މިރޭ އެމްޑީޕީން ބާއްވަން ނިންމާފައި އޮތް "ދަނޑިކޮށި ޖަގަހަ" ޖަލްސާގައި އެމަނިކުފާނުގެ ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާނުކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެމަފިރިކަނބަލުން އަވައްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 2020 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް އައު އަހަރު ފާހަގަކުރެއްވުމަށް ލަންކާއަށް ވަޑައިގަންނަވައެވެ. އެގޮތުން ލަންކާއަށް ރައީސް މިއަދު ފުރާވަޑައިގެންފައިވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވި ގޮތުގައި ރައީސް ފުރާވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅާ ގުޅޭ އެއްވެސް ތަފުސީލެއް މިއުވާން މީޑިއާއާ ހިއްސާނުކުރައްވައެވެ.
2019 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު އަދި 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ފަހުކޮޅުގައިވެސް ރައީސްވަނީ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ.
ރައީސް ޞާލިޙު ލަންކާއަށް ފުރާވަޑައިގެންނެވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންވަނީ ފެށިފައެވެ. މިރޭ ޗާންދަނީ މަގުގައި ހުންނަ "ދަނޑިކޮށި ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާކަން ކުރިން އޮތީ އިއުލާނުކޮށްފައެވެ.
ކުއްލި ގޮތަކަށް މިރޭގެ ޖަގަހަ ލަޖްސާގައި ބައިވެރިވެވަޑައިނުގެން ލަންކާއަށް ރައީސް ވަޑައިގެންފައިވާއިރު، އެމަނިކުފާނާ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕޭން ލޯންޗުކުރުމަށް ރޭ ޖަލްސާއެއް ރަސްރަނި ބަގީޗާގައި ބާއްވާފައިވެއެވެ.