ހ.ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް ފުވައްމުލަކަށް ނިސްބަތްވާ ޒުވާނާ ޝިއާއު މުޙައްމަދު ސައީދު ޤަތުލުކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލުގެ މައްޗަށް ފަސް ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އުފުލައިފިއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާން ހާމަކުރެއްވި ގޮތުގައި ޝާހިލުގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. ނަމަވެސް އެއިން ހަތަރު ދައުވާއެއްގެ ތަފުސީލު އޭނާ ހާމަނުކުރައްވައެވެ. ތަފުސީލު ހާމަކުރެއްވި ހަމައެކަނި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިންކަން މީޑިއާއަށް ހާމަވެފައިވެއެވެ. ނަމަވެސް ޝިއާއުގެ އާއިލާއިން އެ ތަފުސީލުތައް އިތުރަށް ފެންމަތިނުކުރަން އެދިފައިވެއެވެ.
މިހާތަނަށް އެ މައްސަލައިގެ ތަހުގީގު ކުރިއަށްގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާއިން ހާމަނުކުރެއެވެ. ނަމަވެސް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތަހުގީގުގައި ޝާހިލު އެއްވެސް މިންވަރަކަށް ވާހަކަނުދައްކައެވެ.
ޕީޖީން ބުނި ގޮތުގައި އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެއް ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ބާކީ އޮތް ދެ ދައުވާގެ ތަފުސީލު ހާމަކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.