Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި މުސްލިމުންނަށް ނިސްބަތްވާ 4000 ގެ ތަޅާލަނީ

އިންޑިއާގެ އުތުރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ އުއްތަރުކަންޑުގައި މުސްލިމުންނަށް ނިސްބަތްވާ 4000 އެއްހާ ގެ ތަޅާލަން އެ ޤައުމުގެ ހައިކޯޓުން އަމުރުކޮށްފިއެވެ.

އުއްތަރުކަންދުގެ ހަލްޑްވަނީ ރެއިލްވޭ ސްޓޭޝަން ކައިރީ އޮންނަ ބިމެއްގައި ހުރި މި ގެތަކަކީ ހުއްދަނެތި އަޅާފައިވާ ގެތަކެއް ކަމަށްބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ހަރުކަށި ހިންދޫ ފިކުރުގެ ޖަމާއަތެއް ކަމަށްވާ އާރުއެސްސްއަށް ނިސްބަތްވާ މީހެކެވެ.

ރެއިލްވޭ ސްޓޭޝަން ކައިރީ އޮންނަ 78 އޭކަރުގެ ބިމުގައި 4365 ގެ ހުރިއިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންގެ ގެތަކެވެ. އުއްތަރުކަންދުގެ ހައިކޯޓުން ވަނީ އެ ހުރިހާ ގެތައް ތަޅާލަން އަމުރުކޮށްފައެވެ. އަދި ގެތައް ތަޅާލުމަށް 7000 ފުލުހުންނާއި 15 ޕެރަމިލިޓަރީ ޖަމާއަތް އެހީތެރިވާނެ ކަމަށް އިންޑިއާގެ ނޫށްތަކުގައި ބުނެފައިވެއވެ.

ހައިކޯޓުގެ މި އޯޑަރާއި ގުޅިގެން އެ ގެތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުން ވަނީ މުޒާހަރާކުރަން ފަށާފައެވެ.

އަދި އޯލް އިންޑިއާ މަޖިލިސް އިއްތިހާދުލް މުސްލިމީން ޖަމިއްޔާގެ އުއްތަރުކަންދުގެ ރައީސް ޑރ.ނައްޔާރު ކަޒްމީ ވަނީ އެ ގެތައް ތެޅުން ހުއްޓުވުމަށް އެދި އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕުޝްކާރު ސިންގަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ޑރ.ނައްޔާރު ވަނީ އެ ސަރަހައްދުގައި އެ އާއިލާތަކުން އުޅެމުންދާތާ 780 އަހަރު ވެފައިވާ ކަމަށާއި އެ ގެތަކަށް ދައުލަތުން ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްވެސް ފޯރުކޮށްދެމުން ގެންދާކަމަށެވެ. އެހެން ކަމުން އެއީ ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށް ނުބުނެވޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އިންޑިއާގެ ވެރިކަމަށް ހަރުކަށި ހިންދޫ ފިކުރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައިފަހުން މުސްލިމުންނަށް އެކި ގޮތްގޮތަށް އަނިޔާކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ލިއުމާއި ގުޅޭ