އިތުބާރުކުރަންޖެހޭ ފަދަ މަޤާމެއްގައި ހުރެ ކުޑަ ދެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވި މީހެއްގެ މައްޗަށް ފަނަރަ އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފިއެވެ.
މާލެއަށް ނިސްބަތްވާ އެ މީހާގެ މައްޗަށް ދައުވާކުރީ އޭނާ ދިރިއުޅޭ ކޮޓަރީގައި އެ ދެ ކުދިން ނިދަމުން އައި ދުވަސްވަރު، 2018 ވަނަ އަހަރުގެ އެކި ދުވަސްމަތިން އެއިން އެއް ކުއްޖެއްގެ ކުރިމަތި ފަރާތުގައި އަތްލައި އޭނާގެ ކުރިމަތި ފަރާތް އެ ކުއްޖާއަށް ދައްކަން މަސައްކަތްކޮށްފައިވާތީއާއި، ދެވަނަ ކުއްޖާގެ މޭމަތީގައާއި ކުރިމަތީ ފަރާތުގައި އަތްލައި އޭނާގެ ކުރިމަތި ފަރާތް އެ ކުއްޖާއަށް ދައްކައި ކުއްޖާގެ ކުރިމަތި ފަރާތުގައި އެ ކުއްޖާ ލައްވައި އަތްލައްވަން މަސައްކަތްކުރިކަމުގެ ތުހުމަތުގައެވެ.
ދައުލަތުން ބުނެފައިވަނީ ތަހުގީގުގައި އެ ކުދިންގެ މޭމަތީގައި އަތްލިކަމަށް އޭނާ އިއުތިރާފުވި ކަމަށެވެ. އޭނާ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ އެ ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.
ޝަރީއަތުގެ މަޖިލީހުގައި އޭނާ މި ދައުވާއަށް އިންކާރުކުރިއެވެ. ނަމަވެސް ދައުލަތުން އެ މައްސަލާގައި އޭނާއާ ދެކޮޅަށް ހުށަހެޅި ހެއްކާއި ޤަރީނާއިން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާ އެކުށް ކުރިކަން ޝަރީޢަތަށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ޤާޟީ އަލްއުސްތާޛް އާދަމް މުޙައްމަދު ކަނޑައެޅުއްވިއެވެ.
އެ މައްސަލާގައި ކުށް ސާބިތުވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ ފަނަރަ އަހަރަށް ޖަލަށް ލުމުގެ ހުކުމެކެވެ.