Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޖޯޖިއާ: ދިވެހިންގެ މެދުގައި މަގުބޫލުވަމުން އަންނަ މަންޒިލެއް

ޒަމާނާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި އެކު ވަރަށް ގިނަ ދިވެހިންނަކީވެސް މިހާރު އެކި ގައުމުތަކަށް ދަތުރުކޮށް އުޅޭ މީހުންނެވެ.

ބޭސް ފަރުވާއަށް، ނޫނީ މަތީ ތައުލީމަށް، ނޫނީ އެހެންވެސް ޒަރޫރީ ބޭނުމަކަށް އެކަނި ދިވެހި ރާއްޖެއިން ބޭރަށް ދިޔަ ޒަމާން މިހާރު ވަނީ މާޒީވެފައެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް ގޮސް އެ ގައުމުތަކުގައި ސަގާފަތާއި އާދަކާދަ، އަދި މާހައުލު ތަޖުރިބާކުރަމުންދާ ދިވެހިންގެ އަދަދު މިހާރު ދަނީ ގިނަވަމުންނެވެ.

ރާއްޖެއާއި ކައިރި ބައެއް ޤައުމުތައް ކަމަށްވާ އިންޑިއާ، ލަންކާ، މެލޭޝިޔާ އަދި ތައިލޭންޑު ފަދަ ޤައުމުތަކަށްވުރެ ދުރަށް މިހާރު ދިވެހިން ޗުއްޓީ ހޭދަކޮށްލަންދެއެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު މުޅި ދުނިޔެ ބަންދުވެފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވާލުމުން ގިނަ އަދަދެއްގެ ދިވެހިން ދުބާއީއަށް އަދި ތުރުކީއަށް ދަތުރުކުރިއެވެ. އަދި މަދުން ނަމަވެސް ބައެއް ދިވެހިން ޖޯޖިއާއަށްވެސް ޒިޔާރަތްކުރަން ފަށައިފިއެވެ.

އިރުމަތީ ޔޫރަޕުގެ ޤައުމެއްކަމަށްވާ ޖޯޖިއާ އޮންނަނީ ތުރުކީއާއި އިންވެގެންނެވެ. އެ ޤައުމުން އެތެރެވުމުގެ ވިސާ ދޫކުރުމުގައި ދިން ލުއިތަކާއި އެކު މިހާރު ދިވެހިންނަށްވެސް އޮންލައިންކޮށް ވިސާ ލިބެއެވެ.

ސޯވިއެޓް ޔޫނިއަންގެ ދަށުގައި އޮތް ޖޯޖިއާއަށް މިިނިވަންކަން ލިބުނީ ސޯވިއެޓް ޔޫނިއަން އުވި ދިޔުމުން 1991 ވަނަ އަހަރުގައެވެ. މުއްސަނދި ތާރީހެއް އޮތް ޖޯޖިއާއަކީ ރީތި ޤައުމެކެވެ. ހޫނު މޫސުމުގައިވެސް އަދި ފިނި މޫސުމުގައިވެސް ބަލާލަން ރީތި ތަންތަން އެ ޤައުމުގައި ހުރެއެވެ.

ޖޯޖިއާގެ ވެރިރަށް ޓިބިލިސީއަކީ ގަދީމީ ސިޓީއެކެވެ. އެތައް ސަތޭކަ އަހަރުވީ އާސާރީ ބިނާތައް އެ ސިޓީގައި ހުރެއެވެ. އަދި ހަމަ އެހެންމެ މިޒަމާނުގެ ރީތި އިމާރާތްތަކާއި ގުދުރަތީ ގޮތުން ރީތި ތަންތަންވެސް ހުރެއެވެ. އަދި ގިނަގުނަ ދާރުލްއާސާރުތަކާއި އިހުގެ ކިއްލާތައް އެ ސިޓީގައި ހުރެއެވެ. އަދި ޓިބިލިސީގެ ތެރެއިން ކޯރެއް ދައުރުވާއިރު ކޯރުގެ އައްސޭރި ފަށުގައިވެސް ރީތި ރެސްޓޯރެންޓުތަކާއި ޕާކުތައްހުރެއެވެ.

ޓިބިލިސީގެ އިތުރުން ޖޯޖިއާގައި ދެން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ބަޓޫމީއެވެ. ތިބިލިސީއިން ރޭލުގައި ގާތްގަނޑަކަށް 5 ގަޑިއިރުން ބަޓޫމީއަށް ދެވެއެވެ. އެ ސިޓީ އޮންނަނީ ކަޅު ކަނޑުގެ އައްސޭރިފަށުގައެވެ. ހޫނު މޫސުމުގައި ޔޫރަޕާއި، ރަޝިޔާއި އަދި ތުރުކީގެ ފަތުރުވެރިންގެ މެދުގައި ބަޓޫމީއަކީ ވަރަށް މަޝްހޫރު ތަނެކެވެ.

މިގޮތުން ބަޓޫމީގެ ގޮނޑުދޮށްތަކާއި، ވޯޓަރ ސްޕޯޓްސް އަދި ހިތްގައިމު މޫސުމަކީ ފަތުރުވެރިން އެ ސިޓީއަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއްސަބަބެވެ. މީގެ އިތުރުން 111 ހެކްޓަރުގެ ސަރަހައްދެއްގައި ހަދާފައި އޮންނަ ބަޓޫމީ ބޮޓަނިކަލް ގާޑެން އަކީ ބަލައި ފޫހިނުވާނެ ފަދަ ހިތްގައިމު ބަގީޗާއެކެވެ. 1912 ވަނަ އަހަރު ތަރައްޤީކުރި މި ބަގީޗާގައި ތަފާތު އެތައް ވައްތަރެއްގެ ގަސްގަހާއިގެހި ހުރެއެވެ.

ޓިބިލިސީއާއި ބަޓޫމީ ނޫނަސް ޖޯޖިއާގައި ބަލާހިތްވާނެ ރީތި ސަރަހައްދުތައް ހުރެއެވެ. ހާއްސަކޮށް ފިނި މޫސުމުގައި ފަރުބަދަ މަތީ ސަރަހައްދު ތަކަކަކީ ތަފާތު ތަޖުރިބާއެކެވެ.

ޖޯޖިއާގައި ޗުއްޓީ ހޭދަކޮށްލުމަކީ މާގިނަ ފައިސާތަކެއް ހަރަދުނުކޮށް ކުރެވިދާނެ ކަމެކެވެ. މެދު ފަންތީގެ ހޮޓަލަކަށް ޖޯޖިއާގައި އާންމުކޮށް ހަރަދުވާނީ 20-40 ޑޮލަރެވެ. އަދި ކެއުމާއި އެތެރޭގެ ދަތުރުތަކުގެ އަގުވެސް ބޮޑެއް ނޫނެވެ. ތުރުކީއަށް ދަތުރުކުރާނަމަ 4-5 ދުވަހަށް ޖޯޖިއާއަށް ގޮސްލުން މުހިންމެވެ. އިސްތަންބޫލުން 3 ގަޑިއިރުގެ ފްލައިޓަކުން ޓިބިލިސީއަށް ދެވޭއިރު ވަރަށް ހެޔޮ އަގުގައި ދަތުރުކޮށްލެވޭ ބަޖެޓު އެއާލައިންތައް އެ ދެ ސިޓީ ދެމެދުގައި އޮޕަރޭޓުކުރެއެވެ.

މި ލިއުމާއި ގުޅޭ