Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފައިސާ ޗާޕުކުރުން

ދިވެހި ފައިސާގެ އަގު ދާއިމީގޮތަކަށް ވެއްޓިދާނެ ކަމުގެ ބިރު!

ދިވެހި ރުފިޔާ. ފޮޓޯ: ދިޔަރެސް.

ޤައުމުތަކުން އެ ގައުމުގެ ފައިސާ އާންމުކޮށް ޗާޕުކުރަނީ އިޤްތިސާދު ކުރިއަރާ މިންވަރަށް ބަލައި، އިޤްތިސާދުގައި އެ ފައިސާއަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހުގައެވެ. ރާއްޖެ ކަހަލަ ކުޑަ ޤައުމުތަކުގެ ފައިސާއަށް ޑިމާންޑު އޮންނާނީ ރާއްޖޭގެ އިޤްތިސާދުގެ ތެރޭގައި އެކަންޏެވެ. އެމެރިކާފަދަ ބޮޑެތި ޤައުމުތަކުގެ ފައިސާއަށް މުޅި ދުނިޔެއިންވެސް ޑިމާންޑު އޮންނާތީ، އިޤްތިސާދީ ނުރައްކާތަކާއި ކުރިމަތިނުވެ އެ ޤައުމަށް ބޭނުންވަރަރަކަށް ފައިސާ ޗާޕުކުރެވެއެވެ.

ރާއްޖޭގައިވެސް ޒަމާނީ ބޭންކިން ނިޒާމެއް ޤާއިމްކުރެވި، މަރުކަޒީ ބޭންކެއް އުފެއްދިފަހުން ފައިސާ އިޤްތިސާދަށް ނެރެމުން އަންނަނީ އިޤްތިސާދުކުރި އަރާ މިންވަރަށް ބަލާފައެވެ. ދިމާވާ ހާލަތެއްގެ ސަބަބުން މަޖުބޫރުވެގެން މަރުކަޒީ ބޭންކުން އިޤްތިސާދުތެރެއަށް ފައިސާ ނެރުނަސް، އެކަން އާންމުކޮށް ކުރަނީ ކުރު މުއްދަތަކަށެވެ. މިގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވާ ޤާނޫނުގެ ދަށުން އެގޮތަށް ނެރޭ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހެއެވެ.

2020 ވަނަ އަހަރު ދިމާވި ކޮވިޑު-19 ގެ އާލަމީ ވަބާގެ ތެރޭގައި ސަރުކާރުން ވަނީ އެ ޤާނޫނަށް އަމަލުކުރުން ހުއްޓާލުމަށްފަހު މަރުކަޒީ ބޭންކުން އެތައް ބިލިއަން ރުފިޔާ އިޤްތިސާދަށް ނެރެފައެވެ. އޭރު ސަރުކާރުން ބުނީ، އެއް އަހަރު ތެރޭގައި އެ ފައިސާ އަނބުރާ އެމްއެމްއޭއަށް ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް އެފަހުން 2021 ވަނަ އަހަރު އެ ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް އިތުރުފައިސާ އިޤްތިސާދަށް ނެރުނެވެ. އަދި ސަރުކާރުން މިހާރު އެދެނީ ދެން އެ ފައިސާ އެއްވެސް ގޮތަކަށް އަނބުރާ ނުދެއްކުމަށެވެ. ނަމަވެސް އެމްއެމްއޭ އިން ވަނީ އިންޓަރެސްޓް ރޭޓަކާއި އެކު އެ ފައިސާ ދައްކަންޖެހޭނެ ކަމަށް ބުނެފައެވެ.

އިޤްތިސާދު ފުޅާވާ މިންވަރަށް ރިއާޔަތް ކުރުމެއް ނެތި މިގޮތަށް ފައިސާ ޗާޕުކުރުމަކީ އޭގެ ގެއްލުން އިޤްތިސާދަށް ވަރަށްބޮޑަށް ކުރާނެކަމެކެވެ.

ފައިސާގެ އަގު ދަށަށް ދާނެ

ދިވެހި ރުފިޔާ އަގުކޮށްފައި ވަނީ އެމެރިކާ ޑޮލަރާ އަޅާކިޔައިގެންނެވެ. މިގޮތުން ދިވެހި ރުފިޔާގެ ރަސްމީ ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާއެވެ. މި ރޭޓަކީ މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓެކެވެ. އަދި އިޤްތިސާދަށް އަންނަ ބަދަލުތަކާއި އަވަސް އަވަހަށް މިރޭޓު ބަދަލެއް ނުވާނެއެވެ. މިގޮތަށް ފައިސާ ގަނެ ވިއްކާ ރޭޓު ހިފެހެއްޓިފައި އޮތުމަށް ކިޔަނީ "ފިކްސްޑް އެކްސްޗޭންޖް ރޭޓް" އެއް އޮތުމެވެ.

އެކްސްޗޭންޖް ރޭޓު ނޫނީ ފައިސާ ގަނެވިއްކާއަގު އެއްހަމައެއްގައި ހިފެހެއްޓޭނީ އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ. އެ ޤައުމުގެ ފައިސާއަށް އޮންނަ ޑިމާންޑު އިޤްތިސާދު ތެރޭގައި ބޮޑުވެއްޖެނަމަ، ރިޒާވުގައި ހުރި ބޭރު ފައިސާ ބޭނުންކޮށްގެން އަމިއްލަ ޤައުމުގެ ފައިސާ ގަނެވޭނެއެވެ. އަދި ޑިމާންޑު ދަށަށް ގޮސްފިނަމަ މަރުކަޒީ ބޭންކުގައި ހުރި ފައިސާ ވިއްކޭނެއެވެ. މިގޮތަށް އަމަލުކުރުމުން މަރުކަޒީ ބޭންކަށް އެކްސްޗޭންޖް ރޭޓް އެއްހަމައެއްގައި ހިފަހައްޓާ، ފައިސާގެ އަގު ކުއްލިއަކަށް އުފުލި، ނޫނީ ދަށަށް ގޮސް ހެދުން ހުއްޓުވޭނެއެވެ.

ޤައުމެއްގެ މަރުކަޒީ ބޭންކުން އެ ގައުމުގެ ފައިސާ މާގިނައިން ޗާޕުކުރަން ފަށައިފިނަމަ އެ ފައިސާގެ އަގު ދަށަށް ދާން ފަށާނެއެވެ. މިގޮތުން އިޤްތިސާދުގައި ފައިސާއަށް އޮތް ޑިމާންޑަށްވުރެ ސަޕްލައި އިތުރުވާނެއެވެ. މިއާއި އެކު ފައިސާގެ އަގު ވެއްޓޭނެއެވެ. މީގެ އާހިރު ނަތީޖާއަކަށް ވާނީ މުދަލާއި ހިދުމަތްތަކުގެ އަގު އުފުލުމެވެ.

ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު

ދިވެހިރާއްޖެ ފަދަ ފައިސާ ގަނެ ވިއްކާނެ ރަސްމީ ރޭޓެއް ކަނޑައެޅިފައި އޮންނަ ގައުމުތަކުގައި މިގޮތަށް ފައިސާ ޗާޕުކުރުމަކީ އަދި މާނުރައްކާތެރި ކަމެކެވެ. ފައިސާ ޗާޕުކުރުމުން ކުރިންވެސް ފާހަގަކުރި ފަދައިން، އިޤްތިސާދުގައި އެ ފައިސާއަށް އޮންނަ ޑިމާންޑު ދަށަށްދެއެވެ. އެހެން ކަމުން ފައިސާގެ އަގު ހިފަހައްޓަން ދައުލަތުގެ ރިޒާވްގައި ހުރި ބޭރު ފައިސާ ބޭނުންކުރަން މަރުކަޒީ ބޭންކަށް މަޖުބޫރުވެއެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވުން ބޭރު ފައިސާ ހުސްވެއެވެ. ރިޒާވުން ބޭރު ފައިސާގެ މިންވަރު މަދުވާ ވަރަކަށް ފައިސާގެ އަގު ދާނީ އިތުރަށް ދަށަށެވެ.

އިޤްތިސާދީ ހަގީގަތްތަކަށް ބެލުމެއް ނެތި ފައިސާ ޗާޕުކުރި ޤައުމުތަކަށް އޭގެ ގެއްލުން އެތައް ޖީލަކަށް ދެމިގެންދިޔައެވެ. ބައެއް ޤައުމުތަކުން އަދިވެސް ދަނީ އެކަމުން އަރައިގަންނަން މަސައްކަތްކުރަމުންނެވެ.

ފައިސާ ޗާޕުކުރުމުގެ ސަަބަބުން ފަހުގެ ތާރީހެއްގައި އިޤްތިސާދު ފުނޑުފުނޑުވި އެންމެ ވަރުގަދަ އެއް މިސާލަކީ ޒިމްބާބުވޭއެވެ. އެ ޤައުމުގައި 1990 ގެ ކުރީ ކޮޅުން ފެށިގެން 2000 ގެ އަހަރުތަކާއި ހަމައަށް އެކިއެކި ސަބަބުތަކާއި ހެދީ އިންފްލޭޝަން ވަރަށް މައްޗަށް ދިޔައެވެ. އެކަމަށް ހައްލެއް ހޯދުމަށް، އަދި އިޤްތިސާދު ސްޓިމިއުލޭޓް ކުރުމަށް އެ ގައުމުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރިއެވެ. އެއާއި އެކު އިޤްތިސާދުގައި ދައުރުވާ ފައިސާ އެތައް ގުނައަކަށް އިތުރުވެ ޒިމްބާބުވޭގެ ފައިސާގެ ވަރަށް ބޮޑަށް ވެއްޓުނެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް ޒިމްބާބުވޭގެ އިންފްލޭޝަން ރޭޓު ހުރީ 800 އިންސައްތައަށްވުރެ މަތީގައެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ ޤައުމަށް މަޖުބޫރު ވެފައިވަނީ އެހެން ޤައުމުތަކުގެ ފައިސާ ބޭނުން ކުރާށެވެ.

ރާއްޖޭގެ މިއަދުގެ ހާލަތު

ރާއްޖޭގެ މިއަދުގެ ހާލަތު ހަގީގަތުގައި އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވްގައި ހުރީ 98 މިލިއަން ޑޮލަރެވެ. ރިޒާވް ހުސްވާން ކައިރިވުމުން ސަރުކާރުން ވަނީ އިންޑިއާގެ މަރުކަޒީ ބޭންކުން 400 މިލިއަން ޑޮލަރު ހޯދާފައެވެ. އަދި އެގައުމުގެ ސްޓޭޓް ބޭންކުން 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ހޯދާފައެވެ.

ދިވެހި ދައުލަތުގެ ރިޒާވް އެހާ ބޮޑަށް ދަށް ގޮސްފައިވަނީ ތެލުގެ އަގު ބޮޑުވުމުން ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް ރިޒާވް ދަށަށް ދާ ހަމައެކަނި ސަބަބަކީ އެއީއެއް ނޫނެވެ. އިޤްތިސާދުގެ ތެރޭގައި އެތައް ގުނައަކަށް އިތުރަށް ދިވެހި ފައިސާ ދައުރުވުމުން ފައިސާގެ އަގު ހިފަހައްޓަން މަރުކަޒީ ބޭންކުން ބޭރުގެ ފައިސާގެ ރިޒާވް ބޭނުން ކުރަންޖެހެއެވެ. ފައިސާ ޗާޕު ކުރުމުގެ ސަބަބުން، ދިވެހި ރުފިޔާގެ އަގު ދަށަށް ދާނެ ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން އެންމެ ފުރަތަމަވެސް ދިނެވެ. އެހެން ނަމަވެސް ސަރުކާރުން އެކަމަކަށް ސަމާލުކަމެއްނުދެއެވެ.

އިންޑިއާއިން ނެގި ލޯނުތަކާއި އެކު ރިޒާވްގައި މިވަގުތު ބޭރު ފައިސާ އެބަހުއްޓެވެ. އެހެން ނަމަވެސް ލޯނަކީ ވަގުތީ ހައްލެކެވެ. އަވަސް މުއްދަތެއްގައި މިކަމަށް ހައްލެއް ނުގެނެވިއްޖެނަމަ ދިވެހި ރުފިޔާގެ ރަސްމީ ގަނެވިއްކާ އަގު، މިހާރު ކަޅު ބާޒާރުގައި ހުރި އަގު ކަމަށްވާ 17.40 އަށް ބަދަލުކުރަން ޖެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

މި ލިއުމާއި ގުޅޭ