Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

ސިއްހީ ދުޅަހެޔޮކަމަށް ރަނގަޅަށް ނިދުން މުހިންމު

ނިދުމަކީ މުޅި ސިއްހަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑަށް އަރާމުކޮށް، ހަށިގަނޑުގެ އެކި ސެލްތައް މަރާމާތުވުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ސިކުނޑި އަށް ކަންކަން ހަނދާނުގައި ހަރުލެއްވުމާއި، މައުލޫމާތު ޕްރޮސެސް ކުރުމަށް ވެސް މުހިއްމު ވަގުތެކެވެ.

އެކަށީގެންވާ ވަރަށް ނިދި ނުލިބުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރާކަން ދިރާސާތަކުން ދައްކައެވެ. މިގޮތުން ބަރުދަން އިތުރުވުމާއި ކަންކަމަށް ދޭ ސަމާލުކަން ކުޑަވުމާއި، ހަނދާން ނެތުމާއި ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން ހިމެނެއެވެ.

ނިދުމަކީ ހަށިގަނޑަށް އަސަރުކުރާ އެންމެ ފާޅުކަން ބޮޑު އެއް ގޮތަކީ ހަކަތަ ފޯރުކޮށްދިނުމެވެ. ނިދުމުގެ ތެރޭގައި ހަށިގަނޑަށް އަރާމުކޮށް މަރާމާތު ކުރުމުގެ ގާބިލުކަން ލިބިގެންދާއިރު، އޭގެ ސަބަބުން ހަކަތަ އިގެ މިންވަރު ހަމައަކަށް އަޅުވައި، ހަށިގަނޑުގެ ޖިސްމާނީ މަސައްކަތްތައް ރަނގަޅުކޮށްދެ އެވެ. މީގެ އިތުރުން ރަނގަޅު މިންވަރެއްގައި ބަރުދަން ދެމެހެއްޓުމަށްވެސް ނިދި މުހިންމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނިދި ނުލިބުމުގެ ސަބަބުން ބަނޑުހައިހޫނުކަން އިތުރުވެ، ކެލޮރީ ހުންނަ، ހަކުރު ހުންނަ ކާނާއަށް ކާ ހިތްވާނެއެވެ. އޭގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.

ނިދަންޖެހެނީ ކިހާވަރަކަށް؟

އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި ބޮޑެތި މީހުން އަމާޒަކަށް ވާން ޖެހޭނީ ރެއަކު 7-9 ގަޑިއިރުގެ ނިދުމަށެވެ. ތަފާތު އެތައް ދިރާސާއަކުން ވަނީ މި މިންވަރަށް ނިދުމަކީ ސިއްހީ ގިނަގުނަ ފައިދާތައް ލިބޭ ކަމެއްކަން ހޯދިފައެވެ. މިގޮތުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަގުނަ ފައިދާތައް އެ މިންވަރަށް ނިދައިގެން ލިބޭނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނިދުމަކީ މުހިންމު ކަމެކެވެ. މިގޮތުން ހަނދާން ވަރުގަދަވެސް، ސިކުނޑީގެ ތޫނުފިލިކަން ރަނގަޅަށް ނިދުމުގެ ސަބަބުން އިތުރުވެއެވެ. މިއާއި ހިލާފަށް ނިދި ނުލިބުމުގެ ސަބަބުން ކަންކަމަށްދޭ ސަމާލުކަން ކުޑަވެ، ހަނދާނުގެ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ.

ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކުގެ އިތުރުން ނިދުމަކީ ޖުމްލަކޮށް އިންސާނާގެ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ނިދި ނުލިބޭ މީހުންނަށް ރުޅި އާއި ހިތާމަ ފަދަ ނޭދެވޭ އިހުސާސްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ނަފްސާނީ ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ނިދާއިރު ރަނގަޅަށް ނިދުމަކީވެސް މުހިންމު ކަމެކެވެ. ނިދުމުގެ ފެންވަރަށް އަސަރުކުރާ ބައެއް ކަންކަން ހުރެއެވެ. މިގޮތުން މީހާގެ އުމުރާއި، ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތާއި ސިއްހީ އެހެން މައްސަލައެއް ހުރުން ފަދަ ކަންކަމަކީ ނިންޖަށް އަސަރުކުރާ ކަންކަމެވެ. އެކަށީގެންވާ ވަރަށް ނިދި ލިބެމުންދާކަން ކަށަވަރުކުރުމަށްޓަކައި އަބަދު ވަގުތެއްގައި ނިދުމާއި އެއް ވަގުތެއްގައި ހޭލުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ނިދުމުގެ ގަޑިއެއް ހާއިރު ކުރިން އިލެކްޓްރޯނިކް ބާވަތްތައް (ފޯނު، ޓީވީ) ބޭނުން ކުރުން ހުއްޓާލަންޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުން މިފަދަ ތަކެތި ބޭނުން ކުރަން އޮވެފައި ނިދަން އުޅުމުން ނިދަން އުނދަގޫވެއެވެ. އަދި ފަސޭހައިން ނިދޭނެ މާހައުލަކަށް ކޮޓަރިތެރެ ބަދަލު ކުރުމަކީވެސް ރަނގަޅު ނިންޖެއް ބޭނުން ނަމަ ކުރަންޖެހޭ ކަމެކެވެ.

ނިދުމަކީ މުޅި ސިއްހަތާއި ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑަށް އަރާމުކޮށް މަރާމާތު ކުރުމުގެ ފުރުސަތު ލިބޭއިރު ނަފްސާނީ ދުޅަހެޔޮކަމާއި ކޮގްނިޓިވް މަސައްކަތްތަކަށް ވެސް މިއީ މުހިއްމު ކަމެކެވެ. ބަރާބަރަށް ނިދުމަށް އިސްކަންދީ، އެކަށީގެންވާ ވަރަށް އަރާމު ލިބޭތޯ ބެލުމަށް ފިޔަވަޅުތައް އެޅުމުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ މުޅި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވިދާނެ އެވެ.

މި ލިއުމާއި ގުޅޭ