މުދަލާއި ހިދުމަތްތަކުގެ އަގުން ނަގާ ޓެކްސް އަންނަ އަހަރުގެ 1 އިން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ މިރޭ 00:00 ގެ ފަހުން ތަކެތީގެ އަގު އުފުލޭނެއެވެ.
ޓެކްސް ޤާނޫނަށް ގެނައި އިސްލާހާއި އެކު މުދަލާއި ހިދުމަތްތަކުން 8 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެއެވެ. މީރާ އިން ބުނެފައިވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރީގެ ހިދުމަތްދޭ ތަންތަނުން މިރޭ 00:00 އިން ފެށިގެން ނަގަންވާނީ ބޮޑުކުރި ޓެކްސްއެވެ. އަދި އެހެން ތަންތަނުން އެ ޓެކްސް ނަގަން ފަށަންވާނީ މާދަމާގެ ވިޔަފާރިއަށް ހުޅުވާލުމަށްފަހުގައެވެ.
ޓެކްސް ބޮޑުކުރުމުގެ ސަބަބުން މީހަރުވެސް މުދަލާއި ހިދުމަތްތަކުގެ އަގު އުފުލެން ފަށާފައިވާއިރު މަރުކަޒީ ބޭންކު އެމްއެމްއޭއިން ވަނީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު ވަރަށް ބޮޑަށް އުފުލޭނެ ކަމަށް ބުނެފައެވެ. އަދި އައިއެމްއެފް އާއި ވޯލްޑްބޭންކުންވެސް ވަނީ ހަމައެގޮތަށް ލަފާކޮށްފައެވެ.
އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި ޖީއެސްޓީ ބޮޑުކުރުމުން އަންނަ އިންފްލޭޝަނަކީ ރައްޔިތުންނަށް އެހާބޮޑު ބުރައަކަށް ނުވާނެކަމަށެވެ.
"ކޮންމެއަކަސް އިންފުލޭޝަނެއް އަންނާނެ. އެއީ އަޅުގަނޑުވެސް ޤަބޫލުކުރާ އެއްޗެއް. ނަމަވެސް އެއީއަކީއެއް އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އެ ނުދެއްކޭ ވަރުގެ އެއްޗަކަަށްވެގެންނެއް ނުދާނެ. ރައްޔިތުންނަށް އެހާ ބޮޑު ބުރައެއް އުފުލަންޖެހޭނެ އެއްޗަކަށް ވެގެންދާނެކަމަށް އަޅުގަނޑު ނުދެކެން،" މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރަން ނިންމީ އެކަމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ރައީސް ނަޝީދު ފެކްޝަންގެ މަޖިލީސް މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.