ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަދައްކައި އެމަނިކުފާނުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދޭތީ ޕޮންޒީ ސުކީމެއް ހިންގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީގެ މައްސަލަ ނުބެލި މަޑުޖެހިއްޖެއެވެ.
އަލްޙާންވަނީ އޭނާގެ ހިއްސާ އޮންނަ ކިންގްސް ޓްރޭޑިންގެ ނަމުގައި، ޓްރޭޑުކޮށްގެން ފައިދާ ހޯދައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައެވެ. އެގޮތަށް ނެގި ފައިސާ އެތައް މިލިއަން ރުފިޔާއަކަށް އަރާއިރު އެ ފައިސާ ދިން ފަރާތްތަކަށް އެ ފަރާތްތަކުން ދިން ފައިސާއާއި އަދި އިންވެސްޓުމެންޓުގެ ފައިދާގެ ގޮތުގައި ލިބޭނެކަމަށް އަލްޙާން ވައުދުވީ ފައިސާވެސް ލިބިފައިނުވެއެވެ.
މި ސްކީމަކީ ޕޮންޒީ ސްކީމެއްކަން ފަޅާއެރީ ބަޔަކު އިންވެސްޓަރުންނަށް ބޮޑެތި އަދަދުތަކުން ފައިދާ ލިބޭނެކަމަށް ބުނެ ގިނަ އަދަދަކަށް ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކުރުމާ ގުޅިގެންނެވެ. އެއީ މި އަހަރުގެ މާޗު މަހުގައެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި މޭ މަހުގައި އަލްހާން ފުލުހަށް ހާޒިރުކޮށް އޭނާގެ ބަޔާން ނަގާފައިވެއެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރީ މަނީލޯންޑަރިންގެ ކުށުގެ ތުހުމަތެވެ. އެ ތުހުމަތަށް އަލްހާން އިންކާރުކުރެއްވިއެވެ.
"ދިޔަރެސް"އާ ވާހަކަދެއްކި އަލްހާނުގެ ސްކީމުގައި އިންވެސްޓުކުރި ބައެއް މީހުން ބުނެފައިވަނީ އެ މީހުން އަލްހާނަށް ފައިސާ ދިންކަމާއި އަލްހާނުގެ ފަރާތުން އެމީހުންނަށް އަނބުރާ ފައިސާ ނުލިބޭކަމުގެ ލިޔެކިޔުންތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މަކަރާއި ހީލަތުން އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލަތައް ބަލައިދިނުމަށް ރަސްމީކޮށް ފުލުހަށް ހުށަހެޅިކަމަށްވެސް އެ މީހުން ބުނެފައިވެއެވެ.
މައްސަލަ ހުށަހެޅިތާ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް އެއިން އެއްވެސް މައްސަލައެއް ކުރިއަށްދާ ގޮތުގެ އެއްވެސް ޚަބަރެއް ފުލުހުންގެ ފަރާތުން ނުލިބޭތީ އެ މީހުން ތިބީ އެ މައްސަލަ ކުރިއަށްދާނެކަމުގެ އުންމީދު ނެތިވެ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށް އެމީހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ފުލުހުންގެ އެގްޒެކެޓިވް ފެންވަރުގެ އޮފިސަރެއް ވިދާޅުވީ އަލްހާނުގެ މައްސަލައިގެ ތަހުގީގު ވަރަށް ހަލުއިކޮށް ފުލުހުން ކުރިއަށްގެންދަން ފަށާފައިވަނިކޮށް އެ މައްސަލަ މަޑުޖެހިގެންދިޔައީ މަތިން އައި އަމުރަކާ ގުޅިގެން ކަމަށެވެ. އެފަހުން އެ މައްސަލައިގެ ތަހުގީގު ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ތަހުގީގު ކުރިއަށްދިޔަ ހިސާބުންވެސް އަލްހާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސަރުކާރުގެ ވެރިޔަކު ވިދާޅުވީ ރައީސް ޞާލިޙަށް އަލްޙާން ތާއީދުކުރައްވާތީއާއި އެމަނިކުފާނުގެ ދިފާއުގައި ވާހަކަދައްކަވާތީ އަލްހާނުގެ މައްސަލަ ކުރިއަށްގެންދަވަން ރައީސް ބޭނުންފުޅުނުވާ ކަމަށެވެ. މައްސަލަ މަޑުޖެހިފައި އޮންނަ ސަބަބަކީ އެއީކަމަށާއި، އެކަމުގެ ސަބަބުން ރައީސަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންވެސް ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ މަޑުޖައްސަވާފައި ނުބޭއްވެވުމަށް ރައީސް އަރިހުގައި އެދިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަލްހާނުގެ ޝިކާރައަށްވީ ބައެއް މީހުން ބުނި ގޮތުގައި އެމީހުން އަލްހާނަށް އިތުބާރުކޮށް އޭނާގެ ސްކީމަށް އެމީހުން އުމުރު ދުވަހު އެއްކުރި ފައިސާ ޖަމާކުރުމުން އެ ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާތީ ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ. ބައެއް މީހުން ބުނި ގޮތުގައި އެ މައްސަލައިގެ ތެރެއިން ކުރިމަތިވި މާލީ ދަތިތަކާއެކު އެމީހުންގެ ކައިވެނިތައް ރޫޅި ދިރިއުޅެވޭނެ ގޮތްތައްވަނީ ދަތިވެފައެވެ. އަނެއް ބައި މީހުން ބުނި ގޮތުގައި އަލްހާނަށް ފައިސާ ދޭން ނެގި ދަރަނިތައް އަދާނުކުރެވި ބަނގުރޫޓުވާ ހާލަތަށް އެމީހުންވަނީ ވެއްޓިފައެވެ.
ދައުލަތަށާއި ދައުލަތުގެ ކުންފުނިތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކަވައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކުވެސް ރައީސް ޞާލިޙަށް ތާއީދުކުރައްވާތީ އޭނާ ދައްކަންޖެހޭ ފައިސާގެ އެއްވެސް މައްސަލައެއް ކުރިއަށް ނުގޮސް، އެ ހުރިހާ މައްސަލައެއް ހުރީ ހުއްޓިފައެވެ.