Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެލޭ

ހިތްހަލާކު ވެއްޖެ، ޕެލޭ އަކީ ދުނިޔޭގެ އެއްވަނަ: އިންފަންޓީނޯ

ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވުމުން ހިތް ހަލާކުވެއްޖެ ކަމަށާއި، ޕެލޭ އަކީ ގަރުނުގެ އެންމެ މޮޅު އެތުލީޓު ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ބޮޑު ގޮހޮރުގެ ކެންސަރު ބަލީގައި ޕެލޭ މަރުވީ ރޭ މެންދަމު އެވެ. ޕެލޭގެ ސިއްހީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭގެކުރިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕެލޭގެ ހަށިގަނޑުން ޓިއުމަރެއް ނެގި އެވެ. ވޯލްޑް ކަޕް ތެރޭގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ވެސް ޕެލޭ ދިޔައީ އޭނާގެ މެސެޖުތައް ދުނިޔެ އަށް ހާމަކޮށްދެމުންނެވެ. ޕެލޭގެ ހާލަތު މާބޮޑަށް ގޯސްވުމުން އާއިލާގެ މެމްބަރުން އިއްޔެ ހޮސްޕިޓަލަށް ޖަމާވި އެވެ. މަރުވިއިރު ޕެލޭގެ އުމުރަކީ 82 އަހަރެވެ.

ޕެލޭގެ މަރާ ގުޅިގެން ކުޅިވަރުގެ އާއިލާއިން އަންނަނީ ތައުޒިއާ އަދާކުރަމުންނެވެ. ފީފާގެ ރައީސް އިންފަންޓީނޯގެ މެސެޖުގައި ބުނީ ޕެލޭ މަރުވި ހަބަރާ އެކު އޭނާގެ ހިތް ފަޅައިގެން ހިނގައްޖެ ކަމަށެވެ. އިންފަންޓީނޯ ސިފަކުރި ގޮތުގައި ޕެލޭ އަކީ މި ގަރުނުގައި އުފެދުނު އެންމެ މޮޅު އެތުލީޓެވެ.

"ޕެލޭގެ ޖާދު ފެންނަ ވަގުތު މުޅި ދުނިޔެ ހުއްޓޭ. އެހެން ކުޅުންތެރިން ހުވަފެނުން ވެސް ނުދެކޭ ކަންކަން ޕެލޭ ދަނޑުމަތީގައި ކުރި. ޕެލޭގެ މަރަކީ މުޅި ދުނިޔެ އަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ޕެލޭ އަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ" އިންފަންޓީނޯގެ މެސެޖުގައި ވެ އެވެ.

ފުޓްބޯޅައިގައި ޕެލޭ ހޭދަކުރި 21 އަހަރު ދުވަހު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ތިން ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ބްރެޒިލާ އެކު ޕެލޭ ވޯލްޑް ކަޕް ކާމިޔާބުކުރީ 1958، 1962 އަދި 1970 ވަނަ އަހަރު އެވެ. 1958 ވަނަ އަހަރު ޕެލޭ ވޯލްޑް ކަޕް ކާމިޔާބުކުރީ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެ އުމުރުގައި ކުޅުނު ވޯލްޑް ކަޕް ފައިނަލުގައި ޕެލޭ ދެ ގޯލު ޖެހި އެވެ.

ޕެލޭގެ އާދަޔާހިލާފު ޖާދުވީ ހުނަރާ އެކު 2000 ވަނަ އަހަރު ފީފާ އިން ހޮވި ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޕެލޭ އަށް ލިބުނެވެ.

ބްރެޒިލް ޓީމަށް ކުޅުނު 92 މެޗުގައި ޕެލޭ ވަނީ 77 ގޯލު ޖަހައިފަ އެވެ. ނޭމާއާ އެކު ޕެލޭ އަކީ ބްރެޒިލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އިތުރު އެއް ގޯލު ޖަހައިގެން ނޭމާ އަށް ޕެލޭގެ ރެކޯޑް މުގުރާލެވޭނެ އެވެ.

ނޭމާ ބުނީ ޕެލޭގެ ކުރިން ފުޓްބޯޅަ ފެނުނީ ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ކަމަށެވެ. ޕެލޭ އައިސް ފުޓްބޯޅަ މުނިފޫހިފިލުވައިދޭ ކުޅިވަރަކަށް ބަދަލުކޮށްލި ކަމަށާއި، މުޅި ފުޓްބޯޅަ ބަދަލުކޮށްލީ ޕެލޭ ކަމަށެވެ.

"ޕެލޭ އައިސް ހުރިހާ ކަމެއް ބަދަލުކޮށްލި. ފުޓްބޯޅަ ޝައުގުވެރިކޮށް ކަޅު މީހުންނާއި ފަގީރުންގެ އަޑު އިއްވައިދިން. ޕެލޭގެ ކުރިން ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް" ނޭމާ ބުނެފައިވެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ ޕެލޭއާ އެކު ހޭދަކުރި ކޮންމެ ވަގުތެއްގައި ޕެލޭގެ ފަރާތުން އާދަޔާހިލާފު ހިތްވަރެއް ލިބުނު ކަމަށެވެ.

"ފުޓްބޯޅަ ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި ޕެލޭގެ ހަނދާންތައް އަބަދުވެސް އޮންނާނެ" ރޮނާލްޑޯ ބުންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ޕެލޭގެ މަރާ އެކު ހިތާމަފާޅުކޮށްފަ އެވެ. ބައިޑެން ބުނީ ޕެލޭ ފުޓްބޯޅަ ކެރިއަރު ފެށުމާއި ހަމައިން ފެނުނީ ފުރިހަމަ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

ކިލިއަން އެމްބާޕޭ ވެސް ވަނީ ޕެލޭ އަށް ތައުޒިއާ އަދާކޮށްފަ އެވެ. އެމްބާޕޭގެ މެސެޖުގައި ބުނީ ޕެލޭ އަކީ ފުޓްބޯޅައިގެން ކިންގް ކަމަށާއި ޕެލޭގެ ލެގަސީ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ޕެލޭ އަކީ މުޅި އާ ބްރެޒިލެއް ހޯދައިދިން ކުޅުންތެރިއެއް ކަމަށާއި، ޕެލޭ ކޮށްދިން ހިދުމަތަށް ޝުކުރުވެރިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ