އުތުރުތިލަފަޅުގައި ބަނދަރެއް އެޅުމަށްކަމަށް ބުނެ އިންޑިއާ ސިފައިންނަށް އެތަނުގައި ޤާއިމުވެ ތިބެވޭ ގޮތަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ މަސައްކަތް އިންޑިއާގެ ރޭލު ކުންފުންޏެއްކަމަށް ރެއިލް ވިކާސް ނިގާމް ކުންފުންޏާ ހަވާލުކޮށްފިއެވެ.
ރެއިލް ވިކާސް ނިގާމް ކުންފުންޏަކީ ރޭލު ދަގަނޑު އެޅުމާއި ރޭލު ދަތުރުކުރާ ބުރިޖާއި ބިންގަރާސްތައް ބިނާކުރާ އިންޑިއާ ސަރުކާރު ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ދުވަހަކުވެސް ބަނދަރު އެޅުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.
އުތުރު ތިލަފަޅު މަޝްރޫއަކީ ޖުމްލަ 186 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާ މަޝްރޫޢެކެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 2.9 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ ތެރެއިން 50 މިލިއަން އެމެރިކާ ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސާފައިވެއެވެ.
އިންޑިއާ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މި މަޝްރޫޢު އާރްވީއެންއާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ޚާރިޖީވުޒާރާއިންނެވެ. އެ މަޝްރޫޢު ހަވާލުކުރީ 2 އަހަރުގެ މުހުލަތެއްގެ ތެރޭގައި ހުރިހާ މަސައްކަތްތައް ނިންމާ ގޮތަށެވެ.
އުތުރުތިލަފަޅު މަޝްރޫޢު ކުރިއަށްގެންދާއިރު ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް އެތަނުގައި ޤާއިމުވެ ތިބެވޭ ގޮތަށް ދިވެހި ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުމެއް ހަދާފައިވެއެވެ.
ރާއްޖޭގައި އެކި ނަންނަމުގައި ތިބޭ އިންޑިއާ ސިފައިންނަށް ސަރުކާރުން އަންނަނީ ޑިޕްލޮމެޓުންނަށް ފޯރުކޮށްދޭ މިންވަރުގެ އިމްތިޔާޒުތައް އެއްބަސްވުންތަކުގެ ތެރެއިން ދެމުންނެވެ. އެގޮތުން އެމީހުންގެ އަތުގައި ހުންނަ ތަކެއްޗާ ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމުގެ އިޚުތިޔާރު ދިވެހި ސަރުކާރަށް ނޯވެއެވެ.
މި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ނުގެންގުޅެވޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް އާންމުވެފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގެ ދެލިކޮޕީގައި އެ ސިފައިންނަށް ހަތިޔާރު ގެންގުޅެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މަދަނީ ކުންފުންޏަކުން ތަންފީޒުކުރާ ބަނދަރު ހެދުމުގެ މަޝްރޫޢަކަށް އިންޑިއާ ސިފައިން އެތަނުގައި ފަންނީ މީހުންގެ ގޮތުގައި ޤާއިމުވެ ތިބެންޖެހެނީ ކީއްވެކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ.