Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅުގެ މުޒާހަރާ

ހުކުރުދުވަހު އޮންނަ އިދިކޮޅުގެ މުޒާހަރާއަށް ފުލުހުން ހުއްދަދީފި

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިދިކޮޅުން މުޅި ރާއްޖޭގައި ހުކުރުދުވަހު ބާއްވަން ނިންމި މުޒާހަރާގެ ތެރެއިން މާލޭގައި ބާއްވަން ރާވާފައިވާ މުޒާހަރާއަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަދީފިއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ އޮންނަ މުޒާހަރާ ބޭއްވުމަށް ފުލުހުންގެ ޚިދުމަތުން ހުއްދަދީ އެކަން އެ ކޯލިޝަނަށް އަންގާފައިވާ ކަމަށެވެ.

މި މަހުގެ 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެ ޖަލު ހުކުމް ތަންފީޒުކުރުމަށް ހަމަ އެ ދުވަހުގެ އިރުއޮއްސުނު ފަހުން ރައީސް ޔާމީން ކ.މާފުށީގައި ހުންނަ ޖަލަށް ގެންގޮސްފައިވެއެވެ.

ރައީސް ޔާމީނު ބަންދުކުރުމާއެކު އިދިކޮޅު އިއްތިހާދުންވަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާކުރަން ފަށާފައެވެ. އަދި ރައީސް ޔާމީނު މިނިވަންކުރަންދެން މާލޭގައި ސިލްސިލާ ގޮތެއްގައި އިހުތިޖާޖުކުރަން ނިންމާފައިވާކަން އިދިކޮޅު ކޯލިޝަނުން އިއުލާނުކޮށްފައިވެއެވެ.

ހުކުރުދުވަހު އޮންނަ އިހުތިޖާޖަކީ ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް މުޅި ރާއްޖޭގައި އެއް ވަގުތެއްގައި ބާއްވަން ނިންމާފައިވާ އިހުތިޖާޖެކެވެ. ހުރިހާ ރަށެއްގައި ކުރިއަށްގެންދާ އިހުތިޖާޖު ފަށާނީ ހަވީރު 4:00 ގައިކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

މާލެ ސަރަަހައްދުގައި އިހުތިޖާޖު އޮންނާނެ ތަނަކާއި ވަގުތެއް ފަހުން އިއުލާނުކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ