ކުށުގެ މާހައުލުގައި ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުން ވާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ފައްކަވަމުން ވިދާޅުވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުށް ކުރުމުގެ އެކި މަރުހަލާތައް ވާއިރު މިއިން ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީންގެ ބައިވެރިވުން ވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވައްކަމަށް ބަލާނަމަ ވައްކަން ކުރުމާ ހިސާބުން ނުވަތަ އެތަކެތި ރައްކާކުރުމާ ހިސާބުން ނުވަތަ އޭގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާއި ހިސާބުން ކޮންމެވެސް ވަރަކަށް ބިދޭސީންގެ ބައިވެރިވުން އޮންނަކަން ފާހަގަވާކަމަށެވެ.
އަދި މަސްތުވާތަކެތީގެ މައްސަލައަށް ބަލާނަމަވެސް ކޮންމެވެސް އެއް މަރުހަލާއެއްގައި ބިދޭސީން އެ މަސައްކަތުގައި ބައިވެރިވާކަން ފާހަގަވެފައިވާކަމަށް ޝުއައިބު ވިދާޅުވެފައިވެއެވެ.
ޝުއައިބު އިތުރަށް ވިދާޅުވީ ޑޮލަރު ވިއްކުމާއި މީހުންނަށް އޮޅުވާލައިގެން ޑޮލަރުގެ މުއަމަލާތްތައް ހިންގުން ފަދަ މައްސަލަތައް އަދިވެސް ފެންމަތިވަމުންދާކަމަށާއި އެފަދަ މައްސަލަތަކުގައިވެސް ބިދޭސީންގެ ބައިވެރިވުން ބޮޑުކަމަށެވެ.
އެހެންނަމަވެސް މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި އަދިވެސް އިތުރަށް ސަމާލުކަން ދެވޭނެ ކަންކަން ހުރިކަމަށް ޝުއައިބު ވިދާޅުވިއެވެ.