަމާ ކުރިމަތިލައި ހައްލެއް ހޯދޭނީ ތިމާވެއްޓާ އިންސާނުންގެ ދުޅަހެޔޮކަމަކީ ގުޅިފަވައި ކަމެއްކަމަށް ވިސްނިގެން"، ސުވަންޓަން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ