މިއަދުން ފެށިގެން ޖީއެސްޓީ/ޓީޖީއެސްޓީ ބޮޑުކުރުމާއެކު ފެށުނު އައު އަހަރަކީ ދަތި ގޮންޖެހުން ބޮޑު އަހަރަކަށްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައު އަހަރާ ގުޅިގެން ކުރެއްވި ޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަކީ އުންމީދާއި ގޮންޖެހުންތަކުގެ އަހަރަކަށްވާނެ ކަމަށެވެ. އެގޮތުން ގޮންޖެހުންތަކުގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ މަތިވެފައިވާ ޓެކުހާއި، އެއާއެކު ބޮޑުވާނެކަމަށް ބެލެވޭ އިންފުލޭޝަނާއި ތަކެތީގެ އަގުތަކެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ޓެކުސްގެ ނިޒާމު ތައާރަފުވެގެން އައީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން ޓެކުހުގެ ނިޒާމަށް އެކި ވެރިކަމުގައި އެކި މިންވަރުގެ ބަދަލުތައް އަންނަނީ ގެންނަމުންނެވެ. އެގޮތުން އެންމެ ފަހުން ގެނައި ބަދަލަކީ އާމްދަނީން ޓެކުސް ނަގަން ފެށުމެވެ.
ކުއްލި ގޮތަކަށް ޖީއެސްޓީ/ޓީޖީއެސްޓީ ރޭޓުތައް މަތިކުރަން ސަރުކާރުން ނިންމީ ދައުލަތުގެ ޚަރަދުތައް ބޮޑުވަމުންދާއިރު، އެ ދުވެލީގައި ދައުލަތުގެ އާމްދަނީ އިތުރުނުކުރެވޭތީއެވެ. އާމްދަނީ ހަމަޖެއްސުމަށް ޓެކުސް ރޭޓުތައް ބޮޑުކުރަން ސަރުކާރުން ނިންމުމުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުވިއެވެ.
ޓެކުސް ބޮޑުކުރަން ސަރުކާރުން ނިންމި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައިވަނީ މި ދަނޑިވަޅަކީ ޓެކުސް ބޮޑުކުރުމުން މުޅި އިޤުތިޞާދަށއް އަދި ޚާއްޞަކޮށް ނިކަމެތި ރައްޔިތުންނަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ދަނޑިވަޅެއްކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، ޕްރައިމަރީގެ ކެމްޕޭން ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވައުދުވެވަޑައިގެންފައިވަނީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޓެކުސް ރޭޓުތައް ކުޑަކުރައްވާނެ ކަމަށެވެ.
ޓެކުސް ރޭޓުތައް ކުޑަކުރެއްވުމަށް ނަޝީދު ވައުދުވެވަޑައިގެންނެވިއިރު ރައީސް ޞާލިޙު ވިދާޅުވެފައިވަނީ ޓެކުސް ބޮޑުކުރުމުން ތަކެތީގެ އަގަށް އަންނަ އިތުރުވުމަކީ ރައްޔިތުންނަށް ނުއުފުލޭނެ ވަރުގެ ބުރައަކަށްވާނެކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.