Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ބްރެންޓްފޯޑް އަތުން ބަލިވެ ލިވަޕޫލް ފަހަތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 1-3 އިން ބަލިވެ ލީގުގައި ކުރިއަށް ދިއުމަށް ލިވަޕޫލަށް ގޮންޖެހުމާ ކުރިމަތިވެއްޖެ އެވެ.

މުހިއްމު މެޗަކުން ބަލިވުމާ އެކު ލިވަޕޫލް މިހާރު އޮތީ ހަ ވަނައިގަ އެވެ. އެޓީމަށް 28 ޕޮއިންޓް ލިބިފައިވާއިރު އޭގެ މަތީގައި އޮތް ޓޮޓެންހަމް ހޮސްޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑް ވެސް އަންނަނީ ގަދަ ހަތަރަކަށް ވާދަކުރަމުންނެވެ. ޓޮޓެންހަމް 30 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ 32 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.

އަނެއްކޮޅުން ލިވަޕޫލް އަތުން ހޯދި ބޮޑު މޮޅާ އެކު ބްރެންޓްފޯޑް ވަނީ 26 ޕޮއިންޓް ހޯދައި ތާވަލުގެ ހަތް ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ބަލިވެފައި ނުވާއިރު މިއީ މިދިޔަ 80 އަހަރުތެރޭ އެޓީމުގެ އެންމެ ބޮޑު ކުރިއެރުމެވެ.

މެޗަށް ފަހު ލިވަޕޫލްގެ ޑިފެންޑަރު އެންޑީ ރޮބާޓްސަން ބުނީ މި ނަތީޖާއަކީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ޓީމުގެ ކުޅުން މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭކަމަށް ރޮބާޓްސަން ބުންޏެވެ.

"ގޭގައި މެޗު ބަލަން ތިބި ސަޕޯޓަރުންނާއި ދަނޑަށް މެޗު ބަލަން އައި ސަޕޯޓަރުންނަށް ވިސްނާއިރު މިއީ ދެރައެއް. އެއްވަރެއްގައި ނަތީޖާތައް ހިފަހައްޓަން މަސައްކަތް ކުރިޔަސް ލިވަޕޫލަށް އެކަމެއް ނުވޭ" ރޮބާޓްސަން ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލަކީ 19 ވަނަ މިނެޓުގައި ލިވަޕޫލްގެ އިބްރާހީމް ކޮނާޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކޮނާޓޭ ފައިގައި ޖެހިފައި އެ ބޯޅަ ގޯލަށް ވަން އިރު އެ ބޯޅަ ދިފާއުކުރަން ގޯލްކީޕަރު އެލިސަން ބެކާ މަސައްކަތް ކުރިނަމަވެސް ހުއްޓުވޭ ގޮތެއްނުވި އެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ބްރެންޓްފޯޑްގެ ޔޯން ވިސާ ޖެހި ލަނޑެއް ވީއޭއާރުގެ އެހީގައި ރެފްރީ ކެންސަލްކުރި އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ވިސާ ވަނީ ބޮލުން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ.

ލިވަޕޫލްގެ ހަމައެކަނި ގޯލު 50 ވަނަ މިނެޓުގައި ޖެހީ އެލެކްސް އޮކްސްލޭޑް ޗެމްބަލިން އެވެ. މިއީ އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ބޮލުން ޗެމްބަލިން ޖެހި ލަނޑެކެވެ. އޭގެފަހުން ލިވަޕޫލުން ވަނީ ނަތީޖާ ހަމަހަމަ ކުރަން ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ރޭގެ މެޗުގައި ވެސް ލިވަޕޫލްގެ އަގުބޮޑު ފޯވާޑް ޑާވިން ނޫނޭޒް އަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

ބްރެންޓްފޯޑްގެ ފަހު ގޯލު 84 ވަނަ މިނެޓުގައި ޖެހީ ބްރަޔަން އެމްބުއޭމޫ އެވެ. މިއީ ކޮނާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އެމްބުއޭމޫ ޖެހި ގޯލެކެވެ.

ޕްރިމިއާ ލީގުގައި މިރޭ ހަތަރު މެޗު ކުޅޭނެ އެވެ. އޭގެތެރޭގައި އާސެނަލުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެ އެވެ.

މި ލިއުމާއި ގުޅޭ