ޓީއެމްއެމްއޭގެ ސިސްޓަމަށް މައްސަލައެއް ކުރިމަތިވެ ގިނަ އަދަދެއްގެ ފަތުރުވެރިން ރިސޯޓުތަކަށް ނުދެވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި ތިބެންޖެހިއްޖެއެވެ.
އައު އަހަރުގެ ފެށުމާ ދިމާކޮށް މި ހަފުތާގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޓީއެމްއެމްއޭގެ ކައުންޓަރުތަކަށް މައްސަލައެއް ކުރިމަތިވީ އިއްޔެއެވެ.
އިއްޔެ ޓީއެމްއޭއިން އެ ކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ސިސްޓަމަށް "މަލްވެއާ" ހަމަލާއެއް އައިސްފައިވާ ކަމަށެވެ. އަދި ސިސްޓަމަށް ކުރިމަތިވި މައްސަލައާ ގުޅިގެން މަސައްކަތަށް ބުރޫއަރާނެކަމަށް އެ ކުންފުނިން ބުންޏެވެ.
ޓީއެމްއޭގެ ސިސްޓަމަށް ކުރިމަތިވި މައްސަލައާ ގުޅިގެން ފަތުރުވެރިން ރިސޯޓުތަކަށް ގެންދަން އެހެން އިންތިޒާމުތައް ތަރުތީބުކުރުމަށް ޓީއެމްއޭއިން ކަސްޓަމަރުން ކިނބައިން އެދުނެވެ. ނަމަވެސް ސީޕްލޭނުގެ ޚިދުމަތް ދޭ އެހެން އެއާލައިންތަކުގައިވެސް އެފަދަ ޖާގައެއް ނެތުމުން އެކަމަށް ދަތިވިއެވެ.
ރާއްޖޭގެ މަޝްހޫރު ބޮޑު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރެއް "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެވެސް މިއަދުވެސް ފަތުރުވެރިން ރިސޯޓަށް ގެންދިއުމުގައި ދަތިތައް މެދުވެރިވެ ހެނދުނު އައި ފަތުރުވެރިން އަދިވެސް އެއާޕޯޓުގައި ތާށިވެފައި އެބަތިބި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލަ ހައްލުނުކުރެވި ލަސްވަމުން އަންނާތީ ގިނަ އަދަދެއްގެ ފަތުރުވެރިން ޝަކުވާކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓިދާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.