މީގެ 28 އަހަރު ކުރިން އިންޑިއާގައި އަންހެނަކާއި 4 ކުޑަކުދިން މަރާލި މީހަކު އެ ގައުމުގެ ފުލުހުން އަތުލައިގެންފިއެވެ.
އިންޑިއާގެ މިރާ ބަޔަންޑާރް ސިޓީގައި މީގެ 28 އަހަރު ކުރިން 3 މީހަކު ވެގެން އަންހެނަކާއި އޭނާގެ ކުޑަ 4 ކުދިން މަރާލިއެވެ. މި މަރުގެ މައްސަލާގައި ތުހުމަތު ކުރެވުނު ރާޖުކުމާރު ނަަމަކަށް ކިޔާ މީހަކާއި އިތުރު 3 މީހުންގެ މައްސަލަ އޭރު އެ އަންހެން މީހާގެ ފިރިމީހާ ފުލުހަށް ހުށަހެޅިއެވެ. ނަމަވެސް ރާޖުކުމާރާއި އަނެއް ދެމީހުން ވަނީ އެމީހުން ދިރިއުޅޭ އަވަށްތަކަށް ގޮސް ފިލާފައެވެ.
ރާޖު ކުމާރު އެ މަންމައާއި ކުޑަކުދިން މަރާލީ އާއިލީ ދެބަސްވުމެއްގެ ސަބަބުން އުފެދުނު އަރައިރުމަކަށްފަހުގައެވެ. 1994 ވަނަ އަހަރު ހިނގި މިހާދިސާގެ ހަބަރު އޭރު އިންޑިއާގެ މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ. އެހެން ނަމަވެސް ރާޖުކުމާރު ހޯދާ ނުފެނުމުގެ ސަބަބުން ފުލުހުން އެ މަސައްކަތް ހުއްޓާލިއެވެ.
އޭގެ އެތައް އަހަރެއްފަހުން ބަޔަންޑާރު ސިޓީގެ ފުލުހުން އަނެއްކާ އެ މައްސަލައިގެ ތަހުގީގު ފެށިއެވެ. މިގޮތުން އިންޑިއާގެ ވަރަނާސީ އާއި ކައިރި އަވަށެއްގައި ރާޖުކުމާރު އުޅެމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށްގޮސް އޭނާގެ މައުލޫމާތު އެއްކުރިއެވެ. ފުލުހުން އެއްކުރި މައުލޫމާތުން އެނގުނީ ފާއިތުވި 15 ވަރަކަށް އަހަރު ދުވަހު ރާޖުކުމާރު އުޅުނީ ގަލްފުގެ އެކި ޤައުމުތަކުގައި ވަޒީފާ އަދާކުރުމަށް ކަމަށެވެ. އަދި އޭނާ ކޮންމެ 2 އަހަރަކުން އިންޑިއާއަށް ޒިޔާރަތްކުރާ ކަން ވެސް އެނގުނެވެ. މި މައުލޫމާތުގެ އެހީގައި ފުލުހުން ވަނީ އޭނާ އެނބުރި ޤައުމަށް އައިސްފިނަމަ އަންގަން އެއާޕޯޓުތަކަށް އަންގާފައެވެ.
ބަޔަންޑާރަ ސިޓީގެ ފުލުހުން ރާޖުކުމާރު އިންޑިއާއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިއްބާ އޭނާ ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޤަތަރުގައި ހުރެފައި އިންޑިއާއަށް ގޮސްފައެވެ. އަދި ފުލުހުން ވަނީ އެއާޕޯޓުން އޭނާ ހައްޔަރުކޮށްފައެވެ. އިންޑިއާގެ ކޯޓަކުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު އޭނާ އާއި އެކު އެ ޤަތުލުގައި ބައިވެރިވި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިންޑިއާ އަކީ ތަފާތު ގިނަ ބާވަތްތަކުގެ ކުށް ވަރަށް ގިނަ ގައުމެކެވެ. ހާއްސަކޮށް އަންހެނުންނަށް އަމާޒުކޮށް ކުރެވޭ އަނިޔާވެރި ކުށްތައް އެ ގައުމުގައި ވަރަށް ގިނައެވެ.