ދައުލަތަށް ދައްކަން ޖެހޭ އެތައް ފައިސާއެއް ނުދައްކާ ހުރެ، ޓެކްސް ބޮޑުކުރުން ދިފާއުކޮށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވާހަކަ ދެއްކުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެއެވެ.
މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޓެކްސް ބޮޑުވުމާއި ގުޅިގެން ރައްޔިތުންނަށް ހެޔޮއެދިގެން ކުރީގެ ރައީސުންނަށް ދައުލަތުންދޭ މުސާރަޔާއި، މިހާރުގެ ވަޒީފާގެ މުސާރަޔާއި، އޮފީސް ހިންގާ ލާރިޔާއި، ސެކިޔުރިޓީއަށް ކުރާ ހޭދަޔާއި، ގަނޑުވަރުގެ ޚަރަދާއި، ދަތުރުފަތުރަށް ކުރާ ޚަރަދުން އެއްވެސް ވަރެއް އުނިކުރަން ކުރީގެ ރައީސުން އެދުނު؟" ތޯއެވެ.
މި ޓްވީޓަށް ރައްދު ދީފައިވާ ދިވެހި ރައްޔިތުން ވަނީ މޫސައަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މޫސަ އަށް ރައްދު ދެމުން އެޓްވީޓަށް ކޮމެންޓް ކުރި މީހުން ބުނެފައިވަނީ މޫސަ އަކީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއް ނަމަ ދައުލަތަށް ނުދައްކައި ހުރި ފައިސާ ދައްކައި ދިނުމަށެވެ. އަދި މިފަދަ ވާހަކަ ދައްކަން މޫސަ ކަހަލަ ޓެކްސް ފައިސާ މިލިއަނުން ނުދައްކާ މީހަކު ލަދު ގަންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މޫސަ އަކީ މޯލްޑިވިއަން އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށާއި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، އެފްއެސްއެމް އަދި ބޭންކް އޮފް މޯލްޑިވްސް އަދި ވެސް ސަރުކާރު އެތައް ކުންފުންޏަކަށް އެތައް މިލިއަން ރުފިޔާ ދައްކަންޖެހޭ ފަރާތެކެވެ.
އަދި މޫސާ މަނިކުގެ އާއިލީ ކުންފުނިން ހިންގާ ރަހާ ރިސޯޓުން ދައުލަތަށް ކުއްޔާއި، ކުލި ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި 43 މިލިއަން ރުފިޔާ ނުދައްކާ މިހާރުވެސް އެބައޮތެވެ.
މީގެ އިތުރުން ރައްޔިތުންގެ ޓެކްސް ފައިސާއިން މޫސަގެ ދަރިފުޅު ބުޝައިނަތު މޫސާއަށް ދިވެހި ސަރުކާރުން މަހެއްގެ މައްޗަށް 179،000 ރުފިޔާ ހަރަދުކުރާކަން ވަނީ ދާދިފަހުން ހާމަވެފައެވެ.
މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހަތައް ހިންގުމަށް މޫސަ އާ ވަނީ ހަވާލުކޮށްފައެވެ.